Roadha Mihaaru
ވިލިނގިލީގައި ފެން ބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ވިލިނގިލީގައި ފެން ބޮޑުވެ ގިނަ ގެތަކަށް ގެއްލުން ލިބިއްޖެ

02 ޖުލައި 2017

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި، ގިނަ އަދަދެއްގެ ގެތަކުގައި ފެން ބޮޑުވެ، ގެއްލުންތަކެއް މިއަދު ލިބިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭވެހި، ގިނަ އަދަދެއްގެ ގެތަކުގައި ފެން ބޮޑުވެ، ގެއްލުންތަކެއް މިއަދު ލިބިއްޖެ އެވެ.

ވިލިނގިލީ ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރު ރަޒިއްޔާ މުހައްމަދު ވިދާޅުވި ގޮތުގައި އިއްޔެ ހަވީރުން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭވެހި، މުޅި ރަށު ތެރޭގައި ވަނީ ފެން ބޮޑުވެފަ އެވެ.

ފުލުހުން ފެން ހިންދުމަށް އެހީތެރިވަނީ. - ފޮޓޯ: ކައުންސިލް

ފުލުހުން ފެން ހިންދުމަށް އެހީތެރިވަނީ. - ފޮޓޯ: ކައުންސިލް

ރަޒިއްޔާ ވިދާޅުވި ގޮތުގައި ރަށުގައި ހުރި 400 އަށްވުރެ ގިނަ ގޭބިސީގެ ތެރެއިން ދެބައިކުޅައެއް ބަޔަށްވުރެ ގިނަ ގެތަކަށް ވަނީ ފެން ވަދެފަ އެވެ. އަދި ބައެއް ގޭގައި ހުރި ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ވެސް ރަޒިއްޔާ ވިދާޅުވި އެވެ.

ރަށު ތެރޭގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް ކައުންސިލް މެމްބަރުންނާއި އެތަނުގެ އިދާރީ މުވައްޒަފުންނާއި ފުލުހުންނާއި ރެޑްކްރޮސެންޓް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އާބާދީގައި ގާތްގަނޑަކަށް 5،000 މީހުން ހިމެނޭ ވިލިނގިލީގެ ގިނަ މަގުތަކެއްގައި ވަނީ ތާރު އަޅައިފަ އެވެ.

ވިލިނިގިލީގެ ގެއަކަށް ފެން ވަދެފައި. - ފޮޓޯ: ކައުންސިލް

ވިލިނިގިލީގެ ގެއަކަށް ފެން ވަދެފައި. - ފޮޓޯ: ކައުންސިލް

އޭނާ ވިދާޅުވީ ރަށު ތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން ސްކޫލަށް ކިޔެވުމަށް ވެސް އައީ މަދު ކުދިންތަކެކެވެ. އަދި ރަށު ސްކޫލްގައި ވެސް އެއް ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޫލްގައި ކިޔަވަމުން އަންނަ 617 ކުދިންގެ ތެރެއިން 98 ކުދިން ސްކޫލަށް މިއަދު ހާޒިރުވީ. އެކަމަކު ވެސް ސްކޫލްގެ ކިޔެވުން މެދުކަނޑާނުލާ ކުރިއަށް އެބަދޭ،" ރަޒިއްޔާ ވިދާޅުވި އެވެ.

ވިލިނިގިލީގައި ފެން ބޮޑުވެފައި. - ފޮޓޯ: ކައުންސިލް

ވިލިނިގިލީގައި ފެން ބޮޑުވެފައި. - ފޮޓޯ: ކައުންސިލް

ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ދަނީ ފެންބޮޑުވަމުންނެވެ. އެގޮތުން ލ. ފޮނަދު އަށް ކުރި ވިއްސާރައިގައި ވެސް ބައެއް ގެތަކުގައި ފެން ބޮޑުވި އެވެ. ފެން ބޮޑުވި ރަށްތަކުގައި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ. ހާއްސަކޮށް ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ވިލިނިގިލީ ގެއެއްގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަނީ. - ފޮޓޯ: ކައުންސިލް

ވިލިނިގިލީ ގެއެއްގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަނީ. - ފޮޓޯ: ކައުންސިލް

"ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދު ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ. އެހެންވެ އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވާނީ،" އޮފިޝަލް ވިދާޅުވި އެވެ.