Roadha Mihaaru
މިއަދުގެ ޖަލްސާގައި ވެސް ސިފައިންގެ ފާރެއް

މިއަދުގެ ޖަލްސާގައި ވެސް ސިފައިންގެ ފާރެއް

22 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ދެކޮޅުހެދުންތަކާ އެކު، ސިފައިންގެ "ފާރަ"ކާ އެކު ޖަލްސާ ބާއްވައި ނިންމާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ދެކޮޅުހެދުންތަކާ އެކު، ސިފައިންގެ "ފާރަ"ކާ އެކު ޖަލްސާ ބާއްވައި ނިންމާލައިފި އެވެ.

މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ޗެމްބަރު ތެރެއަށް ތިރީހަކަށް ސިފައިން މަޖިލީހުގެ ރިޔާސަތުގެ މޭޒު ކުރިމަތީގައި އަތުރާލި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހަންމަދުގެ މޭޒުކޮޅު ކައިރީގައި ވެސް ސިފައިން ތިއްބެވެ. އަދި އިދާރީ މޭޒު ކުރިމަތިން މެމްބަރުންނަށް ރިޔާސަތު ވެސް ނުފެންނަހެން ސިފައިން ފާރެއް ހަދައިގެން ތިއްބެވެ. އެންމެ ފަހުން، މިދިޔަ މަހުގެ 31 ގައި އޮތް ޖަލްސާ ވެސް ބޭއްވީ މިކަހަލަ ގޮތަކަށެވެ.

ސިފައިން ޗެމްބަރު ތެރޭގައި ތިއްބެވުމުން އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވަނީ މިއީ ވެސް މެމްބަރުންތޯ އައްސަވައިފަ އެވެ. އަދި ސިފައިން ފެނުމާ އެކު އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ވިދާޅުވެވުނީ ޝަހާދަތުގެ ދެކަލިމަ އެވެ.

ވަކިވަކި ސިފައިން ކައިރި އަށް އަށް ހުއްޓި ވަޑައިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ސަމާސާ ރާގަކަށް އެއީ އެކި ދާއިރާތަކަށް ނިސްބަތްވާ "މެމްބަރުން" ކަމަށް ވިދާޅުވެފަ އެވެ. އީވާ ވިދާޅުވި ގޮތުގައި ސިފައިންނަކީ، މިހާރު ތިއްބެވި މެމްބަރުންނަށް ނޭނގި، ކޮންމެވެސް އިންތިހާބަކުން ހޮވުނު ބައެކެވެ.

"މިއީކީ ބަނޑޭރި ކޮއްޓެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މިއީ އަޅުގަނޑުމެން [މެމްބަރުން] ވަންނަން ހަދާފައި ހުރި ތަނެއް. ތިޔަބޭފުޅުންނަށް ހަދާފައި އޮތް ތަނެއް ނޫން. ސިފައިންގެ ދައުރަކީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ތިބުމެއް ނޫން. މިއީ މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ބާރު ހިނގާ ތަނެއް ނޫން،" އީވާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއްގައި ސިފައިން ވަންނަން ޖެހޭ ހިސާބަކީ މަޖިލީހުގެ ރައީސް، މެމްބަރެއްގެ ނަން އިއްވެވުމަށްފަހު، އެ މެމްބަރަކު ނުނިކުމެއްޖެނަމަ، އެ މެމްބަރަކު މަޖިލީހުގެ ޗެމްބަރަކު ނެރުމަށް ކަމަށެވެ. އޭގެ ކުރިން މަޖިލީހަށް ސިފައިން ވަނުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރި ކަމެއް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އަދި މެމްބަރެއްގެ ނަން އިއްވައިފިތޯ މަހުލޫފު އެއްސެވި އެވެ. އެތުރިގެން ތިބި ސިފައިންގެ އެކަކު ވެސް އެއްޗެކޭ ނުބުނެ އެވެ.

މަޖިލިސް މެދުކެނޑިފައި އޮންނަތާ 22 ދުވަސް ފަހުން ބޭއްވި ޖަލްސާގައި އިދިިކޮޅު މެމްބަރުން ޗެމްބަރުގައި ވަރަށް ބޮޑަށް އަޑުގަދަ ކުރައްވައިފަ އެވެ. އަދި ސިފައިންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރަކަށް ކުރިމަތިލުންތަކެއް ހިނގި ތަން ފެނިގެން ދިޔަ އެވެ. އެ ކުރިމަތިލުންތަކުގެ ތެރެއިން މަހްލޫފް ވިދާޅުވީ "އަނިޔާ ކުރަން ނުޖެހޭ" ކަމަށާއި "އަޅުގަނޑުމެން އައިސް މިތިބީ ޖަލްސާ"ގައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަސީހްގެ ރިޔާސަތުގައި މިއަދު ވެސް ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. މަސީހު ވަކިކުރަން ހުށަހަޅާފައިވާ މައްސަލައިގެ ވޯޓަށް ވުރެ ކުރިން އެހެން އެއްވެސް ކަމެއް އެޖެންޑާކުރެވިގެން ނުވާނެ އެބޭފުޅުން ގަބޫލުކުރައްވަ އެވެ.

މަޖިލީހުގެ ޖަލްސާގައި ވަނީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖެއްސެވުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު ހަމަޖެއްސެވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ދާއިމީ ކޮމެޓީ އަށް ފޮނުވައިފަ އެވެ.

ޖަލްސާ ނިންމަވާލައްވާފައި ސިފައިންގެ ހިމާޔަތުގައި މަސީހު ކޮޓަރިކޮޅަށް ވަޑައިގަތް ވަގުތު އިދިކޮޅު މެމްބަރުން ވަނީ މަސީހަކީ "ފޭރޭ" ބޭފުޅެއް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ވަރަށް ބޮޑަށް އެއްޗެހި ކީ ތަން ވެސް ފެނުނެވެ. އަދި 45 މެމްބަރުން ސޮއިކުރެއްވީމަ، "މަސީހުގެ ލަދު ކޮބައިތޯ" މަހްލޫފް އެއްސެވި އެވެ. ނަމަވެސް މަސީހް، ހިނިތުންވެވަޑައިގަތުން ފިޔަވައި އެއްވެސް އެއްޗެއް ޖަވާބުގައި ވިދާޅެއް ނުވެ އެވެ.