Roadha Mihaaru
ގަވަރުނަރަކަށް ނަސީރު އައްޔަންކުރަން ރުހުން ދީފި

އެމްއެމްއޭގެ ގަވަރުނަރަކަށް ނަސީރު އައްޔަންކުރަން ރުހުން ދީފި

24 އޯގަސްޓް 2017

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުންދީފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުންދީފި އެވެ.

އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ ތެރޭގައި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ކުރިއަށް ގެންދެވި ޖަލްސާގައި، އެމްއެމްއޭގެ ގަވަރުނަރަކަށް ނަސީރު އައްޔަން ކުރުމަށް ފާސްކުރީ ސަރުކާރުގެ ކޯލިޝަންގެ 33 މެމްބަރުންގެ ވޯޓާއެކު އެވެ. މި ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިއެއް ނުވެ އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ކުރީގެ ސީއީއޯ އަދި އެމްއެމްއޭގައި ވެސް މަސައްކަތް ކުރެއްވި ނަސީރު އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖެއްސެވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވީ، އެ މަގާމަށް ނީޒާ އިމާދު ހަމަޖެއްސަވަން ބޭނުންވާކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.

އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާގެ ނަން ރައީސް ޔާމީން އަނބުރާ ގެންނެވުމާ އެކު އޭނާ ވަނީ އެމްއެމްއޭ އިން އިސްތިއުފާ ދެއްވައިފަ އެވެ.

ނީޒާ އަކީ އެމްއެމްއޭގައި 31 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު ހުސްވީ އަޒީމާ އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގަވަރުނަރުގައި ކަމުގައި ތިން އަހަރު ވަންދެން ހުންނެވުމަށް ފަހު، އަޒީމާ އިސްތިއުފާ ދެއްވީ އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބަކަށް އޭނާގެ ފިރިކަލުން އަލީ ނަސީރު (އަލިނީ) ހަމަޖެއްސެވުމާ އެކު، ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށް ނިންމެވުމުންނެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރަކަށް ނަސީރު ހަމަޖެއްސެވުމަށް ފާސްކުރުމަށްޓަކައި މިއަދު ހެނދުނު 9:00 ގައި ޖަލްސާ ފެށިއިރު ވެސް މިދިޔަ ދެ ދުވަހެކޭ އެއްގޮތަށް، މިއަދުގެ ޖަލްސާގައި ވެސް ރިޔާސަތުގެ ވަށައިގެން ސިފައިންގެ ގިނަ ބަޔަކު އެތުރިގެން ތިބިއިރު، އިދިކޮޅު މެމްބަރުން ގެންދިޔައީ އަޑުގަދަ ކުރަމުންނެވެ. އަދި ޖަލްސާ ކުރިއަށް ގެންދިޔައިރު ވެސް ސަރުކާރާއި އިދިކޮޅު މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ވަނީ ހިންގައިފަ އެވެ.

މީގެ އިތުރުން ޖަލްސާ ނިންމާލި ފަހުން ވެސް ޗެމްބަރުގެ ބޭރުގައި މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިންގި މަންޒަރު ފެނިފައިވެ އެވެ.

މިއަދުގެ ޖަލްސާއާ އެކު، މި އަހަރުގެ ދެވަނަ ދައުރު ނިންމައި މެމްބަރުން ވަނީ ޗުއްޓީ އަށް ވަޑައިގެންފަ އެވެ. ތިންވަނަ ދައުރު ފެށޭނީ އޮކްޓޯބަރު މަހު އެވެ.