Roadha Mihaaru
މުޓުންގާ އަނެއްކާ ރާއްޖެ އަށް، ލަންކާ އަށް ވެސް ދާނެ

ކޮމަންވެލްތުގެ މަންދޫބު އަނެއްކާ ވެސް ރާއްޖެ އަށް، ލަންކާ އަށް ވެސް ވަޑައިގަންނަވާނެ

04 ސެޕްޓެމްބަރ 2016

ކޮމަންވެލްތުގެ ހާއްސަ މަންދޫބު ވިލީ މުޓުންގާ އަނެއްކާ ވެސް އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކޮމަންވެލްތުގެ ހާއްސަ މަންދޫބު ވިލީ މުޓުންގާ އަނެއްކާ ވެސް އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ އަށް ކަނޑައަޅުއްވާ ހާއްސަ މަންދޫބުގެ މަގާމު އަދާކުރައްވާ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު މުޓުންގާ ރާއްޖެ ވަޑައިގެންނެވިކަން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ފޮރިން މިނިސްޓަރު މުހައްމަދު އާސިމްއާ މިއަދު ބައްދަލުކުރެއްވި ކަމަށް އެ މިނިސްޓްރީން ހެނދުނު ކުރި ޓުވީޓެއްގައި ވަނީ ބުނެފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް މުޓުންގާ އަންނަ ހުކުރު ދުވަހާ ޖެހެންދެން ރާއްޖޭގައި ހުންނަވާނެ އެވެ. ރާއްޖެ އަށް ފަހު އޭނާ ވަޑައިގަންނަވަނީ، އެނގިފައިވާ ގޮތުގައި، އަވަށްޓެރި ސްރީ ލަންކާ އަށެވެ. ލަންކާގައި ތިއްބަވާ، އެކި ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖައްސަވައިފަ އެވެ.

މުޓުންގާ ލަންކާ އަށް ވަޑައިގަންނަވާއިރު، އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ލަންކާގަ އެވެ. ނަޝީދު ލަންކާ އަށް ވަޑައިގަތީ، އެނގިފައިވާ ގޮތުގައި، އެ މަނިކުފާނު އިސް ދައުރެއް އަދާކުރައްވާ އިދިކޮޅު އިއްތިހާދުން ދިވެހި ސަރުކާރު ބަދަލުކުރަން ކުރަމުންދާ މަސައްކަތުގައި ހިމެނޭ މުހިއްމު މަޝްވަރާތަކަށެވެ. އެކަމަކު، ލަންކާގައި މުޓުންގާ ނަޝީދާ ބަައްދަލުކުރައްވާނެކަން އަދި ސާފެއް ނުވެ އެވެ.

ކޮމަންވެލްތުން ކުރިން ބުނެފައިވާ ގޮތުގައި މުޓުންގާ މަސައްކަތް ކުރައްވާނީ ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ކުރުމާއި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް 2018 ގައި ބޭއްވުމުގެ އިތުރަށް ދައުލަތުގެ ބާރުތައް ވަކި ކުރެވިފައިވާކަން ކަށަވަރު ކުރުމަށެވެ.

މިއީ ކޮމަންވެލްތުގެ ހާއްސަ މަންދޫބެއް ރާއްޖެ އަށް ކަނޑައެޅި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2012 ގައި ވެރިކަން ބަދަލުވުމާ އެކު ހިނގި ހަމަނުޖެހުންތަކާއި އޭރު އޮތް ސިޔާސީ ހަލަބޮލިކަން ހައްލު ކުރުމަށް ރާއްޖެ އަށް އެހީ ވުމަށް ވެސް ކޮމަންވެލްތުން ހާއްސަ މަންދޫބެއް ހަމަޖެއްސި އެވެ.

މިއީ ރާއްޖެ އަށް ކަނޑައަޅާ މަންދޫބުގެ މަގާމާ މިދިޔަ ޖޫން މަހު ހަވާލުވެވަޑައިގެންނެވި ފަހުން މުޓުންގާ ރާއްޖެ އަށް ކުރެއްވި ދެވަނަ ދަތުރެވެ. މިދިޔަ މަހު ކުރީކޮޅު ވެސް މުޓުންގާ ވަނީ ރާއްޖެ ވަޑައިގެން، ސިޔާސީ އެކި ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.

ރައީސާއި ކޮމަންވެލްތުގެ މަންދޫބު މިދިޔަ މަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސާއި ކޮމަންވެލްތުގެ މަންދޫބު މިދިޔަ މަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގެން މުޓުންގާ ކުރެއްވި ޓުވީޓަކާ އެކު އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެ ގޮތުން، ރާއްޖެ އިން ފާހަގަކުރެއްވުނު ތިން ކަމަކީ ރީތި ރަށްތަކާއި އެ ރަށްތަކުގެ ވަށައިގެންވާ ސާފު މޫދުގެ އިތުރަށް މެލޭރިއާ ނެތުން އަދި އެންމެ ދެ އުޅަނދު ހިމެނޭ މޮޓޯކޭޑެއްގައި ރައީސް ދަތުރުފުޅު ކުރެއްވުން ކަމަށް މުޓުންގާ ވިދާޅުވުމާ އެކު ގިނަ ފަރާތްތަކުން ވަނީ އޭނާ ރާއްޖޭގައި ކުރެއްވި މަސައްކަތާ މެދު ސޯޝަލް މީޑިއާގައި ސުވާލު އުފައްދައިފަ އެވެ.

ކޮމަންވެލްތުގެ މަންދޫބު ދެވަނަ ފަހަރަށް ރާއްޖެ ވަޑައިގެންނެވިއިރު، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމެއް މި މަހު 23 ގައި ބާއްވާނެ އެވެ. މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ މި ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.