Roadha Mihaaru
ސަރުކާރުގެ އިސް ވަފުދެއް އދ. އަށް

ސަރުކާރުގެ އިސް ވަފުދެއް އދ. އަށް

16 ސެޕްޓެމްބަރ 2017

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވަފްދެއް އެމެރިކާގެ ނިއުޔޯކަށް ފުރައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ އިސް ވަފްދެއް އެމެރިކާގެ ނިއުޔޯކަށް ފުރައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ވަފްދުގެ އިސްވެރިއެއްގެ ގޮތުގައި މިނިސްޓަރު އާސިމް އެސެމްބްލީގައި ތަގްރީރު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އާސިމްގެ ވާހަކައިގައި ރާއްޖެ އަށް އަންނަ ތަރައްގީތަކުގެ މައްޗަށް ބައްލަވާލައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އދ. ގެ ޖެނެރަލް އެސެމްބްްލީގައި އާންމުކޮށް ތަގުރީރު ކުރައްވަނީ ގައުމުތަކުގެ އެންމެ އިސް ވެރިންނެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ވެސް މި އެސެމްބަލީގައި ރާއްޖެއިން އާންމުކޮށް ތަމްސީލު ކުރައްވަނީ އެ ވަގުތެއްގައި ހުންނެވި ރައީސެކެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި މި އެސެމްބަލީ އަށް އެމަނިކުފާނު ވަޑައިނުގެން އަބަދުވެސް ތަގުރީރު ކުރައްވަމުން ގެންދަވަނީ ފޮރިން މިނިސްޓަރެވެ.

އާސިމްގެ އިތުރުން މި ވަފްދުގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު، ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު، އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.

ފޮރިން މިނިސްޓަރީން ބުނީ އާސިމްގެ ދަތުރުފުޅުގައި އދ. ގެ މެމްބަރު ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވައި 2019-2020 ގައި އދ. ގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް ރާއްޖެ ކުރިމަތިލުމުގެ މުހިންމު ކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި މިނިސްޓަރުން، ތަފާތު އެކިއެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ އިސް ވަފްދެއް ނިއު ޔޯކަށް ފުރާވަޑައިގެންނެވި އިރު، ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ދެކޮޅަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރާއްޖޭގެ އަމަލާ މެދު އާންމުން ފާޑުކިޔަން ފެށުމުން ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ހަމައެކަނި ބުނީ އެ ވޯޓަކީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ގުޅޭ ވޯޓެއް ނޫން ކަމަށެވެ.