Roadha Mihaaru
ކުޅުމާ ދުރުގައި ހުންނައިރު ނަފްސާނީ ގޮތުން އަސަރުކުރޭ

ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ނަފްސާނީ ގޮތުން އަސަރުކުރޭ: ޖޮކޮވިޗް

18 އޯގަސްޓް 2017

ބެލްގްރޭޑް، ސާބިއާ (އޮގަސްޓް 18) - އުޅަބޮށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން މި އަހަރު ބާކީ ބައިގައި ކުޅުމާ ދުރު ހުންނަން ޖެހިފައިވާއިރު އެކަމާ ހެދި ނަފްސާނީ ގޮތުން ވެސް އަސަރުކުރާ ކަމަށް ކުރީގެ އެއް ވަަނަ ޓެނިސް ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބެލްގްރޭޑް، ސާބިއާ (އޮގަސްޓް 18) - އުޅަބޮށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެން މި އަހަރު ބާކީ ބައިގައި ކުޅުމާ ދުރު ހުންނަން ޖެހިފައިވާއިރު އެކަމާ ހެދި ނަފްސާނީ ގޮތުން ވެސް އަސަރުކުރާ ކަމަށް ކުރީގެ އެއް ވަަނަ ޓެނިސް ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ޖޮކޮވިޗް އުޅަބޮށްޓަށް އަނިޔާވީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި ތޯމަސް ބާޑިޗްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އަަނިޔާއާ ގުޅިގެން ސްކޭންތަކެއް ހެދުމަށް ފަހު ކުޅުމާ ދުރު ހުންނަން ޖެހޭ މުއްދަތު އެނގުނީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ.

ޖޮކޮވިޗް ބުނީ ގިނަ އަހަރުތަކެއް ވަންދެން ބޮޑު އަނިޔާއެއް ނުލިބި ކުޅެނިކޮށް މިހާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމަކީ ޑިޕްރެޝަނަށްދާ ކަމެއް ކަމަށެވެ.

"ހަގީގަތުގައި އިންޑިވިޖުއަލް ކުޅިވަރުތަކަކީ ވަރަށް ގިނަ ބައެއްގެ އުއްމީދާއެކު ކުުޅޭ ކުޅިވަރުތަކެއް. ބޮޑު އަނިޔާއެއް ލިބި ކުޅުމާ ދުރު ހުންނަން ޖެހޭއިރު ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ. އަހަންނަކީ ޒުވާން އުމުރުގައި ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާފައި ހުރި މީހެއް. އަނިޔާގެ ސަބަބުން އަލުން ކުޅެން ނުކުންނަން ޖެހޭ މުއްދަތު ދިގުމުން ގިނަ ގޮންޖެހުންތައް ނަފްސާނީ ގޮތުން ވެސް ކުރިމަތިވާނެ،" ޖޮކޮވިޗް ބުންޏެވެ.

ބާރަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް ބުނީ މި ހުރިހާ ކަމަކުން އަރައިގަންނަން އޭނާ އެންމެ ބޮޑަށް ބޭނުން ހިފާނީ އާއިލާއާ އެކު ހޭދަކުރާ ވަގުތުތަކުގެ ކަމަށެވެ.

"އަހަރެން ފުރަތަމަ ބޭނުންވަނީ ހަމަޖެހިލަން. އެ އަށް ފަހު ދެން ވިސްނާނީ ރެކެޓް ހިފައިގެން ޓްރެއިން ކުރުމުގެ ކަންތައްތަކާ މެދު. މި ހުރިހާ ކަމެއްގައި ވެސް އަހަރެންގެ އެންމެ ބޮޑު އެހީތެރިއަކީ އާއިލާއާ އެކު ހޭދަކުރާ ވަގުތު،" ޖޮކޮވިޗް ބުންޏެވެ.

ރޭންކިން އެއް ވަނައިގައި ގިނަ އަހަރުތަކެއް ވަންދެން ހިފެހެއްޓި ޖޮކޮވިޗަށް މަގާމު ގެއްލުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އޭގެ ފަހުން އޭނާ ހުރީ ވަރަށް ބޮޑަށް ފޯމު ގެއްލިފަ އެވެ.

ދާދި ފަހުން މަނާބޭސް ބޭނުން ކުރުމުގެ ސަބަބުން ދިގު ސަސްޕެންޝަނެއް އައި ރަޝިއާގެ އަންހެން ޓެނިސް ކުޅުންތެރިއާ މާރިއާ ޝަރަޕޯވާ ވެސް ވަނީ ކުޅުމާ ދުރު ހުންނަން ޖެހުނު މުއްދަތުގެ ތެރޭގައި ޑިޕްރެޝަންގެ ޝިކާރައަކަށް އޭނާ ވެސްވި ކަމަށް ބުނެފަ އެވެ.

ޓެނިސް ތަޖުރިބާކާރު ޑޭން ވެސްޓަން ބުނީ އަނިޔާއެއް ނޫނީ އެހެން ކަމެއްގެ ސަބަބުން ވިޔަސް ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމަކީ ކުޅުންތެރިއާ އަށް އެކި ގޮންޖެހުންތައް ހުންނަ ކަމެއް ކަމަށާއި އެއީ ފިޒިކަލީ އަދި ނަފްސާނީ ގޮތުން ވެސް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހޭތީ ކަމަށެވެ.