Roadha Mihaaru
"ނިންމުން ބާތިލްކުރުމުން ބަލަނީ ގޮނޑި ގެއްލުނުކަމަށް"

ސުޕްރީމް ކޯޓުން ނިންމުން ބާތިލްކުރުމުން މިހާރު ބަލަނީ ގޮނޑި ގެއްލިފައިވާ ކަމަށް: އީސީ

11 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކޮށްފައި ވާތީ، މިހާރު ގަބޫލުކުރަނީ ގޮނޑި ގެއްލުނު ކަމަށް ކުރިން ނިންމާފައި އޮތް ގޮތަށް ކަމަށް އެ ކޮމިޝަންގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކޮށްފައި ވާތީ، މިހާރު ގަބޫލުކުރަނީ ގޮނޑި ގެއްލުނު ކަމަށް ކުރިން ނިންމާފައި އޮތް ގޮތަށް ކަމަށް އެ ކޮމިޝަންގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

ޕީޕީއެމް ދޫކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓެވި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހަމަޖައްސައި، ބައި އިލެކްޝަން ނުބާއްވަން މި މަހުގެ ތިނެއްގައި އީސީން ނިންމި އެވެ. ނަމަވެސް އެ ނިންމުން ސުޕްރީމް ކޯޓުން ބާތިލްކުރީ، އެ މެންބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާތީ އެކަމުގައި ގޮތެއް ނިންމޭނީ ހަމައެކަނި އެ ކޯޓަށް ކަމަށް ބުނެ އެވެ. މި ނިންމުމަށް ފަހު ސުޕްރީމް ކޯޓުން ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.

އެއީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި އެވެ. ބާކީ ތިއްބެވި އަށް މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުން ވަކިވަކިން ވަނީ ބަލަން ފަށައިފަ އެވެ.

އެގޮތުން، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައަޅާފައިވާތީ އެ ކޮމިޝަނާ ދެކޮޅަށް އަބުޅޯ ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެވެ. އަބުޅޯގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފައިވެ އެވެ.

މެމްބަރުންތަކެއް ގޮނޑި ގެއްލުނު ކަމަށް ބުނެ، އީސީން ނިންމި ނިންމުން ރިވިއުކޮށްފައިވާނެތޯ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، އީސީގެ އެސިސްޓަންޓް ލީގަލް އޮފިސަރު އައިޝަތު ސުމައިނާއާ ސުވާލު ކުރެއްވުމުން ސުމައިނާ ވިދާޅުވީ އީސީގެ ނިންމުން ރިވިއުކޮށް، މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ އަމުރުން އެ ނިންމުން ބާތިލް ކުރުމާ ގުޅިގެން، ކޮމިޝަނުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށް ވެސް ސުމައިނާ ވިދާޅުވި އެވެ.

އެހެންވެ، އަބުޅޯއެކޭ އެއްގޮތަށް ބާކީ ތިއްބެވި މެމްބަރުންގެ ގޮނޑި ވެސް ގެއްލުނު ކަމަށް ކުރިން ކޮމިޝަނުން ނިންމި ނިންމުމާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް ސުމައިނާ ވިދާޅުވި އެވެ.

ސުމައިނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސުލޫކީ ކޮމިޓީން އަބުޅޯ ވަކި ކުރަން ނިންމީ އޮގަސްޓް 28، 2017 ގަ އެވެ. އަދި އަބުޅޯ ވަކިކުރަން ޕީޕީއެމުން އީސީ އަށް ހުށަހެޅީ އޮގަސްޓް 30، 2017 ގައި ކަމަށާއި ޕާޓީގެ ދަފްތަރުން އޭނާ އުނި ކުރީ ސެޕްޓެމްބަރު 5 2017 ގަ ކަމަށް ސުމައިނާ ވިދާޅުވި އެވެ.

ގާނޫނާއި ގަވައިދުތަކަށް ބަލާއިރު، ޕާޓީގެ މެމްބަރު ކަމުން ވަކިވާނީ އީސީގެ ދަފްތަރުން އުނިކުރާ ހިސާބުން ކަމަށް ވެސް ސުމައިނާ ވިދާޅުވި އެވެ. އެހެންވެ، އަބުޅޯގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކޮށް ދެއްވުމަށް ފަނޑިޔާރުންގެ ކިބައިން ސުމައިނާ އެދިވަޑައިގެންނެވި އެވެ.

އެކަމަކު، އަބުޅޯގެ ވަކީލް މަސްތޫރު ހުސްނީ ވިދާޅުވީ އަބުޅޯ ޕީޕީއެމުން ވަކިވުމަށް އެދި ޖުލައި 10، 2017 ގައި ޕީޕީއެމަށް ހުށަހެޅުއްވި ކަމަށެވެ. އަދި ޖުލައި 11، 2017 ގައި ޕީޕީއެމްގެ ދަފްތަރުން އުނިކޮށް ދެއްވުމަށް އެދި އަބުޅޯ އީސީ އަށް ސިޓީ ފޮނުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަބުޅޯ އާއި ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެމްބަރުން ހިމެނޭ ގޮތަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން، ޖުލައި 13، 2017 ގައި އެ ކޯޓުން ނިންމީ، އެ ތާރީޚުގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޖުލައި 16، 2017 ގައި ނެރުނު އަމުރުގައި މާޒީވެ ދިޔަ ކަންކަމުގެ މައްޗަށް ރުޖޫއަ ނުވާނެ ކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

މަސްތޫރު ވިދާޅުވީ އަބުޅޯ ޕީޕީއެމުން ވަކިވެވަޑައިގެންފައިވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އެހެންވެ، އަބުޅޯގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށާއި އަބުޅޯއަކީ މަޖިލިހުގެ މެމްބަރު ކަމުން ވަކިވެފައިވާ ބޭފުޅެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދެއްވުމަށް މަސްތޫރު އެދިވަޑައިގެންނެވި އެވެ.

ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ އަބުޅޯ ޕީޕީއެމުން ވަކިވާން އެދި ހުށަހެޅުއްވި ސިޓީ ޕީޕީއެމުން ބަލައިގެންފައިވާ ކަމުގެ ސޮއި ވެސް ކުރި ކަމަށެވެ. ޕީޕީއެމްގެ އަސާސީ ގަވައިދަށް ބަލާއިރު، ޕާޓީން ވަކިވާން އެދޭ ހިސާބުން ޕާޓީން ވަކިވާނެ ކަމަށް އޮތުމާ ގުޅިގެން އެއީ އީސީން ނުވަތަ ޕީޕީއެމުން ވެސް ޖަވާބެއް ދޭންޖެހޭ ކަމެއް ނޫން ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

މީގެއިތުރުން، ޕީޕީއެމްގެ ދަފްތަރުން އަބުޅޯ ވަކި ނުކޮށް އޮތުމަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ހަމަޖެހޭ އުސޫލަކަށް ނުވާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

މި މައްސަލައިގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އީސީގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން، އަބުޅޯގެ ސިޓީއެއް ޖުލައި 11، 2017 ގައި ލިބިފައިވޭތޯ ސުވާލު ކުރުމުން ސުމައިނާ ވިދާޅުވީ އެ ފަދަ ސިޓީއެއް ލިބިފައިވާ ކަމަށާއި އެކަމާ އިއުތިރާޒް ނުކުރައްވާ ކަމަށެވެ. އަދި އެ ސިޓީއާ ގުޅިގެން ޕާޓީން ވަކިވުމުގެ ކަންކަން ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކުރިއަށް ދިއުމަށް އެދި އަބުޅޯ އަށް ސިޓީއެއް ފޮނުއްވި ކަމަށް ވެސް ސުމައިނާ ވިދާޅުވި އެވެ.

މީގެއިތުރުން، ޕީޕީއެމުން ވަކިވާން އަބުޅޯ ހުށަހެޅުއްވި ސިޓީއާ ގުޅިގެން އެ ޕާޓީން އެއްވެސް ޖަވާބެއް ދިންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން، މަސްތޫރު ވިދާޅުވީ ޕީޕީއެމްގެ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އަބުޅޯގެ ވަކީލުންނާއި އީސީގެ ވަކީލުން ވާހަކަ ދައްކަވައި ނިމުމުން އުއްތަމަ ފަނޑިޔާރު ވަނީ އަބުޅޯގެ މައްސަލައިގެ އަޑުއެހުންތައް ނިމުނުކަން އިއުލާން ކުރައްވައިފަ އެވެ. އަދި ހުކުމް އިއްވާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.

އަބުޅޯ އާއި ސިނާންގެ އިތުރުން، ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ، ހަނިމާދޫ ދާއިރާގެ ހުސެއިން ޝަހުދީ، ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހް އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ގޮނޑިއާ މެދު ހިލާފު އުފެދުމާ ގުޅިގެން އެ މައްސަލަތައް ވެސް އޮތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.