Roadha Mihaaru
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް

ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް

11 ސެޕްޓެމްބަރ 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި މަޑުކުރުމުގެ ހުއްދަ ދިނުމަށް އާއިލާގެ ފަރާތުން އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާ އަށް ތިން މަސް ދުވަަސް ވަންދެން ސިންގަޕޫރުގައި މަޑުކުރުމުގެ ހުއްދަ ދިނުމަށް އާއިލާގެ ފަރާތުން އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.

ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުން ގާސިމް ބެއްލެވި ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއި ކުރައްވައި ދެއްވި ލިޔުމުގައި ބުނެފައި އޮތީ، ގާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި އެ ބައްޔަށް ފަރުވާ ކުރުމަށްޓަކައި ތިން މަސް ދުވަހު ސިންގަޕޫރުގައި މަޑުކުރަން ޑޮކްޓަރު ވަނީ ލަފާ ދީފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގާސިމްގެ އާއިލާ އަށް ކަރެކްޝަންސް އިން އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ ގާސިމް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދަން ދިން 10 ދުވަހުގެ މުއްދަތު އިތުރު ކުރެވެން ނެތް ކަމަށެވެ. ގާސިމަށް ދިން 10 ދުވަހުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގްމާން ވަނީ ގާސިމްގެ އާއިލާ އަށް ޖަވާބު ދިންކަން ކަށަވަރު ކޮށްދެއްފައިފަ އެވެ. ނަމަވެސް އެއީ ކޮން ޖަވާބެއްކަން އޭނާ ހާމައެއް ނުކުރައްވަ އެވެ.

އެކަމާ ގުޅޭ ގޮތުން ގާސިމްގެ ގާނޫނީ ވަކީލުން އަދި ޖުމްހޫރީ ޕާޓީން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

އެނގިފައިވާ ގޮތުގައި ގާސިމްގެ ގާނޫނީ ޓީމުން ވަނީ ގާސިމްގެ ސިއްހީ ހާލަތުގެ ތަފްސީލީ ލިޔުންތަކާއެކު އިތުރު ސިޓީއެއް އިއްޔެ ކަރެކްޝަންސް އަށް ހުށައަޅައިފަ އެވެ. ގާނޫނީ ވަކީލުން އެދިފައިވަނީ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށެވެ.

ގާސިމް ގެންދަވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ، ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންނެވެ. ކޮރޮނަރީ އެންޖިއޯގްރާމާއި ކޮރޮނަރީ އެންޖިއޯ ޕްލާސްޓީ ހެދުމަށްޓަކައި އަންނަ ހުކުރު ދުވަހު މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.

ގާސިމްގެ ސިއްހީ ހާލަތު ހަމަޔަކަށް އެޅެންދެން އޭނާގެ ހާލަތު ގާތުން ބަލަންޖެހޭނެ ކަމަށާއި އެކަމަށް ތިން މަސް ހޭދަވާނެ ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް ސާބިތުވެ ތިން މަސް ދުވަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ. އައިޖީއެމްއެޗްގައި ގާސިމް އެޑްމިޓްކޮށްފައި ވަނިކޮށް، ގާސިމް ތިން މަސް ދުވަހަށް ޖަލަށް ލާން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އިރު، އޭނާ ބޭސްފަރުވާ އަށް ސިންގަޕޫރުގައި ހުންނެވުމަށް ސަރުކާރުން ދިނީ 10 ދުވަހުގެ މުއްދަތެވެ.

އެ ހުއްދައާ އެކު ގާސިމް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ.

ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުން ގާސިމް ބެއްލެވި ޑޮކްޓަރު މައިކަލް ލިމް ޗުން ލެންގް ސޮއިކުރައްވައި ދެއްވި ލިޔުމުގައި ވިދާޅުވެފައިވާ ގޮތުގައި ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" އެވެ.