31 ޑިސެމްބަރ 2017
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވުނެވެ.
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވުނެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އެދިގެން، މިދިޔަ ޖުލައި މަހުން ފެށިގެން މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ބައި އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، އެ މުއްދަތަށް އެކަން ނުކުރެވޭނެ ކަމަށް އީސީން ފުރަތަމަ ދެއްކި އުޒުރަކީ ބަޖެޓު ނެތުމެވެ. އެ ޝަކުވާ ފިނޭންސް މިނިސްޓްރީގައި ކުރުމުން، މަޖިލީހަށް މި އަހަރު ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި އެ އިންތިޚާބުތަކަށް 26 މިލިއަން ރުފިޔާ ހަމަޖައްސައިދިނެވެ.
ފައިސާ ހަމަޖައްސައި ދިނުމުން ވެސް ގާނޫނުގައި ބުނާ ޒިންމާ އަދާނުކޮށް އީސީ އޮތީ "ހިމޭނުންނެ"ވެ. މި މައްސަލާގައި މީޑިއާތަކުން ކުރާ އެއްވެސް ސުވާލަކަށް ވެސް އެ ކޮމިޝަނުން ޖަވާބެއް ނުދެ އެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މިއަދު ވިދާޅުވީ އީސީން އަމަލުކުރަމުންދާ ގޮތާ މެދު އިންތިހާ އަށް މެމްބަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގާނޫނުއަސާސީއާ ވެސް ޚިލާފަށް، މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެތައް ހާސް ރައްޔިތުންތަކެއްގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަ އަހަރަށް ފާސްކުރި ބޮޑު ބަޖެޓުގައި ދިއްދު އަށް އެއްވެސް ކަމެއް ނެތް ހިމަނާފައެއް. ރައްޔިތުންގެ ފަރާތުން ބަސް ބުނުމުގެ، ބަޖެޓުގައި މަޝްރޫއުތައް ހިމެނުމުގެ ފުރުސަތު އޮތީ ނިގުޅައިގެންފައި. އެހެން ދާއިރާތަކަށް ވެސް ހަމަ އެ ހާލު ޖައްސާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
"ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅިތާ ތިން 60 ދުވަސް [ ގާތްގަނޑަކަށް ހަ މަސް]ވަނީ. އިންތިހާބު ބާއްވަން ފާސްކުރި ބަޖެޓުގެ ބޭނުން ވެސް އެ އޮތީ ކެނޑިފައި. އެއީ ފިނޭންސް މިނިސްޓްރީގެ ސާކިއުލާއެއްގައި ބުނޭ، މިސާލަކަށް އިންތިހާބަށް ކަނޑައެޅި 26 މިލިއަން ރުފިޔާ މި އަހަރު ބޭނުން ނުކޮށްފި ނަމަ އަންނަ އަހަރު ބޭނުމެއް ނުކުރެވޭނެއޭ،" އޭނާ ވިދާޅުވި އެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުން ތުހުމަތުކުރާ ގޮތުގައި، އިންތިޚާބު ނުބާއްވައި ލަސްވަނީ އެޓާނީ ޖެނެރަލްގެ ލަފާ ނުލިބިގެންނެވެ. އިންތިޚާބު ބޭއްވުމުގެ ލަފައަކަށް އީސީން، އެޓާނީ ޖެނެރަލް އަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.
"ގާނޫނާ ޚިލާފު އެތައް ކަމެއް ހިންގަމުން މިދަނީ، ސަރުކާރުގެ ނުފޫޒާ އެކު. އެއްވެސް މުއައްސަސާއަކުން ވެސް އަޅައެއް ނުލާ، އެހެންވެ އިންތިހާބު ބޭއްވިއަސް ކައުންސިލްތަކުން ތިބީ އެއްބާރުލުން ދޭ ގޮތަކަށް ނޫން،" ލަތީފް ވިދާޅުވި އެވެ.
މެމްބަރުންގެ އަނެއް ކަންބޮޑުވުމަކީ، ޖުމްލަ 85 މެމްބަރުން ތިއްބަވާ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލައިގެން، ތިބެ އެ މަޖިލީހުން ފާސްކުރާ ނިންމުންތަކަކީ ގާނޫނާ ޚިލާފު ނިންމުންތަކަކަށް ވާނެ ކަމަށް ކުރެވޭ ތުހުމަތެވެ. ބައެއް ގާނޫނުތަކަކީ، ގާނޫނުގައި ކަނޑައަޅާފައިވާ ވަކި އަދަދަކަށް މެމްބަރުން ތިއްބަވައިގެން ފާސްކުރަން ޖެހޭ ގާނޫނުތަކެއް ކަން ވެސް ލަަތީފް ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ވަނީ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ. އެކަމަކު އިލެކްޝަނުން އެގޮތަށް އަމަލެއް ނުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ އެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
12 ދާއިރާގެ އިންތިޚާބަށް ފައިސާ ހޯދަން ހުށަހަޅައިފި
ޕާޓީއަކުން މީހަކު "ވަކިވާނީ" ކިހާ ހިސާބަކުން؟
ބައި އިލެކްޝަން އަދިވެސް އިއުލާނެއް ނުކުރޭ!
ބައި އިލެކްޝަން ހުއްޓުވަން ނުކުންނަންޖެހޭ: މައުމޫން
އީވާ، އިބޫ، ފައިސަލް އަލުން ޕާޓީތަކަށް ވައްދައިފި
ނޭނގި ޕާޓީ ބަދަލުވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާންޖެހޭ: މެމްބަރުން
ސައްހަނޫން ފޯމު ހުށަހަޅާނަމަ އެމްޑީޕީން ފުރުސަތެއް ނެތް
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި