Roadha Mihaaru
މޮރީނިއޯގެ ނަޒަރުގައި ލީގުގެ ފޭވަރިޓަކީ ޗެލްސީ

މޮރީނިއޯގެ ނަޒަރުގައި ލީގުގެ ފޭވަރިޓަކީ ޗެލްސީ

19 އޯގަސްޓް 2017

މެންޗެސްޓާ (އޮގަސްޓް 19) - މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފޭވަރިޓަކީ ޗެލްސީ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮގަސްޓް 19) - މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފޭވަރިޓަކީ ޗެލްސީ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުނައިޓެޑް ވަނީ ފުރަތަމަ މެޗުން ވެސްޓް ހޭމް އަތުން 4-0 އިން މޮޅުވެފަ އެވެ. ޗެލްސީ ވަނީ ދެ ރަތް ކާޑާ އެކު އަމިއްލަ ދަނޑުގައި 3-2 އިން ބާންލީ އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުތަކުގައި މި ހަފްތާގައި ޔުނައިޓެޑް މިއަދު ހަވީރު ރަށުން ބޭރުގައި ނުކުންނާނީ ސްވަންސީ ސިޓީއާ ދެކޮޅަށެވެ. އަދި ޗެލްސީ މާދަމާރޭ ބައްދަލުކުރާ ޓޮޓެންހަމާ އެވެ.

މޮރީނިއޯ ބުނީ އޭނާގެ ނަޒަރުގައި އަބަދުވެސް ފޭވަރިޓަކީ އެންމެ ފަހުގެ ޗެމްޕިއަން ކަމަށެވެ.

"އަހަަންނަށް އަބަދުވެސް ފޭވަރިޓަކީ އެންމެ ފަހުގެ ޗެމްޕިއަން. އޭގެ މާނަ އަކީ އެ ޓީމުން މުބާރާތް ކާމިޔާބު ކުރާނެޔެކޭ އެއް ނޫން. އެއީ ޗެމްޕިއަންކަން ހޯދުމުން ދެން އަންނަ ސީޒަނަކަށް ނުކުންނައިރު ލިބޭ ސްޓޭމްޕެއް ހެން އޮންނަ ކަމެއް،" މޮރީނިއޯ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން އެންމެ ބޮޑަށް ފާރަލި ކުޅުންތެރިއާ ރޮމެލޫ ލުކާކޫ ސޮއިކުރީ ޔުނައިޓެޑަށެވެ. އަދި މިދިޔަ ސީޒަނުގައި ޗެލްސީ އަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނުމުގައި އެންމެ ބޮޑަށް އެހީތެރިވި ސާބިއާގެ މިޑްފީލްޑަރު ނިމެންޔާ މަޓިޗް ވަނީ ޔުނައިޓެޑަށް ބަދަލުވެފެ އެވެ.

މޮރީނިއޯ ވަނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގާތުގައި މަޓިޗް ގެއްލުމުގެ ޝަކުވާ ކުރުން ހުއްޓާލުމަށް އެދިފަ އެވެ.

"ޓްރާންސްފާ މާކެޓްގެ އުސޫލަކީ ކުޅުންތެރިއެއް ވިއްކާލުމަށް ފަހު ކުޅުންތެރިން ގަތުން. އަހަންނަކަށް ނުވިސްނުނު ޗެލްސީ ކޯޗު (ކޮންޓޭ) މަޓިޗް ވިއްކާލުމަށް ފަހު ޝަކުވާ މިކުރާ ސަބަބެއް. މިސާލަކަށް ޗެލްސީ އަށް މި ގެއްލުނީ ވަރަށް މުހިއްމު މިޑްފީލްޑަރެއް (މަޓިޗް) ދެން އެމީހުން ގަނެފި ބަކަޔޯކޯ ދެން އަހަންނަށް މީޑިއާތަކުން އެނގިފައިވާ ގޮތުގައި އެމީހުން އަންނަނީ ޑްރިންކްވޯޓާ (ލެސްޓާގެ މިޑްފީލްޑަރު) އަށް ބިޑްކުރަން ތައްޔާރުވަމުން،" މޮރީނިއޯ ބުންޏެވެ.

މިއަދުގެ މެޗަށް ސްވަންސީއާ ދެކޮޅަށް ނުކުންނައިރު މޮރީނިއޯ ބުނީ އެ ޓީމަކީ އަމިއްލަ ދަނޑުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެއް ކަމަށާއި އެހެން ކަމުން އެކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

ޔުނައިޓެޑާއި ސްވަންސީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:30 ގަ އެވެ.