Roadha Mihaaru

އެމެރިކާ ސަފީރުގެ މޮޓޯކޭޑުން ޖެހި މަރުވި ކުއްޖާގެ އާއިލާ އަށް ބަދަލަކަށް 1684 ޑޮލަރު

ވޮޝިންޓަން (ޖޫން 30) - އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު ސަމަންތާ ޕަވާ ކެމަރޫން އަށް ކުރެއްވި ދަތުރުގައި އެކަމަނާގެ މޮޓޯކޭޑުން ޖެހި މަރުވި ކުއްޖާގެ އާއިލާ އަށް ބަދަލެއްގެ ގޮތުން 1،684 ޑޮލަރު ދީފި އެވެ.

މޮޓޯކޭޑުން ޖެހި މަރުވުމުން ބަދަލަށް 1684 ޑޮލަރު
ހަސަން އާމިރު
ހަސަން އާމިރު

30 ޖޫން 2016

ވޮޝިންޓަން (ޖޫން 30) - އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު ސަމަންތާ ޕަވާ ކެމަރޫން އަށް ކުރެއްވި ދަތުރުގައި އެކަމަނާގެ މޮޓޯކޭޑުން ޖެހި މަރުވި ކުއްޖާގެ އާއިލާ އަށް ބަދަލެއްގެ ގޮތުން 1،684 ޑޮލަރު ދީފި އެވެ.

އުމުރުން ހަތް އަހަރުގެ ކުއްޖާ މަރުވީ ސަފީރުގެ މޮޓޯކޭޑް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް މިދިޔަ އެޕްރީލް މަހު އެވެ. މި ކުއްޖާގެ އާއިލާ އަށް ބަދަލެއްގެ ގޮތުން އެމެރިކާ އިން ވަނީ 1 މިލިއަން ސެންޓްރަލް އެފްރިކަން ފްރޭންކްސް (1،684 ޑޮލަރު) ދީފަ އެވެ. މީގެ އިތުރުން އެ ކުއްޖާގެ އާއިލާ އަށް ވަނީ ދެ ގެރި އާއި ހުދު ފުށާއި ފިޔާ، ހަނޑޫ، ލޮނު، ހަކުރު، ސައިބޯނި އަދި ތެޔޮ ދީފަ އެވެ.

އެމެރިކާ އިން ބުނީ އެ ކުއްޖާގެ އާއިލާ މީހުން ދިރިއުޅޭ ސަރަހައްދުގެ މީހުން ފެން ހޯދުމަށް ވަޅެއް ވެސް ހަދައިދޭނެ ކަމަށެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޖެފްރޭ ލޮރީ ވިދާޅުވީ އެމެރިކާ އިން ދިން އެހީ އަކީ މަރުވި ކުއްޖާގެ އާއިލާ އަށް ދިން ބަދަލުގެ ޕެކޭޖެއް ކަމަށެވެ.

އެމެރިކާ ސަފީރު ސަމަންތާ ޕަވާ ވަނީ ބޯކޯ ހަރާމުގެ ސަބަބުން ހާލުގައި ޖެހުނު ކެމެރޫންގެ ކުޑަ ކުދިންނަށް ޒިޔާރަތްކޮށްފައި.

އެމެރިކާ ސަފީރު ސަމަންތާ ޕަވާ ވަނީ ބޯކޯ ހަރާމުގެ ސަބަބުން ހާލުގައި ޖެހުނު ކެމެރޫންގެ ކުޑަ ކުދިންނަށް ޒިޔާރަތްކޮށްފައި.

"މަރުވި ކުއްޖާގެ އާއިލާ އަށް އެމެރިކާގެ ޑިޕްލޮމެޓުން ވަނީ މީގެ ކުރިން ވަރަށް ގިނަ ފަހަރު ޒިޔާރަތްކޮށްފައި. އަދި ދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދެމުންދާނެ،" ތަރުޖަމާން ވިދާޅުވި އެވެ.

ސަމަންތާ ޕަވާ ހަފުތާއެއްގެ ދަތުރެއްގައި ކެމެރޫން އަށް ވަޑައިގެންނެވީ ބޯކޯ ހަރާމުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާގެ ތާއީދު އޮތްކަން ހާމަކޮށްދިނުމަށެވެ. މަރުވި ކުއްޖާ އަކީ ސަފީރަށް މަރުހަބާ ކިޔުމަށް މަގުގެ ދެ ފަރާތުގައި އެތުރިގެން ތިބި ކުދިންގެ ތެރޭން ކުއްޖެކެވެ. ސަފީރުގެ މޮޓޯކޭޑް ދުއްވާފައި ދިޔައީ ގަޑިއަކު 60 މޭލު (100 ކިލޯ މީޓަރު) ބާރު މިނުގަ އެވެ.

ކެމަރޫން ސަރުކާރުން ބުނެފައި ވަނީ މަރުވި ކުއްޖާގެ އާއިލާ އަށް އދ. އިން ފަސް މިލިއަން ފްރޭންކްސް (8،400 ޑޮލަރު) ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ކުއްޖާގެ އާއިލާ އަށް ވަނީ ދިހަ ވަރަކަށް ހާސް ޑޮލަރު ލިބިފަ އެވެ.