Roadha Mihaaru
ކަރެކްޝަންސް އިން ގާސިމާ ހަވާލުވެއްޖެ

ކަރެކްޝަންސް އިން ގާސިމާ ހަވާލުވެއްޖެ

25 އޯގަސްޓް 2017

ރިޝްވަތުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ތިން އަހަރާ ދެ މަހުގެ ހުކުމެއް ރޭ ދަންވަރު އިއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ދާދި ދެންމެއަކު ހަވާލުވެއްޖެ އެވެ.

ރިޝްވަތުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ތިން އަހަރާ ދެ މަހުގެ ހުކުމެއް ރޭ ދަންވަރު އިއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ދާދި ދެންމެއަކު ހަވާލުވެއްޖެ އެވެ.

ކަރެކްޝަންސް އިން ގާސިމާ ހަވާލުވި އިރު އޭނާ އޮންނެވީ ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. ގާސިމާ ކަރެކްޝަންސް އިން ހަވާލުވީ އައިޖީއެމްއެޗަށް ގޮހެވެ.

ކަރެކްޝަންސް އިން ބުނީ ގާސިމް މި ވަގުތު އޮންނަވާނީ އައިޖީއެމްއެޗުގައި ކަމަށާއި އެހެން ތާކަށް ގެންދިއުމާ މެދު ގޮތެއް ނިންމާނީ ހޮސްޕިޓަލުން ދޫކޮށްލީމަަ ކަމަށެވެ. އަދި ކަރެކްޝަންސްގެ މުވައްޒަފުން ގާސިމް ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މި ހާލަތުގައި ގާސިމް ޖަލަށް ގެންދަވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އަދި ގާސިމްގެ އާލާސްކަންފުޅަށް ބަލާއިރު، ޖަލުން އެވަރުގެ ފަރުވާއެއް ދެވިދާނެ ކަމަށް ވެސް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ ހުއްދަ ލިބުނުހާ އަވަހަކަށް ގާސިމް ބޭރަށް ފުރުވާލެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ވެސް އެ ހުއްދަ ލިބިއްޖެ ނަމަ މިހާރުން މިހާރަށް ވެސް ބޭސްފަރުވާ އަށް ގާސިމް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމަށް ރޭ އިއްވި ހުކުމުގައިވާ ގޮތުން ގާސިމްގެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދިން ޓެސްޓުތަކާއި ފަރުވާ ދިނުން ހުރަހަކަށް ވެގެން ނުވާނެ އެވެ. އެހެންވެ އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.

އެ އަމުރާ އެކު، މިދިޔަ ޖުލައި 16 ވަނަ ދުވަހުން ފެށިގެން ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިއަދު ވަނީ ބާތިލްކޮށްފަ އެވެ.

ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ، ކްރިމިނަލް ކޯޓުގައި އިއްޔެ މެންދުރު ފަހު ބޭއްވި ޝަރީއަތުގައި ކޮޓު ރޫމުގެ ތެރެއަށް ވެއްޓުމާ ގުޅިގެންނެވެ. އައިޖީއެމްއެޗުން އޭނާ ބެއްލެވި ޑޮކްޓަރު ލަފާ ދެއްވާފައި ވަނީ ފުރާނަ އަށް ނުރައްކާތެރި ހިތުގެ ބައްޔެއް ގާސިމްގެ އެބަހުރި ކަމަށާއި އެއީ ވަގުތުން ފަރުވާ ހޯދަން ޖެހޭ ބައްޔެއް ކަމަށެވެ. އަދި އެއީ ރާއްޖެއިން ފަރުވާ ދެވެން ނެތް ބައްޔެއް ކަމަށް ވިދާޅުވެ ލިޔުމަކުން ވަނީ ލަފާ ދެއްވައިފަ އެވެ.

ރައްޔިތުންގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމަށް ތުހުމަތުކޮށް ގާސިމްގެ މައްޗަށް ޝަރީއަތް ހިންގަން ފެށިފަހުން ގާސިމް ވަނީ އެޑްމިޓެވެގެން ތިން ފަހަރެއްގެ މަތިން ފަރުވާ ހޯއްދަވައިފަ އެވެ. އޭނާގެ ފަރުވާ އަށް ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ސަރުކާރުންް ވަނީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓައިގެން ބަންދުކޮށްލައިފަ އެވެ.