Roadha Mihaaru
"ގާސިމްއާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމަން"

ގާސިމްއާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމަން: ކަރެކްޝަންސް

26 ސެޕްޓެމްބަރ 2017

ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެންގި އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިނުގަތުމުން ދެން އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެންގި އެންގުމާ އެއްގޮތަށް ރާއްޖެ ވަޑައިނުގަތުމުން ދެން އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމްގެ ހިތުގެ ބައްޔަކަށް ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ޓެސްޓުތައް ހަދަން ދިނީ 10 ދުވަހެވެ. އެ މުއްދަތުގައި އޮޕަރޭޝަން ނުކުރެވިގެން އިތުރުކޮށްދިން 10 ދުވަސް މިއަދުގެ ނިޔަލަށް ހަމަވާތީ، ކަރެކްޝަންސް އިން އެންގީ ގާސިމް އިއްޔެ މާލެ ވަޑައިގަތުމަށެވެ.

ގާސިމް އިބްރާހީމްގެ ސިއްހީ ހާލަތު ހުރި ގޮތުން މި ވަގުތު ދަތުރު ނުކުރެއްވުމަށް ސިންގަޕޫރުން އޭނާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވާފައިވާތީ ސިންގަޕޫރު އެއާލައިންސަކަށް ނޭރުވި އެވެ. އެހެންވެ ގާސިމަށް ރާއްޖެ ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާ އަށް އިތުރުކޮށްދިން މުއްދަތު މިއަދަށް ހަމަވާތީ، އިއްޔެގެ ނިޔަލަށް އޭނާ ރާއްޖޭގައި ހުންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ގާސިމް ވަޑައިނުގަތުމުން ދެން އަމަލުކުރާނެ ގޮތެއް ކަރެކްޝަންސް އިން ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހުށަހަޅާފައި ހުރި ލިއުންތަކަށް ބަލައި އިތުރު މުއްދަތެއް ދޭގޮތަށް ނޫން އަދި އޮތީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކުގައި ކަރެކްޝަންސް އިން އަމަލުކުރާ އާއްމު އުސޫލަކީ، އެ މީހަކު ހޯދައިދޭން ފުލުހުންނަށް ހުށަހެޅުމެވެ.

ގާސިމް ފުރާވަޑައިގަތުމަށްޓަކައި ސިންގަޕޫރުގެ އެއާޕޯޓަށް ވަޑައިގެން ޑޮކްޓަރުގެ ލިޔެކިޔުންތައް ސިންގަޕޫރު އެއާލައިންސަށް ދެއްކެވުމުން، އެ އެއާލައިނުން އެންގީ އެ އެއާލައިންސްގެ ބޯޓެއްގައި ފުރާވަޑައިނުގެންނެވޭނެ ކަމަށެވެ. ބޭސްފަރުވާއަށް ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރައްވަން ޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވުމުން ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އާއިލާއިން ވަނީ އެދިފަ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް ސަރުކާރުން ދިން 10 ދުވަހުގެ މުއްދަތު އިތުރުކޮށެއް ނުދިނެވެ.

ގާސިމްގެ ހިތުގެ އޮޕަރޭޝަން މި މަހުގެ 20 ގައި ކޮށްފައިވާއިރު، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިންގަޕޫރުގައި މަޑުކުރައްވަން ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.