Roadha Mihaaru
ގާސިމްގެ ފަރުވާގެ މުއްދަތުގެ މައްސަލަ ޝަރީއަތަށް

ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމުގެ މައްސަލާގައި ސުލްހަވެރި ހައްލެއް ނުލިބުނު

28 ސެޕްޓެމްބަރ 2017

ޖަލު ހުކުމެއް ތަންފީޒުކުރައްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް އެކަށީގެންވާ މުއްދަތެއް ނުދިން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސުލްހަވެރި ހައްލެއް ނުހޯދި އެ މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖަލު ހުކުމެއް ތަންފީޒުކުރައްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް އެކަށީގެންވާ މުއްދަތެއް ނުދިން ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ސުލްހަވެރި ހައްލެއް ނުހޯދި އެ މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމައިފި އެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ދިން ފުރުސަތުގައި ދައުލަތުން ބޭނުންވީ މައްސަލާގައި ޝަރީއަތުން ގޮތެއް ނިންމަން ކަމަށް، ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމާއި ޖަލުތަކާއި ޕެރޯލްއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ތެރެއިން ހަދާފައި ހުރި ގަވާއިދުތަކާއި އިޖުރާއުތަކާ ހިލާފަށް ގާސިމަށް ލިބެން ޖެހޭ ބޭސްފަރުވާގެ ފުރުސަތު ކަރެކްޝަނަލް ސާވިސް އިން ނިގުޅައިގެންފައިވާ ކަމަށެވެ.

ހިސާން ވިދާޅުވި ގޮތުގައި ކަރެކްޝަނުން އަމަލުކުރަނީ ހުކުމާއި ގާނޫނާއި ގަވާއިދުތަކާ ހިލާފަށެވެ. އަދި އެގޮތަށް ކަންތައް ކުރާއިރު ބަންޑާރަ ނައިބުގެ ވާޖިބަކަށް ވާންވާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މުއައްސަސާތަކުން އަމަލު ކުރާކަން ކަށަވަރު ކުރުން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ދައުލަތުން ހައްލެއް ގެންނަން ބޭނުން ނުވާ ކަމަށް ބުނުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޑުއެހުމުގައި ދައުލަތުގެ ބަންޑާރަ ނައިބު ވިދާޅުވީ އެ ބޭފުޅުން އެ މައްސަލަ ޑިސްޕިއުޓް ރިސޮލިއުޝަންގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ގެންނަން ބޭނުން ނުވާ ކަމަށް. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް." ހިސާން ވިދާޅުވި އެވެ.

"އެހެންވީމަ ބަންޑާރަ ނައިބުގެ އެނގުމާއި ފެނުމުގެ ތެރެއިން ހިނގަމުންދާ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ބޮޑަށް ގަބޫލު ކުރަނީ ގާސިމަށް ލިބެން ޖެހޭ ބޭސްފަރުވާގެ ކަންތައްތަކުން އޭނާ މަހްރޫމް ކުރުމަކީ،"

އެ މައްސަލާގައި ގާސިމްގެ ފަރާތުން އެދިފައި ވަނީ އޭނާއަށް ދަތުރު ކުރުމުގެ ހުއްދަ ޑޮކްޓަރުން ދިނުމާ ހަމަޔަށް، ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ.

ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް ސިންގަޕޫރުގައި ތިން މަސް ހުންނަވަން ޖެހޭނެ ކަމަށް އެ ގައުމުގެ ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ. އެކަމަކު ދެ ފަހަރެއްގެ މަތިން 20 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަރެކްޝަނުން މިދިޔަ އަންގާރަ ދުވަހު އަންގާފައި ވަނީ އިތުރަށް ދެން މުއްދަތު ދެވެން ނެތުމުން ފަސް ދުވަސް ތެރޭގައި ގާސިމް ރާއްޖެ ވަޑައިގަތުމަށެވެ.