Roadha Mihaaru
މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ ހުޅުވައިފި

މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ ހުޅުވައިފި

25 ނޮވެމްބަރ 2016

މާލޭ އުތުރު ބަނދަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހެދި ކެފޭ މިރޭ ހުޅުވައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މާލޭ އުތުރު ބަނދަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހެދި ކެފޭ މިރޭ ހުޅުވައިފި އެވެ.

މީރުބަހުރު ބަނދަރުގައި، މާލެ ދަތުރުކުރާ ބޯޓު ފަހަރު ގާތްކުރާ ސަރަހައްދުގެ ކުރިމަތިން ވާ ގޮތަށް ހަދާފައިވާ ކެފޭ ހުޅުވައިދެއްވީ އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދެވެ.

މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭ އުތުރު ބަނދަރުގައި ހެދި ކެފޭ އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ބުރި އަށް ހަދާފައިވާ ކެފޭ ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޖުނައިދު ވިދާޅުވީ އެމްޕީއެލްގެ މަގުސަދަކީ އެ ކުންފުނީގެ ބެލުމުގައި ދަށުގައި ހުރި ބޭނުން ނުކޮށް ހުރި ހުސް ބިންތަކާއި އެ ނޫން ވެސް ތަންތަން ތަރައްގީކޮށް، އާމްދަނީ ލިބޭނެ ކަންކަން ކުރުމަށެވެ. އެ ގޮތުން، އެމްޕީއެލްގެ ކޯޕަރޭޓިވް އިން ތަރައްގީކުރި ކެފޭ ވެސް ހަދާފައިވަނީ އެ ފަދަ ބިމެއްގައިކަން އޭނާ ފާހަގަކުރެއްވި އެވެ.

"[ކުރިން މި ތަނުގައި ހުންނަނީ] ކޮންމެވެސް މީހެއްގެ ލަކުނޑިތަކެއް، ކޮންމެވެސް މީހެއްގެ ސައިކަލެއް، ނޫނީ ޕިކަޕެއް. މިއަދު ބައްލަވާ، މިތަން މި އޮތީ މިލިއަނުން މިލިއަނުން ފައިސާ ނެގޭނެ ވަސީލަތެއް ގާއިމްކޮށްފައި،" ޖުނައިދު ވިދާޅުވި އެވެ.

ކެފޭ ހުޅުވައިދެއްވުމަށް ފަހު އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެފޭ ހުޅުވައިދެއްވުމަށް ފަހު އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި މި ކެފޭގެ ހުރިހާ ވަޒީފާއެއްގައި ވެސް ތިބޭނީ މުޅިން ވެސް ދިވެހިންނެވެ. އަދި އެމްޕީއެލްގެ މުވައްޒަފުންގެ ހަރަދުތަކަށް އެ ކުންފުނީގެ ބަޖެޓުން މިހާރު ކުރާ ހަރަދު މި ކެފޭ އިން ލިބޭ އާމްދަނީން ހަމަޖެއްސޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އިން ކުރިން ވަނީ އުތުރު ބަނދަރުގައި ފިހާރައަކާއި ޖޫގޯ ވިއްކާ ތަނެއް ވެސް ހުޅުވައިފަ އެވެ.

އެ ހުރިހާ ތަނެއްގެ ބޭނުމަކީ، ޖުނައިދު ވިދާޅުވި ގޮތުގައި، އެމްޕީއެލް އަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ. އެ ގޮތުން، އެ ކުންފުނީގެ އާމްދަނީ މި އަހަރު 18 ޕަސެންޓް އިތުރުވެފައިވާ އިރު، އަންނަ އަހަރު އެ އަދަދު 30 ޕަސެންޓަށް ޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ސަބަބުން، އެމްޕީއެލްގެ ޕްލޭނާ އެއްގޮތަށް، އަންނަ އަަހަރު އިތުރު 500 ވަޒީފާ އުފެއްދޭނެ ކަމަށެވެ.