Roadha Mihaaru

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީ އެއް ނުނަގާނެ: އެމްޕީއެލް

މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށި ނަމަވެސް އެ ސަރަަހައްދަށް ކައިރި ކުރާ މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.

"މާރުކޭޓު ސަރަހައްދުން މަސްދޯނިތަކުން ފީއެއް ނުނަގާނެ"

މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނަގަން ފެށި ނަމަވެސް އެ ސަރަަހައްދަށް ކައިރި ކުރާ މަސްދޯނިފަހަރު އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެމްޕީއެލުން މިއަދު ބުނެފި އެވެ.

ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކަށް އަބަދުވެސް ފީއެއް ނަގަ އެވެ. އެހެންވެ، މަސްމާރުކޭޓާ ހަމައަށް ނޯތު ހާބަރު ސަރަހައްދު ބޮޑުކުރުމާ އެކު، އެ ސަރަހައްދަށް ކައިރިކުރާ ހުރިހާ އުޅަނދަކަށް ވެސް [މަސްދޯނިފަހަރު ފިޔަވައި] އެ އުސޫލު ހިނގާނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކުން އަބަދުވެސް ފީއެއް ނަގަ އެވެ. އެގޮތުން ފީނަގަނީ މާލޭ އެއްގަމުތޮށިން ބޯޓުގެ ފުޅާމިނަށް މީޓަރަކަށް 50 ލާރި ހުރަސްތޮށިން އަދި ބޭރުތޮށިން އުޅާނދުގެ ފުޅާމިނުގެ މީޓަރަކަށް 1ރ. ރުފިޔާ އެވެ.

އެކަމަކު، ނޯތު ހާބަރު ސަރަހައްދުއެކުގަ އެމްޕީއެލްއިން ބެލެހެއްޓި ނަމަވެސް ފީ ނަގާނީ މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރުން އެކަނި ކަމުގައި އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، އަހުމަދު ހަމްދުﷲ ރަޝީދު "މިހާރު"އަށް ވިދާޅުވި އެވެ.

"މާރުކޭޓު ކުރިމައްޗަށްވާ މަސްވެރިންގެ ޒޯންތައް އަދި އަޅުގަނޑުމެން ތަރުތީބެއް ނުކުރަން. އެކަން މާދަމާ އަޅުގަނޑުމެން ފަށައި، ދެ ދުވަހެއްގެތެރޭގައި ނިންމާލެވޭނެކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އެއްގަމު ތޮށި ހިމެނޭ ޒޯން އޭ ތަރުތީބުކުރީ ކުރިންވެސް ހިދުމަތްދެމުންދިޔަ އުސޫލްގައިވާ ގޮތަށް ކަމުގައި ހަމްދުﷲ ވިދާޅުވި އެވެ.

މަސްވެރިކަން ކުރާ ސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަން ބަދަލު ގެންނާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިންކަމުގައި އޭނާ ވިދާޅުވި އެވެ.

"އެ ތަން ހާއްސަ ވާނީ ސީދާ މަސްވެރި އުޅަނދުތަކަށް އެކަނި. އެ ތަނަށް މުދާ އުފުލާ އުޅަނދުތަކަށް ވެސް ގާތެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ނޯތު ހާބަރުގެ އެހެން ސަރަހައްދުތަކަށް ކައިރި ކުރާ އުޅަނދުތަކަށް ފީ އެއް ނެގި ނަމަވެސް، މާރުކޭޓު ސަރަހައްދު ހިމެނޭ ޒޯނަށް ގާތްކުރާ މަސްވެރި އުޅަނދުތަކުން އެއްވެސް ފީ އެއް ނެގުނުމުގެ ވިސްނުމެއް އެމްޕީއެލުން ނުގެންގުޅޭ ކަމުގެ ޔަގީންކަން ހަމްދުﷲ ދެއްވި އެވެ.

އެމްޕީއެލުން ބުނީ، މަސްމާރުކޭޓާ ހަމައަށް ނޯތު ހާބަރު ސަރަހައްދު ފުޅާކުރުމުން 54 އުޅަނދަށް މިހާރު ޖާގަ ދެވޭނެ ކަމަށެވެ. އަދި މަސްވެރިކަން ކުރާ 20 އުޅަނދަށް ހާއްސަ ޖާގައެއް އޮންނާނެ ކަމަށް ބުންޏެވެ. އަދި އެއްފަހަރާ ނޯތު ހާބަރުން 74 އުޅަނދަށް ޖާގެ ދެވޭނެ ކަމަށް އެމްޕީއެލުން ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައި ވެ އެވެ.