Roadha Mihaaru
އިތުރު މެމްބަރުންގެ ގޮނޑި ގެއްލުވާލާނެ: ޝާހިދު

މެމްބަރުންގެ ގޮނޑި ގެއްލުވާލުން އަދިވެސް ކުރިއަށް އެބަ އޮތް: ޝާހިދު

10 ސެޕްޓެމްބަރ 2017

ރައްޔިތުން މަޖިލީހުގެ އެތައް މެމްބަރެއްގެ ގޮނޑި ކުރިއަށް އޮތް ތަނުގައި ގެއްލުވާލާނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުން މަޖިލީހުގެ އެތައް މެމްބަރެއްގެ ގޮނޑި ކުރިއަށް އޮތް ތަނުގައި ގެއްލުވާލާނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

މިހާތަނަށް އިދިކޮޅު ހަތް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ކަނޑައަޅާފައެވެ.

ޕީޕީއެމުން ވަކިިކުރުމާ ގުޅިގެން، ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން މިހާތަނަށް ނިންމާފައި ވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މުހަންމަދު ވަހީދު އިބްރާހީމާއި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ޝިނާން އަދި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލުވާލަމުން ދަނީ ސިލްސިލާއެއްގެ ދަށުން ކަމަށާއި އެތައް މެމްބަރެއްގެ ގޮނޑި ގެއްލުން ކުރިއަށް އަދި އޮތީ ކަމަށެވެ.

"އަންނަނީ، ގޮނޑި ގެއްލުމުގެ އެކިއެކި ސިސްސިލާތައް އަންނަނީ، މިހާރު ހަތެއް. މި ދައްކަނީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބު ވެފައިވާ، ގާނޫނު އަސާސީގައި ވަކި ގޮތަކަށް ނޫނީ ވަކިނުކުރެވޭނެ ބޭފުޅުންގެ ވާހަކަ. އިލެކްޝަންސް ކޮމިޝަނުން މި ބުނަނީ ގޮނޑި ގެއްލިއްޖޭ، އިލެކްޝަންސް ކޮމިޝަންއާ ބެހޭ ކަމެއްތޯ؟" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ރައީސްގެ މަގާމުގައި ހުންނެވި އިރު ހަތަރު ބޭފުޅެއްގެ ގޮނޑި ގެއްލުނެވެ. އެކަމަކު އޭރު އެކަން އެގޮތަށް ނިންމީ އިލެކްޝަންސް ކޮމިޝަނުން ނޫން ކަމަށާއި ސްޕްރީމް ކޯޓުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް މެމްބަރުންގެ މައްޗަށް ދައުވާކުރަން އުޅެނީ "އެއެއްޗެކޭ މިއެއްޗެކޭ" ކިޔަިއިގެންނެވެ.

މިދިޔަ ޖުލައި 24 ގައި ގަދަކަމުން މަޖިލީހަށް ވެންނެވި މައްސަލާގައި އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. މިއީ މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްްޗަށް އެއްފަހަރާ ރާއްޖޭގައި ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

ބަސްބުނުމުގެ މިނިވަންކަން ނެތްކަން ފާހަގަކުރަށްވައި ޝާހިދު ވިދާޅުވީ ނޫސްވެރިއެއްގެ މައްޗަށް ވިއްޔާ ދައުވާ އުފުލައި ޕެޕާ ސުޕުރޭ ޖަހަމުން ގެންދާ ކަމަށެވެ. އިދިކޮޅު ހިޔާލެއް ފާޅުކޮށްފި ނަމަ އެސުޓޭޝަނަކަށް އޮތީ ޖޫރިމަނާއާ ކުރިމަތިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އަނިޔާވެރިކަން އިތުރުކުރަން ގެންގުޅޭނެ ފަލްސަފާއަކީ ބައެއްގެ ތެރޭގައި ކަމެއް އާންމުކޮށް އެއީ އެކަން އޮންނަން ޖެހޭ ގޮތްކަން ދެއްކުމެވެ. ރާއްޖޭގައި މިހާރު ކުރިއަށް ދާ އަނިޔާވެރިކަމަކީ އެފަލްސަފާގެ ދަށުން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.