Roadha Mihaaru
އުލިގަމުގެ އާއިލާތަކަށް މެމްބަރު ފައިސާގެ އެހީ ދެއްވައިފި

އުލިގަމުގެ އާއިލާތަކަށް މެމްބަރު މުހައްމަދު އިސްމާއިލް ފައިސާގެ އެހީ ދެއްވައިފި

17 ޖޫން 2017

އުތުރުގެ އަތޮޅުތަކަށް މި މަހު ކުރީކޮޅު ކުރި ވިއްސާރައިގައި ހއ. އުލިގަމަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ރަށުގެ އާއިލާތަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ފައިސާގެ އެހީ ރޭ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އުތުރުގެ އަތޮޅުތަކަށް މި މަހު ކުރީކޮޅު ކުރި ވިއްސާރައިގައި ހއ. އުލިގަމަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ރަށުގެ އާއިލާތަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ފައިސާގެ އެހީ ރޭ ދެއްވައިފި އެވެ.

އުލިގަމުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި މުހައްމަދު އިސްމާއީލް ފައިސާގެ އެހީ ހަވާލުކޮށްދެއްވީ އެ ރަށު ކައުންސިލާ އެވެ. އެ ފައިސާ މާދަމާ ގެ ތަކަށް ބަހާގޮތަށް ވަނީ ނިންމައިފަ އެވެ.

ކައުންސިލްގެ ރައީސް އިމާދު އަބްދުﷲ ވިދާޅުވީ ކޮންމެ ގެއަކަށް 1،000 ރުފިޔާގެ މަގުން، އުލިގަމުގައި މީހުން ދިރިއުޅޭ 68 ގެއަށް މެމްބަރު އެހީ ދެއްވި ކަމަށެވެ. މިއީ، މެމްބަރު އަމިއްލަ އަށް އިސްނަންގަވައިގެން ވެދެއްވި އެހީއެއް ކަން ވެސް އިމާދު ފާހަގަކުރެއްވި އެވެ.

ވިއްސާރައިގައި، އުލިގަމަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ، ގޭގައި ހިފައި ގެންގުޅޭ ސާމާނާއި އެހެނިހެން ގިނަ ތަކެއްޗަށް ގެއްލުންވި އެވެ. އޭގެ އިތުރުން ދަނޑު ބިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އުލިގަމަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައި: މި ވިއްސާރައިގައި އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނު.

އުލިގަމަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައި: މި ވިއްސާރައިގައި އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނު.

އުލިގަމުގެ އިތުރުން އެ އަތޮޅު ވަށަފަރާއި ކެލާ އަދި ދިއްދު އަށް ވެސް ވިއްސާރައިގެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވެ އެވެ. ވަށަފަރުގެ ބައެއް ކަރަންޓު ފޮށިތަކަށް ހޮނު އަޅައިގެން ގެއްލުންވި އެވެ. އަދި ކެލަ އާއި ދިއްދު އަށް ވެސް ބޯކޮށް ވާރޭ ވެހި ބައެއް ގެތަކަށް ފެން ވަދެފައިވެ އެވެ.