13 ޖުލައި 2016
މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދު މެރުމާ ގުޅޭ ގޮތުން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އދ. އިން ރާއްޖެ އަށް އަމުރުކޮށްފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސެން ހުމާމް އަހުމަދު މެރުމާ ގުޅޭ ގޮތުން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އދ. އިން ރާއްޖެ އަށް އަމުރުކޮށްފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ހުމާމް މަރަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އޭނާގެ ޝަރީއަތާ ގުޅޭ ގޮތުން ހަ މަސްދުވަހުގެ ތެރޭގައި ޖަވާބުދާރީ ވާން އދ. އިން ރާއްޖެ އަށް އިއްޔެ ވަނީ އަންގާފަ އެވެ. ހުމާމްގެ ވަކީލުން ވިދާޅުވެފައި ވަނީ އދ. އިން އިއްޔެ ނެރުނީ ވަގުތީ އަމުރެއް ކަމަށާއި އެ އަށް އަމަލުކުރުން ސަރުކާރަށް ލާޒިމް ވާނެ ކަމަށެވެ.
އެކަމަކު، އާ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ތަކުރާރުކޮށް ވިދާޅުވީ އދ. އިން ރޭ ފޮނުވީ "ނޯޓެއް" ކަމަށެވެ. އެއީ މާ ސީރިއަސް ކަމެއް ނޫން ކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ ނޯޓަކީ ދިވެހި ސަރުކާރުން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެންގި އަމުރެއް ނޫން ކަމަށެވެ.
"މި ނޯޓުގައި ހުރި ކަންކަން މި ދަނީ ދިރާސާ ކުރަމުން،" މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތްތާ ގަޑިއެއްހާއިރުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސިމް ވިދާޅުވި އެވެ.
ފޮރިން ސެކްރެޓަރީ އަލީ ނަސީރު ވެސް ވިދާޅުވީ އދ. އިން ފޮނުވީ "ކޮމިއުނިކޭޝަނެއް" ކަމަށެވެ. އެއާ މެދު ސަރުކާރުން އަމަލުކުރާނީ ކޮން ގޮތަކަށްތޯ ތަކުރާރުކޮށް ނޫސްވެރިން ދެންނެވުމުން ވެސް ފޮރިން މިނިސްޓަރާއި ސެކްރެޓަރީ ވެސް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ފަހުން މައުލޫމާތު ދޭނެ ކަމަށެވެ.
"އދ. އަކީ ގައުމުތަކަށް އަމުރު ކުރާ ޖަމިއްޔާއެއް ނޫން،" އަލީ ނަސީރު ވިދާޅުވި އެވެ.
ފޮރިން ސެކްރެޓަރީ އަލީ ނަސީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އދ. އަކީ ގައުމުތަކަށް އަމުރު ކުރާ ޖަމިއްޔާއެއް ނޫން ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުމާމްގެ ވަކީލު އަބްދުﷲ ހަސީން "މިހާރު" އަށް ރޭ ވިދާޅުވީ އދ. އިން އެ އަމުރު ނެރުނީ ހުމާމްގެ މައްސަލައިގައި އޭނާގެ ބައްޕަގެ ފަރާތުން އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކޮމިޓީ އަށް ހޯމަދުވަހު ހުށަހެޅި މައްސަލައެއްގައި ކަމަށެވެ. އެ މައްސަލައިގައި އެދުނީ، ހަސީން ވިދާޅުވި ގޮތުގައި، ފަރުދީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު)އާ ހިލާފަށް ހުމާމްގެ މައްޗަށް ޝަރީއަތް ކޮށްފައިވާތީ އެކަން ބަލައި ދިނުމަށެވެ.
"އދ. އަކީ ގައުމުތަކަށް އަމުރު ކުރާ ޖަމިއްޔާއެއް ނޫން." -- ފޮރިން ސެކްރެޓަރީ
ސެޕްޓެމްބަރު 19، 2006 ގައި ރާއްޖޭން ބައިވެރިވެ، އެ އަހަރުގެ ޑިސެމްބަރު 19 ގައި ތަސްދީގުކުރި އައިސީސީޕީއާރަކީ އިންސާނީ ހައްގުތަކާ ބެހޭ ވަށާ ޖެހޭ މުއާހަދާއެކެވެ. އެ މުއާހަދާގައި ދީނީ މިނިވަންކަން ބަޔާން ކުރާ 18 ވަނަ މާއްދާ ފިޔަވައި މުޅި މުއާހަދާ އަށް ރާއްޖޭން އެއްބަސްވެފައި ވާއިރު، އިންސާފުވެރި ޝަރީއަތެއް ކަށަވަރު ކޮށްދިނުމާއި ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުން އެ މުއާހަދާ އިން ލާޒިމް ކުރެ އެވެ.
މި މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައިވާ ގޮތުން މީހަކު މައްސަލައެއް ހުށަހަޅައި އެ މައްސަލަ ކޮމިޓީން ބަލައިގަތުމަށް ފަހު އެ މައްސަލަ ރައްދުވާ ސަރުކާރަކަށް އަންގަން ޖެހެ އެވެ. އެ މައްސަލަ އަށް ޖަވާބުދާރީ ވާން ހަ މަސްދުވަހުގެ މުއްދަތެއް ލިބޭއިރު، ވަގުތީ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ. ހުކުމެއް ހިމެނޭ މައްސަލައެއް ނަމަ، އެ ހުކުމަކަށް އަމަލުކުރުން ފަސްކުރަން އެންގުމަކީ އޭގެ ތެރެއިން އެއް ފިޔަވަޅެވެ.
ހުމާމްގެ އާއިލާގެ ބައެއް މެމްބަރުން ސުޕްރީމް ކޯޓުގެ ބޭރުގައި: އދ. އަށް މައްސަލަ ހުށަހެޅީ ހުމާމްގެ ބައްޕަގެ ފަރާތުން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
މަރުގެ ހުކުމް އިއްވާފައިވާ ދެ މީހެއްގެ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، އެ މީހުން މަރަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެއީ ހުމާމްގެ އިތުރުން، ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ގާތިލު އަހުމަދު މުއްރަތެވެ. އެ ދެ މީހުންނަށް އިއްވި މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ހުމާމުގެ މައްޗަށް ކުރި ޝަރީއަތުގައި ހުރި ބޭއިންސާފު ކަމަށް ބުނާ ކަންކަން އެކި ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އޭގެ ތެރޭގައި، މަޖުބޫރުކޮށްގެން ހުމާމް ކުށަށް އިއުތިރާފް ކުރުވާފައިވާ ކަމަށް ބުނުމާއި ހުމާމް އަނބުރާ ގެންދިޔަ އިއުތިރާފު ބަޔާން ޝަރީއަތަށް ބަލައިގަތުމާއި ހުމާމްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އާއިލާ އިން ބުންޏަސް އެކަން ބަލާފައި ނުވުން އަދި ހުމާމް މެރުން ފަސް ކުރަން އަފްރާޝީމްގެ އާއިލާ އިން އެދުނު އެދުމަށް އިޖާބަ ނުދިނުން ހިމެނެ އެވެ.
ހުމާމްގެ ތަހުގީގު ހިންގި އިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒު އިއްޔެ "މިހާރު" އަށް ވިދާޅުވީ ހުމާމަށް އެއްވެސް ގޮތަކުން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ. އަދި އަފްރާޝީމް މަރާލިކަން އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތުމަށް ފަހު އެކަން ކުރަން އުޅޭތީ ބޭރުގެ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އދ. އާއި އީޔޫގެ އިތުރުން އެމެރިކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ހުމާމްގެ ޝަރީއަތް އިންސާފުވެރި ނޫން ކަމަށް ބުނެ، އޭނާ މެރުމާ ދެކޮޅަށް ރާއްޖޭގެ ޖަމިއްޔާތަކުން ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
އެކަމަކު، މަރުގެ އަދަބާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކުން ސަރުކާރަށް ކުރަމުން ގެންދާ ޕްރެޝަރާ ގުޅޭ ގޮތުން މިއަދު ފޮރިން މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދެއްކި އެވެ. އެކަމާ ގުޅޭ ގޮތުން ކުރި އެއްވެސް ސުވާލަކަށް ފޮރިން މިނިސްޓަރާއި ސެކްރެޓަރީ ވެސް އަޅައެއް ނުލެއްވި އެވެ.
އދ. މަޖިލީހަށް ފޮރިން މިނިސްޓަރު ފުރާވަޑައިގެންފި
ސަލާމަތީ މަޖިލީހުގެ ގޮނޑި ހޯދަން ރާއްޖެ ކެމްޕެއިންގައި
ފޮރިން މިނިސްޓަރު އާސިމް އިންޑިއާ އަށް ވަޑައިގެންފި
ފޮރިން މިނިސްޓަރު އާސިމް ފުރަތަމަ ފަހަރަށް ޗައިނާ އަށް
ފާޑުކިޔުން މަދު ކުރޭ، ކުރިއަރަން ފުރުސަތު ދީ: ރާއްޖެ
މުޓުންގާ އަނެއްކާ ރާއްޖެ އަށް، ލަންކާ އަށް ވެސް ދާނެ
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
ޒަމީރު، ގުޓެރޭސްއާ ބައްދަލުކުރައްވައިފި
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި
ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވާދާކުރަނީ