19 ސެޕްޓެމްބަރ 2016
އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.
އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރާ ވަފުދުގެ އިސް ވެރިއެއްގެ ގޮތުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު އެމެރިކާ އަށް ފުރާވަޑައިގެންފި އެވެ.
އާއްމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް މިފަހަރު ރާއްޖެއިން ވަޑައިގަންނަވަން ކުރިން ހަމަޖައްސާފައި އޮތީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ތަގުރީރުކުރައްވާ ގައުމުތަކުގެ މަންދޫބުންގެ ލިސްޓު އދ. އިން ކުރިން ބެހިއިރު، އޭގައި ރާއްޖެއިން ވާހަކަފުޅު ދައްކަވާނެ ބޭފުޅެއްގެ ގޮތުގައި ހިމަނާފައި އޮތީ ނައިބު ރައީސް އެވެ.
ނަމަވެސް، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު އާސިމް އިސްކޮށް ހުންނަވާ ރާއްޖޭގެ ވަފުދުގައި ފޮރިން ސެކްރެޓަރީ އަލީ ނަސީރާއި ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަހުމަދު ސަރީރު ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. މިނިސްޓަރު ވާހަކަ ދައްކަވާނީ، އެ މިނިސްޓްރީން ބުނި ގޮތުގައި، އަންނަ ހޮނިހިރު ދުވަހުގެ ދަންފަޅީގަ އެވެ.
"... ރާއްޖޭގެ ތަރައްގީގެ މުހިއްމު ދާއިރާތަކަށް އަލިއަޅުވާލައްވައި މިނިސްޓަރު ތަގުރީރު ކުރައްވާނެ،" ބަޔާނުގައިވެ އެވެ.
ކުރީގެ ސަރުކާރުތަކުގައި އދ.ގެ އާއްމު މަޖިލީހަށް ގިނަ ފަހަރަށް ވަޑައިގެންފައި ވަނީ ސީދާ ރައީސެވެ. އެކަމަކު، ރައީސް ޔާމީން މިހާތަނަށް ދުވަހަކު ވެސް އދ. އަށް ވަޑައިގެންފައެއް ނުވެ އެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވިއިރު، މިދިޔަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.
އާއްމު މަޖިލީހުގެ 71 ވަނަ ބައްދަލުވުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ފަހަރުގެ މައުލޫއު ކަމަށް ވާ "ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް: ދުނިޔެ ބަދަލުކޮށްލުމަށް ބާރެއް"ގެ މައްޗަށް ގައުމުތަކުގެ މަންދޫބުން ތަގުރީރު ކުރައްވާނީ މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އާއްމު ބަހުސްގަ އެވެ.
ރާއްޖެ އާއި އިންޑިއާ ފިޔަވާ ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވަޑައިގަންނަވަނީ އެ ގައުމެއްގެ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިއެކެވެ. އެ ގޮތުން، ސްރީ ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާއި ބަންގާޅުގެ ބޮޑުވަޒީރު ޝޭހު ހަސީނާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގިލާނީ އާއި ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް އަދި ބޫޓާންގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ތަގުރީރު ކުރައްވާނެ އެވެ. އިންޑިއާ އިން ފޮނުވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖެވެ.
މީގެ އިތުރުން، ދުުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގެ އެންމެ އިސް ވެރިން އާއްމު މަޖިލީހުގެ އާއްމު ބަހުސްގައި ވާހަކަފުޅު ދައްކަވާނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އަދި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހިމެނިވަޑައިގަންނަވަ އެވެ.
މި ފަހަރުގެ އާއްމު މަޖިލިސް ރާއްޖެ އަށް މުހިއްމު ވާނެ އެވެ. އެއީ އެ މަޖިލީހުގެ ހަވާސާގައި ބާއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ، އަންނަ ހުކުރު ދުވަހު ބާއްވާ ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.
ފާޑުކިޔުން މަދު ކުރޭ، ކުރިއަރަން ފުރުސަތު ދީ: ރާއްޖެ
ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖެ ކެމްޕެއިންގައި
"ހުމާމް ނުމަރަން އދ. އިން ނާންގާ، ފޮނުވީ ނޯޓެއް"
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ
ގޮނޑި ނުލިބުނަސް، މައްސަލަތަކުގައި ވަކާލާތު ކުރާނަން
ފޮރިން މިނިސްޓަރު އާސިމް އިންޑިއާ އަށް ވަޑައިގެންފި
އދ. ގައި ރާއްޖެއިން ޒިންމާ އަދާކުރި: އާާސިމް
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟
ސަރުކާރުގެ އިސް ވަފުދެއް އދ. އަށް