Roadha Mihaaru
ގާސިމް ހުންނެވީ މާލެ ވަޑައިގަންނަވާ ގޮތަށް: ޝަމީމް

ފަރުވާ ނުނިމޭ، އެކަމަކު ގާސިމް ހުންނެވީ މާލެ ވަޑައިގަންނަވާ ގޮތަށް: ޝަމީމް

25 ސެޕްޓެމްބަރ 2017

ބޭސްފަރުވާ ފުރިހަމަ ނުކުރެއްވުނަސް، ސަރުކާރުން އެންގި ގޮތަށް މާލެ ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތައްޔާރުވަމުން އަންނަ ކަމަށް އޭނާގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޭސްފަރުވާ ފުރިހަމަ ނުކުރެއްވުނަސް، ސަރުކާރުން އެންގި ގޮތަށް މާލެ ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތައްޔާރުވަމުން އަންނަ ކަމަށް އޭނާގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް ބޭރުން ފަރުވާ ހޯދަން ކަރެކްޝަނަލް ސާވިސް އިން ފުރަތަމަ ދިނީ 10 ދުވަހެވެ. ގާސިމް ކުރަން ޖެހޭ ހިތުގެ އޮޕަރޭޝަން އެ މުއްދަތަށް ނުނިމިގެން ކަރެކްޝަނުން އިތުރުކޮށްދިން 10 ދުވަސް މާދަމާ އަށް ހަމަވާނެ އެވެ. އެހެންވެ އޭނާ އެނބުރި މާލެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ އަންގައިފަ އެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ސީރިއަސް އޮޕަރޭޝަނަކަށް ފަހު ގާސިމް ހުންނެވީ ދަތުރު ކުރެއްވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. ގާސިމް ދަތުރުކުރުން އަދި ރައްކާތެރި ނޫން ކަމަށް ޑޮކްޓަރު ލިއުން ވެސް ދެއްވާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ގާސިމްގެ ފަރުވާ އަދި ނުނިމޭ. ހެއްދެވި ޓެސްޓުގެ ފޮލޯއަޕް އެޕޮއިންޓްމެންޓް 27 އަށް ވަނީ ހައްދާފައި. އަނެއްކޮޅުން ގާސިމް އިތުރު ޓެސްޓތަކެއް ހަދަން ޖެހޭ. އެކަމަކު ވަރަށް ބައިވަރު ބޭސްތަކެއް ކައިގެން ހެދި ޓެސްޓުތަކަކަށްވީމަ އިތުރު ޓެސްޓުތަކެއް އެހާ ގާތްގާތުގައި ހެދޭކަށް ނެތް، ރިކަވާވާން ވަގުތު ބޭނުންވޭ،" ޝަމީމް ވިދާޅުވި އެވެ.

މި ހާލަތުގައި، ގާސިމް މާލެ ވަޑައިގަތުމަށް އެންގުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ދަތުރު ނުކުރެއްވޭ ފަދަ ހާލަތެއްގައި ގާސިމް ހުންނެވި ނަމަވެސް ސަރުކާރުގެ އެންގުމާ އެއްގޮތަށް މާލެ ވަޑައިގަތުމަށް މިހާރު ވަނީ ޓިކެޓް ވެސް ނަންގަވާފައި ކަމަށެވެ.

ފަރުވާ ފުރިހަމަ ކުރައްވަން ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ގާސިމަށް ލަފާދީފަ އެވެ. އެހެންވެ ފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން ވަނީ އެދިފަ އެވެ.

ފަރުވާ ފުރިހަމަ ނުވަނީސް ގާސިމް މާލެ ވަޑައިގަތުމަށް އަންގާފައިވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިއުން އަމާޒުކޮށްފަ އެވެ. އޭނާ ރާއްޖެ އިން ބޭރަށް ފޮނުވީވެސް، ޑޮކްޓަރުންގެ އެންގުންތަކާ އެއްގޮތަށް ފަރުވާ ދިނުން ލަސްވާތީ ސަރުކާރަށް ޕްރެޝަރު ކުރިމަތިކޮށްފައި ވަނިކޮށެވެ.