Roadha Mihaaru
އެމްޕީއެލް ކެފޭ ހިންގާނެ ބަޔަކު އަލުން ހޯދަނީ

ޖޮއިންޓްވެންޗާ އުސޫލުން އެމްޕީއެލް ކެފޭ ހިންގާނެ ބަޔަކު އަލުން ހޯދަނީ

11 ސެޕްޓެމްބަރ 2017

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެން ނޯތު ޕޯޓު ކެފޭ ހިންގާނެ ބަޔަކު އަލުން ހޯދަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ގުޅިގެން ނޯތު ޕޯޓު ކެފޭ ހިންގާނެ ބަޔަކު އަލުން ހޯދަން ނިންމައިފި އެވެ.

އެމްޕީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެތަން ހިންގާނެ ބަޔަކު ހޯދަން އަލުން އިއުލާންކުރަން ނިންމީ އެކަމަށް އެކަށީގެންވާ ފަރާތަކުން ކުރިމަތި ނުލުމުން ކަމަށެވެ. އެހެންވެ ކުރިން ހުށަހެޅި ބިޑްތައް އެ ކުންފުނިން ވަނީ ކެންސަލް ކޮށްފަ އެވެ.

"އެހެންވެ އަލުން ބަޔަކު ހޯދައިގެން ޖޮއިންޓްވެންޗާ އުސޫލުން ހިންގަން ނިންމާފައި ވަނީ. އެކަން އަލުން ފަށައިގަތުމަށް މި މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އިން މާލޭގެ އުތުރު ބަނދަރުގައި މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވި ކެފޭ އަށް މަހަކު 400،000ރ.ގެ ބޮޑު ގެއްލުމެއް ލިބޭ ކަމަށް ބުނެ މިދިޔަ މެއި މަހު ވަނީ ބަންދު ކޮށްފަ އެވެ. އެތަން ބަންދުކުރި އިރު ފަސްދޮޅަހަކަށް މުވައްޒަފުން މަސައްކަތް ކުރަމުން ގެންދިޔަ އެވެ. ކެފޭ ބަންދުކުރި ނަމަވެސް އެ މުވައްޒަފުން ވަޒީފާ އިން ވަކިނުކުރާ ކަމަށްވެ އެވެ.

އެމްޕީއެލްގެ ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެމްޕީއެލް އިން ދޫކުރި ލިޔުމުގައި ބުނެފައި ވަނީ ކެފޭ ކުއްޔަށް ހިފާ ފަރާތުން ކެފޭގެ ޕާޓްނަޝިޕް ފީގެ ގޮތުގައި މަހަކު މަދުވެގެން 200،000ރ. ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެތަން ހިންގަން ވާނީ އެ ކުންފުނީގެ 50 ޕަސެންޓް ހިއްސާ އެކުލެވޭ ގޮތަށް ކަމަށާއި އެ ތަނުގެ މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓަންވާނީ ވެސް އެތަން ކުއްޔަށް ހިފާ ފަރާތުން ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.

އެ ކުންފުނިން އޭރު ކުރި އިއުލާނާ ގުޅިގެން ތިން ފަރާތަކުން ބިޑް ހުށަހެޅި ކަމަށްވެ އެވެ.