Roadha Mihaaru
ރިޔާސީ އިންތިޚާބު ވެގެން ދިޔައީ ފަހުރުވެރި ދަތުރަކަށް

ރިޔާސީ އިންތިޚާބު ވެގެން ދިޔައީ ޑިމޮކްރަސީ ހަރުދަނާކުރުމުގެ ފަހުރުވެރި ދަތުރަކަށް: ޑރ. ނަސީރު

02 އޮކްޓޯބަރ 2018

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ދިޔައީ އަމާންކަމާއެކު ކަމަށާއި އެއީ ޑިމޮކްރަސީ ހަރުދަނާކުރަން ރާއްޖެއިން ފަށާފައިވާ ދަތުރުގައި ކޮންމެ މީހަކު ވެސް ފަހުރުވެރިވާނެ ކަމެއް ކަމަށް ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. އަލީ ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ދިޔައީ އަމާންކަމާއެކު ކަމަށާއި އެއީ ޑިމޮކްރަސީ ހަރުދަނާކުރަން ރާއްޖެއިން ފަށާފައިވާ ދަތުރުގައި ކޮންމެ މީހަކު ވެސް ފަހުރުވެރިވާނެ ކަމެއް ކަމަށް ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. އަލީ ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

އދ. ގެ އާއްމު ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު ރާއްޖެ މި އޮތީ ގައުމު ހިންގުމުގެ ބާރުތައް ހަވާލުކުރުމުގެ މަރުހަލާގައި ކަމަށެވެ.

ނަމަވެސް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވަނީ އިންތިޚާބު އޮޅުވާލި ކަމަށް ބުނެ ރޭ މުޒާހަރާކޮށްފަ އެވެ. އެ ޕާޓީގެ އޮފީސް ދޮށަށް އެއްވި މީހުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކުރަން ގޮވާލައިފަ އެވެ. ރައްޔިތުން ނިންމި ނިންމުން ބަލައިގަންނަ ކަމަށް ކުރިން ވިދާޅުވި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރޭގެ މުޒާހަރާގައި ބައިވެރިވެވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެ އިންތިޚާބު ކާމިޔާބުކުރެއްވީ 134،705 ވޯޓާއެކު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

ނަސީރު ވިދާޅުވީ ޑިމޮކްރަސީ ދަތުރުކުރަމުންދާ ހަލުވި ދުވެއްޔާ އެކީގައި އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ވެސް ރާއްޖެ ކުރިއަރަމުން އަންނަ ކަމަށެވެ. އެގޮތުން 1965 ވަނަ އަހަރު ރާއްޖެ އަށް މިނިވަންކަން ލިބުނުއިރު ގައުމު އޮތް ހާލަތާ އަޅާ ބަލާއިރު، މެދުފަންތީގައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނުމަކީ ގައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިސްކަންދެއްވާފައި ވަނީ ޒަމާނާ އެއްގޮތަށް އުމްރާނީ ތަރައްގީ ބަދަލުކުރުމަށް ކަމަށާއި ރާއްޖޭގެ މައިގަނޑު ދާއިރާތައް ކުރިއެރުވުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އިގުތިސޯދީ ގޮތުން ރާއްޖެ އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އަށް އެހީދޭ ފަރާތްތަކާ ގުޅިގެން ތަރައްގީކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރާއްޖޭން ވަނީ އދ. އަށް ދީފަ އެވެ.