Roadha Mihaaru
ވިއްސާރައިގައި އުލިގަމަށް ބޮޑެތި ގެއްލުންތަކެއް

ވިއްސާރައިގައި އުލިގަމަށް ބޮޑެތި ގެއްލުންތަކެއް

31 މެއި 2017

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. އުލިގަމަށް ގެއްލުންތަކެއް ވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. އުލިގަމަށް ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިމާދު އަބްދުﷲ ވިދާޅުވީ ވާރޭގައި މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށާއި ތިން ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދަމުން އަންނަ ކަމަށެވެ. އެކަމުގައި ރަށުގެ ޒުވާނުންނާއި ސިފައިން ބައިވެރިވާ ކަމަށް އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ހިސާބުތަކުގައި ތިން ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށާއި މިއީ އުލިގަމަށް ފަހުގެ ތާރީހެއްގައި ކުރި އެންމެ ގަދަ ވިއްސާރަ ކަމަށެވެ.

ފެން ބޮޑުވުމުގެ އިތުރުން ބައެއް ގަސްތައް ވެއްޓި ދަނޑުބިންތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އުލިގަމުގައި ފެން ބޮޑުވެފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އުލިގަމުގައި ފެން ބޮޑުވެފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

އިމާދު ވިދާޅުވި ގޮތުގައި ދެ ގެއަކަށް ފެން ވަދެ، ހިފައި ގެންގުޅޭ ސާމާނަށް ވެސް ވަނީ ގެއްލުން ވެފަ އެވެ. އެ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހައިގެން ބަންދުކޮށްފައިވާ ކަމަށާއި ދަނޑުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ގަދަ ވަޔާ އެކު ރުކެއް ވެއްޓިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ގަދަ ވަޔާ އެކު ރުކެއް ވެއްޓިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

"ފާއިތުވި ހައެއްކަ އަހަރުގެ ތެރޭގައި ކުރާ އެންމެ ބޮޑު ވިއްސާރަ މިއީ. ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެބަހުރި،" އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ ރޯދައަށް ހާއްސަކޮށްގެން އުލިގަމުގެ ދަނޑުވެރިން ވެސް ކަރާ އާއި ފަޅޯ ފަދަ އެއްޗެހި ހައްދާފައިވާ ކަމަށެވެ. އެ ދަނޑުތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"ބޮޑެތި ގަސް އެއްޗެހި ވެސް ބިމާ ހަމަވެފައި. އެކަމަކު ދަނޑުވެރިންނަށް ސީދާ ލިބުނު ގެއްލުމެއް އަދި ނޭނގޭ. ދަނޑުވެރިންގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި،"

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އުލިގަމުގައި ފެންބޮޑުވެފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އުލިގަމުގައި ފެންބޮޑުވެފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

މުޅި ރާއްޖެއަށް ވެސް މި ދުވަސްވަރު ވިއްސާރަ އެވެ. މޫސުން ލަފާކޮށް މެޓުން ނެރުނު ބަޔާނުގައި ބުނީ އުތުރާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާކުރާނެ ކަމަށެވެ.

މެދުތެރޭ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބުންޏެވެ. ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ބުންޏެވެ.

އުލިގަމަށް ކުރި ވިއްސާރާގައި ފަތްކެޔޮ ގަސްތަކެއް ވެއްޓިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

އުލިގަމަށް ކުރި ވިއްސާރާގައި ފަތްކެޔޮ ގަސްތަކެއް ވެއްޓިފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ހއ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އުލިގަމުގެ އިތުރުން ވަށަފަރާއި ކެލާ އަދި ދިއްދޫއަށް ވެސް ވިއްސާރައިގެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން ވަށަފަރުގެ ބައެއް ކަރަންޓު ފޮށިތަކަށް ހޮނު އަޅައިގެން ގެއްލުން ވެފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކެލަ އާއި ދިއްދޫއަށް ވެސް ބޯކޮށް ވާރޭ ވެހި ބައެއް ގެތަކަށް ފެން ވަދެފައިވެ އެވެ.

"ގެއްލުން ލިބުނު ރަށްތަކުގެ މައުލޫމާތު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ހިއްސާކުރަމުން މި ދަނީ. އަދި އެކަންތައްތައް އަޅުގަނޑުމެން ވެސް ކައިރިން ބަލަމުން ދަނީ،" ރަޝީދު ވިދާޅުވި އެވެ.