Roadha Mihaaru
ބައި އިލެކްޝަން ހުއްޓުވަން ނުކުންނަންޖެހޭ: މައުމޫން

ބައި އިލެކްޝަން ހުއްޓުވަން ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭ: މައުމޫން

28 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުން ހުއްޓުވަން ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅައި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުން ހުއްޓުވަން ސަލާމަތީ ބާރުތަކުން ނުކުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން އެހެން ވިދާޅުވީ، އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ރޭ ނިންމާފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލުކުރާތީ އެވެ. އެހެންވެ މައުމޫންގެ ވިސްނުންފުޅުގައި އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު ކަމެކެވެ.

ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ވިސްނުމުގައި އެ ހަތަރު ދާއިރާގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އެހެންވެ މަޑުއްވަރީ ދާއިރާ އާއި ތުލުސްދޫ ދާއިރާ އާއި ވިލިނގިލީ ދާއިރާ އާއި ދިއްދޫ ދާއިރާގެ އިތުރުން ދަނގެތީ ދާއިރާ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ ބައި އިލެކްޝަން އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާން ކުރީ އެވެ.

މައުމޫން ވިދާޅުވީ ޝަރުއީ ހުކުމްތައް ތަންފީޒުނުކޮށް އެއާ ދެކޮޅު ހަދައި، ގޮންޖަހާ މީހުންނަށް ނަސޭހަތްދީ، އިންޒާރުދީގެން އަދި ވާހަކަ ދައްކައިގެން ވެސް އެއަށް ހުރުމަތްތެރިކޮށް ނުހިތައިފި ނަމަ ހިފައި ހައްޔަރުކޮށްގެން ވިޔަސް އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

"އެއާ ދިމާ އިދިކޮޅަށް ބާޔާން ނެރުއްވައި ބައި އިލެކްޝަން ކުރިއަށް ގެންދާނެ ކަމަށް [އިލެކްޝަންސް ކޮމިޝަން އިން ] އެ ވިދާޅުވީ. ސަލާމަތީ ބާރުތަކުން ޖެހޭނެ ނުކުމެ އެ ކަންތައްތައް ހުއްޓުވަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، އެ ހުކުމުގެ މުއްދަތުގައި ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުއްވަން ޖެހެ އެވެ. އެކަމަކު އެ އަށް ސަރުކާރުން އަމަލު ނުކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ މައްސަލަތަކެއް އެބަހުރި. ކޯޓްތަކުން ކުރާ ހުކުމަށް އިހުތިރާމް ކުރަންވީ ވަރަކަށް ސަރުކާރުން އިހުތިރާމެއް ނުކުރައްވައޭ. އެހެރީ ހަގީގަތްތައް ފެންނަން އަޅުގަނޑުމެންނަށް،" މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުމޫން ވިދާޅުވީ އިސްލާމީ ނިޒާމުގައި ހާކިމާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ގައުމު މިނިވަންކަންމަތީގައި ދެމެހެއްޓުމާއި އަދުލުއިންސާފު ގާއިމް ކުރުން އަދި ދީނީ ޝިއާރު ފާޅުކުރުން ކަމަށެވެ.

"އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންތައްތައް. މި ކަންތައްތައް ނުކުރައްވާ ކަމަށް ވަންޏާ އެއީކީ އިސްލާމީ ނިޒާމަކަށް ނުވާނެ. އެހެންވީމާ މިކަން އެބަޖެހޭ އަޅުގަނޑުމެން އެންމެން ދަނެގެން މަސައްކަތް ކުރަން،" މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ ވާހަކަފުޅުގައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިނިވަންކުރަން ގޮވާލައްވައިފަ އެވެ.

މައުމޫން ވިދާޅުވީ ސަރުކާރު ޖާވާބުދާރީކުރުވަން މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި ސިޔާސީ ހަތަރު ލީޑަރުން އެކަނި ނޫން ކަމަށާއި ރައްޔިތުންގެ ކިބައިން ވެސް އެކަން ފެންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކޮށްފައި އެވަރުން ފުދުނީކީ ނޫން. ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ދާއިރާގެ މެމްބަރު އެ މަގާމަށް އަޅުގަނޑުމެން އިންތިހާބުކޮށްފައި ދެން ގެ އަށް ގޮސް ނިދަންވީއެއް ނޫން. އަބަދު ތިބެންވީ ބަލަހައްޓައިގެން އެ ބޭފުޅުން ކަން ކުރައްވަނީ ކިހިނެއްތޯ. އެއީ ޑިމޮކްރަސީ ބިނާވެފައި އޮންނަ ގޮތަކީ. ރައްޔިތުން އަބަދު ތިބެން ޖެހޭނީ ހޭލާ،" އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިންނެވެ. އަދި މެމްބަރުން ކުރަނީ ރައްޔިތުން އެ މީހުންނާ ހަވާލުކުރާ މަސައްކަތެއް ކަމަށާއި އެއީ ރައްޔިތުންގެ ޚާދިމުން ކަމަށް ވެސް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ މެމްބަރުން ހަމަޔަކަށްށް އަޅުވަން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކިބައިން އެކަން ފެންނަމުންނުދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައްޔިތުންގެ ފަރާތުން އެ މަންޒަރެއް ނުފެނޭ. ފެންނަ މަންޒަރަކީ ބައެއް ޕާޓީތަކުގެ ލީޑަރުން ނުވަތަ ޕާޓީތަކުގެ އެކްޓިވިސްޓުން ސަރުކާރު ޒިންމާދާރުކުރުވަން ވާހަކަފުޅު ދައްކަވާނެ. އެކަމަކު އެކަމުން ނުފުދޭނެ. އެއީ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫން،" މައުމޫން ވިދާޅުވި އެވެ

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އިންތިހާބުކުރާ ފަރާތްތަކާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

"އަޅުގަނޑުމެން މިތިބެނީ އެ ބޭފުޅުން އިންތިހާބު ކުރުމަށް ފަހު ގެއަށް ގޮސް. ދެން އެ ބޭފުޅުން ބޭނުން ގޮތަކަށް ކަންތައް ކުރައްވަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރަނީ އެ ބޭފުޅުން މުއްސަނދި ކުރާކަށް ނޫން ކަމަށެވެ. ނަމަވެސް ހަގީގަތަކީ މިހާރު ބައެއް ބޭފުޅުންނަކީ ބޮޑެތި މަހުޖަނުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"ރާއްޖޭގައި ހުރިއްޔާ ހުރި ވިޔަފާރީގެ ތެރޭގައި އެ ބޭފުޅުން އުޅުއްވާނެ. އެ ބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ ހިދުމަތް ކޮބައިތޯ؟ އެއެއް ނުފެނޭ. އަޅުގަނޑުމެން އެ ބޭފުޅުން އިންތިހާބު ކުރީ މުއްސަނދިންނަށް ހަދާކަށް ނޫން،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފާޑުވިދާޅުވަމުން މައުމޫން ވިދާޅުވި އެވެ.