Roadha Mihaaru
އަމީން އާންމުކަމަށް ނިއުޝާ އައްޔަންކުރަން ފާސްކޮށްފި

މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ނިއުޝާ އައްޔަން ކުރަން ފާސްކޮށްފި

09 ޖުލައި 2018

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް، އަމީން އާންމުގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި ފާތިމަތު ނިއުޝާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް، އަމީން އާންމުގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި ފާތިމަތު ނިއުޝާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނިއުޝާ، މަޖިލީހުގެ އަމީން އާންމުގެ މަގާމަށް އައްޔަން ކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 33 މެމްބަރުންގެ އިއްތިފާގުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން، ފެށިގެން އިދިކޮޅު އެއްވެސް މެމްބަރަކު ޖަލްސާތަކުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

މަޖިލީހުގެ އަމީން އާންމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ވެސް ނިއުޝާ އެވެ.

އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވަސިޓީ އާއި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ތައުލީމް ހާސިލް ކުރެއްވި ނިއުޝާ ވަނީ ބެޗްލަސް އޮފް ލޯ އިން ހޮނޯސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. ނިއުޝާ 2012 އިން ފެށިގެން ހުންނެވީ އަމީން އާންމުގެ ނައިބުގެ މަގާމުގަ އެވެ.

އޭގެ ކުރިން އޭނާ ވަނީ ސީނިއާ ލީގަލް ކައުންސިލްގެ މަގާމާއި ލީގަލް ކައުންސިލްގެ މަގާމާއި ޑެޕިއުޓާ ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. ނިއުޝާ އެންމެ ފުރަތަމަ އަދާކުރެއްވީ ފިނޭންސް މިނިސްޓްރީގައި ޑެސްކް އޮފިސަރެއްގެ މަގާމެވެ.

މަޖިލީހުގެ ޖަލްސާގައި ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވީ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމާ ގުޅިގެން އެކަމަށް ކުރިމަތިލެއްވީ ނިއުޝާ އެކަނި ކަމަށެވެ.

އަމީން އާންމަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު، 55،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީ އަށް ފޮނުވައިފަ އެވެ. މި ބިލަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލުމުން އެއްވެސް މެމްބަރަކު ބިލަށް ބަހުސް ކުރާކަށް ބޭނުމެއް ނުވި އެވެ.

އަމީން އާންމުގެ މަގާމަށް ނިއުޝާ ކުރަން ނިންމި އިރު، ދާދި ފަހުން ވަނީ އަމީން އާންމުގެ އެހީތެރިޔާގެ މަގާމަށާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ވެސް ދެ ބޭފުޅަކު އައްޔަން ކޮށްފަ އެވެ.