14 އޯގަސްޓް 2024
މާލެއަށް އިއްޔެ އާދަޔާހިލާފަށް ކުރި ވިއްސާރާގައި 89 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައިފި އެވެ.
މާލެއަށް އިއްޔެ އާދަޔާހިލާފަށް ކުރި ވިއްސާރާގައި 89 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުގެ ހިސާބުތަކުން ދައްކައިފި އެވެ.
މެޓް އޮފީހުގެ ހިސާބުތަކުގައިވާ ގޮތުން އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މާލެއަށެވެ. އެއީ 89.4 މިލިމީޓަރެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު އއ. ތޮއްޑުއަށް ވަނީ 70.6 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި ހުޅުލެއަށް 63.4 މިލިމީޓަރާއި ހުޅުމާލެއަށް 42.1 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު އެންމެ ގިނައިން ވާރޭ ވެހުނު ހއ. ކެލައަށް އިއްޔެ ވެހުނީ 32.7 މިލިމީޓަރުގެ ވާރޭ އެވެ.
މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ވިދާޅުވި ގޮތުގައި، އިއްޔެ އަކީ އާދަޔާހިލާފަށް ބޯކޮށް މާލެއަށް ވިއްސާކުރި ދުވަހެކެވެ.
"އާއްމު ގޮތެއްގައި މާލެ ސަރަހައްދަށް، ހުޅަނގު މޫސުމުގައި ވެސް ވިއްސާރަކުރާއިރު، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ވާރޭގެ ރެކޯޑުތަކަށް ބަލާއިރުގައި، މާލެ ސަރަހައްދަށް ގަޑިއެއްގެ އިރު ތެރޭގައި ނޫނީ ދެގަޑިއިރުގެ ތެރޭގައި 40 ނޫނީ 45 މިލިމީޓަރުގެ ވާރޭ ވެހުނަސް، މާލޭގައި ފެންބޮޑުވުމުގެ ހާދިސާތައް އެބަ ހިނގާ،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު މިއަދު [އިއްޔެ] އަޅުގަނޑުމެންނަށް މި ފާހަގަވެން މި ދިޔައީ، މާލޭގައި އަޅުގަނޑުމެން ބަހައްޓާފައި ހުރި ރެއިން ގޭޖުން ދައްކާ ގޮތުގައި، މެންދުރު 12:00 އާއި 3:30 އާ ދެމެދުގައި، ގާތްގަނޑަކަށް ތިން ގަޑިއިރާއި ބައިގެ ތެރޭގައި 80 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހުނު."
މާލެއަށް އިއްޔެ ވާރޭވެހުނު ވަގުތު ކުދިބަޔަކު ދަނޑުގައި ފުޓުބޯޅަ ކުޅެނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވަހީދު ވިދާޅުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާލެއަށް އިއްޔެ އެ ވެހުނީ، އާންމުކޮށް ވެހޭ ވަރަށް ވުރެ މާ ގިނަ އަދަދެއްގެ ވާރޭ ކަމަށެވެ. އިއްޔެ މާލޭގައި އެހާ ބޮޑަށް ފެންބޮޑުވީ ވެސް އާންމުކޮށް ވާރޭ ވެހޭ ވަރަށް ވުރެ ދެ ގުނަށް އިތުރަށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވާރޭ ވެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މާލޭ މަގުތަކުން ފެން ހިންދުމަށްޓަކައި އިއްޔެ ކުރި މަސައްކަތުގައި ވަނީ ހަތް މިލިއަން ލީޓަރަށް ވުރެ ގިނަ ފެން ޕަމްޕުކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހޭ ވަރު މަދުވިޔަސް، ވައިގަދަވެ އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށެވެ.
ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ދެންމެ ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު މެންދުރު ފަހު 14:00 އާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. ވައިޖެހޭނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
Alert Yellow has been extended over the same area. pic.twitter.com/LuxM8gyXev
— Maldives Meteorology (@MetMaldives) August 14, 2024
އިއްޔެ އެންމެ ވައިބާރުވީ ހުޅުލެއަށެވެ. ހުޅުލެއަށް ވިލާގަނޑުގައި އިއްޔެ ވަނީ 47 މޭލަށް ވައިބާރުވެފަ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު ދަނީ ވިއްސާރަކުރަމުންނެވެ. މި ވިއްސާރާގައި މާލޭގެ އިތުރުން ވަރަށް ގިނަ ރަށްރަށުގައި ވެސް ފެންބޮޑުވެ، ގެއްލުންތައް ވަނީ ލިބިފަ އެވެ.
ވިއްސާރައިގައި ގެއްލުން ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގައި ވަނީ ހާއްސަ ޓާސްކްފޯހެއް ވެސް އުފައްދަވައިފަ އެވެ.
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ
ގެއްލުންތައް ދިރާސާކޮށް، މިދަނީ އެހީތެރިވަމުން: ރައީސް
ތޫފާންގެ ބާރުގަދަ ވެއްޖެ: މެޓް
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
ވަރަށް ގަދަ، ހުޅުލެއަށް 58 މޭލަށް ވައި ގަދަވި
ފުވައްމުލަކަށް އިއްޔެ 120 މިލިމީޓަރުގެ ވާރޭ
މެޓްގެ ވެދާ ރާޑަރު އަލުން ބޭނުންކުރަން ފަށައިފި