Roadha Mihaaru
ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަލުން ހުށަހަޅަނީ

ޝާހިދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންދިޔައީ އިތުރު މެމްބަރުން ސޮއިކުރަން: އިދިކޮޅު

15 މެއި 2023

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެއްދި މައްސަލަ އަނބުރާ ގެންދިޔައީ އިތުރު މެމްބަރުން ސޮއިކޮށް އަލުން ހުށަހެޅުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެއްދި މައްސަލަ އަނބުރާ ގެންދިޔައީ އިތުރު މެމްބަރުން ސޮއިކޮށް އަލުން ހުށަހެޅުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝާހިދުގެ މައްސަލަ "ނެގީކީ ނޫން" ކަމަށެވެ. އިތުރު މެމްބަރުން ސޮއިކުރަން ބޭނުންވާތީ އެ އިންތިޒާމު ހަމަޖެއްސުމަށް މައްސަލަ އަނބުރާ ގެންދެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބުރާސްފަތި ދުވަހު [އަލުން] ހުށަހަޅާނަން،" އޭނާ ވިދާޅުވި އެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މެންދުރު ހުށަހެޅުމަށް ފަހު، ހަވީރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅީ ރާއްޖެ-މޮރިޝަސް އިން ވަކި ކުރި މައްސަލާގައި ރާއްޖެއިން ބޮޑު ބައެއް ގެއްލުނު ކަމަށް ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ޝާހިދުގެ އިތުބާރު ނެތް މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން މެންބަރުންގެ ތާއީދެއް ނެތެވެ. އެ މައްސަލާގައި "ފިކުރެއްގެ ދިރުން" ފެކްޝަނުގެ އެއްވެސް މެމްބަރަކު ސޮއެއް ނުކުރައްވަ އެވެ.

ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއިކުރެއްވީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުން އަދި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިނެވެ.

އެ މައްސަލަ ހުށަހަޅަން ފިކުރެއްގެ ދިރުންގެ އެއްވެސް މެންބަރަކު ސޮއި ނުކުރައްވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ސޮއެއް ވެސް ނެތެވެ.

އެމްޑީޕީން ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާ އެ ޕާޓީގެ މެންބަރުންނާ މެދު އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންފައިވާތީ އޭނާއާ މެދު ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ޕާޓީގެ ސެކްރެޓޭރިއަޓަށް ފޮނުވައިފަ އެވެ. އެ މައްސަލާގައި އެ ކޮމިޓީގެ ބައްދަލުވުމެއް ވެސް މިއަދު ބޭއްވި އެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ 10 މެންބަރެއްގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅެ އެވެ. އެކަމަކު ވަޒީރަކު ވަކި ކުރަން އިތުބާރު ނެތް ކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން އެ މައްސަލަ އާ ބެހޭ ބަހުސް މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަން ވާނެ އެވެ. އަދި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އޮންނާނެ އެވެ.