Roadha Mihaaru
ޑޯޓްމަންޑް ބަލިވުމުގެ ފައިދާ ހެއިންކެސްގެ ބަޔާނަށް

ޑޯޓްމަންޑް ބަލިވުމުގެ ފައިދާ ހެއިންކެސްގެ ބަޔާނަށް

15 އޮކްޓޯބަރ 2017

މިއުނިކް (އޮކްޓޯބަރު 15) - ޖަރުމަނު ލީގުގައި ރޭ ޑޯޓްމަންޑް ކުޅުނު މެޗުން 3-2 އިން އާރްބީ ލިޕްޒިގު އަތުން ބަލިވިއިރު، ދެ ވަނައިގައި އޮތް ބަޔާން މިއުނިކް 5-0 އިން ފްރެއިބާގް ބަލިކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިއުނިކް (އޮކްޓޯބަރު 15) - ޖަރުމަނު ލީގުގައި ރޭ ޑޯޓްމަންޑް ކުޅުނު މެޗުން 3-2 އިން އާރްބީ ލިޕްޒިގު އަތުން ބަލިވިއިރު، ދެ ވަނައިގައި އޮތް ބަޔާން މިއުނިކް 5-0 އިން ފްރެއިބާގް ބަލިކޮށްފި އެވެ.

ރޭގެ މެޗުން ޑޯޓްމަންޑް ބަލިވުމުން އެއް ވަނައިގައި އެ ޓީމުގެ ލީޑު ވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. ޑޯޓްމަންޑް އެއް ވަނައިގައި އޮތީ އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން އޮތީ 17 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ލިޕްޒިގަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

ޑޯޓްމަންޑް ސީޒަނުގެ ފުރަތަމަ ފަހަރަށް ލީގުގައި ބަލިވި މި މެޗުގައި ދެ ރަތް ކާޑު ފެނިގެންދިޔަ އެވެ. މެޗުގެ ދެ ވަނަ ހާފް ފަށައިގެން ދެ މިނިޓް ތެރޭ ޑޯޓްމަންޑްގެ ގްރީސް ޑިފެންޑަރު ސޮކްރަޓިސް ޕަޕަސްތޮޕޮލުސް އަށް ސީދާ ރަތް ކާޑެއް ދެއްކިއިރު އޭގެ ނުވަ މިނިޓް ފަހުން ލިޕްޒިގުގެ ސެޓެފަން ސެންކާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

މި މެޗުގައި ޑޯޓްމަންޑުގެ ދެ ލަނޑު ވެސް ޖެހީ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް އެވެ. ލިޕްޒިގުގެ ލަނޑުތައް ކާމިޔާބުކުރީ މާސެލް ސަބިޓްޒާ، ޔޫސުފް ޕޫލްސަން އަދި ޖީން ކެވިން އޮގަސްޓިން އެވެ.

ދެ ވަނަ ފަހަރަށް ބަޔާނާ ހަވާލުވެ ހެއިންކެސްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު މި މެޗަކީ މި ސީޒަނުގައި އެ ޓީމުން ލީގުގައި މިހާތަނަށް ކުޅުނު އެންމެ ރަނގަޅު މެޗެވެ. މި މެޗުގައި ބަޔާނުން ލީޑުނެގީ ފްރެއިބާގްގެ ޖޫލިއަން ޝުސްޓާ ޖެހި ބައިގޯލަކުންނެވެ. އަނެއް ލަނޑުތައް ޖެހީ ކިންގްސްލީ ކޯމަން، ތިއާގޯ އަލްކަންޓާރާ، ރޮބަޓް ލެވަންޑޯސްކީ އަދި ޖޯޝުއާ ކިމިޗް އެވެ.

ހެއިންކެސް ބަޔާން ކޯޗުކަމުން އެންމެ ފަހުން ވަކިވީ އެ ޓީމާ އެކު 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ޖަރުމަނު ލީގުގެ އިތުރުން ޖަރުމަނު ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އަލުން އެނބުރި އައިސް ފުރަތަމަ އިރުޝާދުދިން މެޗަށް ފަހު ހެއިންކެސް ބުނީ މިއީ ވަރަށް ހިތްހަމަ ޖެހޭ ވަގުތެއް ކަމަށެވެ.

"އަހަރެން ބަޔާނުން ދިޔައީ މައްސަލަތަކެއް ޖެހިގެނެއް ނޫން. އަހަރެން ހިތުގައި އަބަދުވެސް ބަޔާން އޮވޭ. އަލުން އެނބުރި އައުމަކީ ލިބުނު ބޮޑު އުފަލެއް،" ހެއިންކެސް ބުންޏެވެ.