Roadha Mihaaru
ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫ ކައުންސިލްގައި އެދެފި

ރާއްޖެއަށް ފިޔަވަޅު އަޅަން ކައުންސިލްގައި އެދެން އީޔޫ ޕާލިމެންޓުން ނިންމައިފި

15 މާޗް 2018

ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި އީޔޫ ޕާލިމެންޓުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި އީޔޫ ޕާލިމެންޓުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

ފްރާންސްގެ ސްޓްރަސްބާގްގައި ބޭއްވި އީޔޫ ޕާލަމެންޓްގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 5 ގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ދިވެހި ރައްޔިތުންގެ ހައްގުތައް އިއާދަކޮށް ދިނުމަށް ގޮވާލައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ވަނީ ރާއްޖެއާކު މަސައްކަތް ކުރަން ބޭނުންވާކަން ހާމަ ކުރައްވައިފަ އެވެ.

ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުގެ ވެރިންނާއި ސަރުކާރާ ގުޅިފައިވާ ވިޔަފާރިވެރިންގެ މުދާ އީޔޫގެ ގައުމުތަކުން ހިފެހެއްޓުމާއި ދަތުރުކުން މަނާކުރުން ހިމަނާފައިވެ އެވެ.

ހަތް ގައުމެއްގެ ޕާލަމެންޓްރީ ގްރޫޕަކުން ސްޕޮންސާ ކުރި ގަރާރުގައި ފާހަގަކުރި މުހިންމު ކަންކަމުގެ ތެރޭގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމަށާއި ރައްޔިތުންނަށް ލިބޭ ހައްގުތަކަށް އިހްތިރާމް ކުރުމަށް ގޮވާލައިފަ އެވެ. އަދި ފަހަކަށް އައިސް، ސަރުކާރުގެ އަމަލުތައް ހުރީ ޑިމޮކްރަސީގެ އަސާސްތަކާ ހިލާފަށް ކަމަށް އެ ގަރާރުގައިވެ އެވެ.

މީގެއިތުރުން ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރާ ގުޅިގެން އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ. އަދި އެ އަމުރު ތަންފީޒުކޮށް، 12 މެމްބަރުންނަށް މަޖިލީހުގެ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދޭން ގޮވައިލި އެވެ.

އީޔޫ ޕާލަމެންޓުން ގޮވާލި ބައެއް ކަންކަން

- ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ދީ، ގާނޫނު ނެގެހެއްޓުމަށް

- ނޫސްވެރިންނާއި އިންސާނީ ހައްގުތަކުގައި މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަން ދިނުން

- ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުން

- ސިޔާސީ ގޮތުން މީހުންނަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުން

- ގާނޫނީ ވަކީލުންނަށް ޕްރޮފެޝަނަލްކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކުރުން

- ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު ސަރުކާރުން މަޝްވަރާތައް ފެށުން

އީޔޫގެ ގަރާރުގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ފަނޑިޔާރުން ވަގުތުން ދޫކޮށްލައި ގާނޫނުއަސާސީ ނެގެހެއްޓުމަށް ގަރާރުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނުގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ އެކަން ވެސް ކުށްވެރިކޮށްފައިވެ އެވެ.

ގަރާރުގައި ބުނި ގޮތުގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުން އީޔޫގެ ގައުމުތަކާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަން ޖެހެ އެވެ. އަދި ޑިމޮކްރަސީ ހާލަތު ރަނގަޅު ކުރެވޭނީ ސިޔާސީ މަޝްވަރާތައް ފަށައި، ނުހައްގުން ޖަލަށްލާފައި ތިބި މީހުންނާއި ޖަލުގައި ތިބި ސިޔާސީ ހުރިހާ ލީޑަރުން ދޫކޮށްލައިގެން ކަމަށް ވެސް އީޔޫގެ ގަރާރުގައިވެ އެވެ.