Roadha Mihaaru
ރާއްޖެއަށް ފިޔަވަޅުއެޅުން ލަސްވެއްޖެ: އީޔޫގެ މެންބަރުން

ރާއްޖޭގެ ހާލަތު ވަރަށް ގޯސް، ފިޔަވަޅުއެޅުން ލަސްވެއްޖެ: އީޔޫ މެމްބަރުން

05 އޮކްޓޯބަރ 2017

ރާއްޖޭގައި ކަންކަން ހިނގަމުންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށާއި ގައުމުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވެއްޖެ ކަމަށް އީޔޫ ޕާލިމެންޓުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ކަންކަން ހިނގަމުންދަނީ ޑިމޮކްރަސީއާ ބީރައްޓެހި މާހައުލެއްގައި ކަމަށާއި ގައުމުގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްވެއްޖެ ކަމަށް އީޔޫ ޕާލިމެންޓުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ފްރާންސްގެ ސްޓްރަސްބާގްގައި ޔޫރަޕިއަން ޕާލަމެންޓްގައި ބޭއްވި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭގައި ހިނގަމުން އަންނަ ކަންކަމުގެ ސަބަބުން ނޫސްވެރިންނަށާއި ސިޔާސީ ލީޑަރުންނަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ޑިމޮކްރަސީއާ ދުރަށް ރާއްޖެ ދަތުރު ކުރަމުންދާ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެހެންވެ، ބައެއް މެމްބަރުން ގޮވާލެއްވީ އިންސާނީ ހައްގުތަކާ ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ މައްސަލަތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް، ފިޔަވަޅު އަޅައި ދިނުމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އިއާދަކޮށް ދިނުމަށް މެމްބަރުން ގޮވާލެއްވި އެވެ.

މެމްބަރުންގެ ވާހަކައިގައި، އަނިޔާވެރި ގޮތަކަށް ބްލޮގަ ޔާމީން ރަޝީދު މަރާލުމާއި އިދިކޮޅު ގިނަ އަދަދެއްގެ މެމްބަރުންނާ ދެކޮޅަށް ދައުވާ ކުރުމާއި ގިނަ އަދަދެއްގެ ވަކީލުންތަކެއް ސަސްޕެންޑް ކުރުމަކީ އީޔޫ އިން ނުހަނު ކަންބޮޑުވެ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން ޝަރީއަތްތައް ހިންގަނީ އިންސާފުވެރިކޮށްތޯ ކަށަވަރު ކުރަން ޖެހެ އެވެ. އެކަން ކަށަވަރުކޮށްފައި ނޫނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ތާއީދު ނުކުރައްވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ބައެއް މެމްބަރުންގެ ވާހަކައިގައި ރާއްޖެ އަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް ދަތުރުކުރުން މަނާކުރަން ޖެހޭނެ ކަމަށް މާނަކުރެވޭ ފަދަ ގޮތަކަށް ދެއްކެވި އެވެ. އަދި ރާއްޖޭގެ ހާލަތު ރަނގަޅު ކުރެވޭނީ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

ރާއްޖޭގައި ހައްދުފަހަނައެޅި ހަރުކަށި ފިކުރު އިތުރުވަމުން އަންނަ ކަން ފާހަގަކޮށް މެމްބަރުން ވިދާޅުވި ގޮތުގައި ޔާމީން ރަޝީދުގެ މަރާލުމަކީ ވެސް އެކަން އިތުރަށް ސާފުވެގެން ދިޔަ ކަމެކެވެ. އެހެންވެ، ރާއްޖެ އަންނަ ޓޫރިސްޓުންނާއި ދިވެހިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދޭން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށް، ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލައި ޔޫރަޕިއަން ޕާލަމެންޓަށް ގަރާރެއް ވަނީ ހުށަހަޅައިފަ އެވެ. އެ ގަރާރުގައި ބުނި ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީންނާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ރައްޔިތުންނަށް ލިބޭ އަސާސީ ހައްގުތަކުން ވަނީ މަހްރޫމްކޮށްފަ އެވެ. އަދި ހިޔާލު ފާޅުކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ ހައްގު ހަނިކުރަން ގާނޫނުތަކާއި ގަވާއިދުތައް ވަނީ ހަދައިފަ އެވެ.

ގަރާރުގައި، އިންސާފުވެރި ޝަރުއީ ނިޒާމަށް ހުރަސް އެޅޭ ފަދަ ކަންކަން ހިނގާފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ދިފާއީ ވަކީލުން ސަސްޕެންޑްކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ހައްދުފަހަނައެޅި ހަރުކަށި ފިކުރު އިތުރުވަމުންދާ ކަމަށާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމާމެދު ކަންބޮޑުވުން ފާޅުކުރި އެވެ. އެ ގަރާރުގައިވާ ގޮތުން މިފަދަ ނުރައްކާތެރި ވެއްޓެެއް ގާއިމުވުމުގައި ރައީސް ޔާމީންގެ ސަރުކާރުގެ ދައުރެއް އެބަ އޮތެވެ. މީގެ އިތުރުން ގަރާރުގައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ހިންގި ބޭއިންސާފު ހުކުމްތައް ބާތިލް ކުރުމަށާއި ސިޔާސީ ލީޑަރުން މިނިވަންކޮށް ޝަރުއީ ނިޒާމާއި މިނިވަން މުވައްސަސާތައް ފުރިހަމައަށް ހިންގޭނެ ގޮތަށް ސަރުކާރުން އަމަލުކުރުމަށް ގޮވާލައިފަ އެވެ.