Roadha Mihaaru
މިލަންދުއަށް ވާރޭވެހި 35 ގެއަކަށް ފެން ވަދެއްޖެ

މިލަންދު އަށް ބޯކޮށް ވާރޭވެހި 35 ގެއަކަށް ފެން ވަދެ ގެއްލުން ވެއްޖެ

18 އޯގަސްޓް 2017

ށ. މިލަންދު އަށް ބޯކޮށް ވާރޭވެހި، ގިނަ ގެތަކަކަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ށ. މިލަންދު އަށް ބޯކޮށް ވާރޭވެހި، ގިނަ ގެތަކަކަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރޭ ފަތިހުން ފެށިގެން މިލަންދު އަށް ކުރަމުންދާ ވިއްސާރައިގައި 35 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި ބައެއް ގެތަކުގެ ހިފައި ގެންގުޅޭ ސާމާނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކާއި ފުލުހުންނާއި އެމްއެންޑީއެފުން މިހާރު ދަނީ ރަށުގައި ހަރަކާތްތެރިވަމުން، ފެން ހިންދުމުގެ މަސައްކަތުގައި،" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ދެ ފިހާރައަކަށް ފެން ވަދެ، ބައެއް މުދާތަކަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިލަންދޫ ރަށު ތެރޭގައި ފެން ބޮޑުވެފައި.- ފޮޓޯ: މިލަންދޫ ކައުންސިލް

މިލަންދޫ ރަށު ތެރޭގައި ފެން ބޮޑުވެފައި.- ފޮޓޯ: މިލަންދޫ ކައުންސިލް

"ފެނުގެ އަސަރުކޮށްގެން ގޭގެ އިން ހަލާކުވެދާނެ ބައެއް ތަކެތި އަޅުގަނޑުމެން ވާނީ ގޮސް، ރައްކާތެރި ތަންތަނަށް ބަދަލުކޮށްދީފައި،" ޝިޔާމް ވިދާޅުވި އެވެ.

މިލަންދޫގައި ބޮޑުވި ފެންގަނޑު ހިންދުމަށް ޕަމްޕް ޖަހައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރަށުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިލަންދޫގެ އިތުރުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށަށް މިހާރު ދަނީ ވިއްސާރަ ކުރަމުންނެވެ.