Roadha Mihaaru
"ޕީޕީއެމްގެ ދިދަަ ބޭނުންކުރީ މައުމޫންގެ ހުއްދަ ލިބިގެން"

ޕީޕީއެމްގެ ދިދަަ ފާރިސް ބޭނުންކުރީ މައުމޫންގެ ހުއްދަ ލިބިގެން: ވަކީލުން

17 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވީ އެ ޕާޓީގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުއްދަ ލިބިވަޑައިގެން ކަމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވީ އެ ޕާޓީގެ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުއްދަ ލިބިވަޑައިގެން ކަމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ޕީޕީއެމް ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ޕާޓީގެ މުސްތަޝާރު ރައީސް އަބްދު އަބްދުﷲ ޔާމީންގެ ހުއްދަ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނެ ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ޝަމީލް ވިދާޅުވީ އެ ދިދަ އާއި ލޯގޯ ފާރިސް ބޭނުންކުރީ ޕާޓީގެ އޭރުގެ ރައީސްގެ ހުއްދަ ލިބިގެން ކަމަށެވެ. ޕާޓީގެ ރައީސަކަށް ކުރިން ހުންނެވީ ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނެވެ. އެކަމަކު މައުމޫން މިހާރު ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ.

އެ ދައުވާ ފާރިސަށް ކުރަނީ ސިޔާސީ ޕާޓީއަކާ ގުޅޭ ކަމަކާ ގުޅޭގޮތުން ކަމަށްވާއިރު ޕާޓީތަކުގެ ގާނޫނުގައިި ދިދަ އާއި ލޯގޯ ބޭނުން ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށް ބުނެ، ވަކީލުން ވަނީ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފަ އެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ ޕާޓީ ހިންގުން އޭރު އޮތީ ޕާޓީގެ މުސްތަޝާރާ ހަވާލު ކޮށްފައި ކަމަށާއި އޭގެ ހެއްކެއްގެ ގޮތުން ސިވިލް ކޯޓުގެ ހުކުމެއް ހުށަހަޅާފައިވާނެ ކަމަށެވެ. ދައުލަތުން އިޝާރާތް ކުރީ ޕީޕީއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމަށެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ދައުލަތުން އެގޮތަށް ބުނުމުން ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ މައުމޫން ހަމީދު ވަނީ މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮންނަ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، ޕީޕީއެމްގެ އަސާސީ ގަވާއިދު އޮތްގޮތް ދައުލަތުން ބެލިންތޯ ސުވާލު އުުފައްދަވައިފަ އެވެ. އަދި ޕީޕީއެމްގެ މެމްބަރަކަށް ފާރިސް ނުވާއިރު ޕީޕީއެމްގެ އެދުމަކަށް މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ފާރިސް ކުރީ ކީއްވެގެންތޯ ވެސް މައުމޫން ސުވާލު އުފެއްދެވި އެވެ.

"ފާރިސްގެ މައްޗަށް ކުށް ސާބިތުކުރަން ވެއްޖެ ނަމަ ފާރިސަކީ ޕީޕީއެމް މެމްބަރެއް ނޫން. އެކަމަކު މަޖިލީހުގެ މަސްއޫލިއްޔަތެއް އަތުލަންވެއްޖެ ނަމަ ފާރިސަކީ ރަތްލާޖެހި ޕީޕީއެމްގެ މެމްބަރެއް،" މައުމޫން ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިޔައީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން، ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމެވެ. ފާރިސްގެ ފަރާތުން ހަ ކަމެއް މިއަދު ޝަރީއަތަށް ހުށަހެޅި އެވެ. އެއީ ލިބެންޖެހޭ ހައްގުތައް ނުލިބޭ ކަމަށް ބުނެ ދައުވާ ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކާއި ގާނޫނާ ޚިލާފަށް ތަހުގީގު ހިންގާފައިވާ ކަމަށް ބުނެ އެ ދައުވާ ބާތިލް ކުރަން ހުށަހެޅި ހުށަހެޅުމަކާއި ޝަރީއަތް މަޑުޖައްސާލުމަށް އެދި ހުށަހެޅުމަކާއި އަދި ފާރިސްއާ އެއްކޮޅަށް ހުރި ހެކިތައް ހާމަ ކުރުމަށް ހުށަހެޅި ހުށަހެޅުމަކާއި ފާރިސްގެ ފަރާތުން ހޯދަންއެދޭ ބައެއް މައުލޫމާތުތައް ހާމަކުރަން ހުށަހެޅި ހުށަހެޅުމެކެވެ.

ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް ފާރިސްގެ ފަރާތުން އެދި ހުށަހެޅީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދެއް ނުހެދި އޮތުމުންނެވެ. މިދިޔަ މަހު އަމަލުކުރަން ފެށި އެ ގާނޫނުގައި އެ ގަވާއިދު ހަދަން ތިން މަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ އެ ގަވާއިދު ހަދަން ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި އެބައޮތް ކަމަށާއި އެ ގަވާއިދު ނެހެދޭތީ ޝަރީއަތް މަޑުޖައްސާލާ ނަމަ އެހެން ހުރިހާ ޖިނާއީ މައްސަލަތަކެއްގެ ޝަރީއަތް ވެސް މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ. އޭރުން ޖިނާއީ އަދުލުގެ ނިޒާމަށް ހުއްޓުމެއް އަންނާނެ ކަމަށް ބުނެ، ދައުލަތުން ބުނީ ޝަރިީއަތް މަޑުޖައްސާލަން ނުޖެހޭ ކަމަށެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ މެދު އަންނަ އާދިއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވި އެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސްގެ މައްޗަށް އުފުލާފައިވާއިރު މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މައްސަލާގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޮތީ ފޮނުވައިފަ އެވެ.