Roadha Mihaaru
ފަނޑިޔާރަށް އަދީބުގެ ޝަކުވާތަކެއް އޮއްސާލައިފި

ފުރާނަ އަށް ނުރައްކާވެފައިވާ އިރު ޝަރީއަތް ކުރިއަށް ގެންދަނީ ކީއްވެގެންތޯ އަދީބު ސުވާލު ކުރައްވައިފި!

17 އޯގަސްޓް 2017

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށިއިރު، ހިނިތުން ވެވަޑައިގެން ހުންނަވައި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަނޑިޔާރަށް ޝަކުވާގެ ފުނިވަރެއް އޮއްސާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށިއިރު، ހިނިތުން ވެވަޑައިގެން ހުންނަވައި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަނޑިޔާރަށް ޝަކުވާގެ ފުނިވަރެއް އޮއްސާލައްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވި ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އޮންނެވިއިރު، ސިއްހީ ފަރުވާ ވަނީ ނުލިބި އެވެ. އަދި ފުރާނަ އަށް ނުރައްކާވާ ހާލަތެއްގައި ހުންނެވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް ފަހު އަދީބު ދޫނިދޫ އަށް ގެންދަނީ.--- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް ފަހު އަދީބު ދޫނިދޫ އަށް ގެންދަނީ.--- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

"އަޅުގަނޑަށް ސިއްހީ ފަރުވާ ނުލިބި މިވަނީ. އަދި ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތެއް އޮތީ ކުރިމަތިވެފައި. އެ ހާލަތުގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދަނީތޯ؟" ކަޅު ކުލައިގެ ގަމީހެއްގައި ރަތް ޓައީއެއް އަޅުއްވައިގެން ހުންނެވި އަދީބު ފަނޑިޔާރު އާދަމް އާރިފާ ސުވާލު ކުރެއްވި އެވެ.

އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. މިކަމަށް ރާއްޖޭން އެކަށީގެންވާ ފަރުވާ ނުލިބޭތީ ބޭސްފަރުވާ އަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިދޭން ވެސް އާއިލާ އިން ވަނީ އެދިފަ އެވެ. އެކަމަކު މިހާތަނަށް އައިއިރު، އެ ހުއްދައެއް ސަރުކާރުން ނުދެ އެވެ. އެހެންވެ، ސިއްހީ ގޮތުން މިހާ ދަށް ހާލަތެއްގައި ވަނިކޮށް ޝަރީއަތްތައް ކުރިއަށް ގެންދަނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ނަމަވެސް އެ ވާހަކަތަކާ ގުޅިގެން ގާޒީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އަދީބު ވިދާޅުވީ މައްސަލަތައް ބައްލަވާ ފަނޑިޔާރަކީ ދައުވާ އުފުލާފައިވާ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ގައި ވެސް ބެއްލެވި ވަކީލެއް ކަމަށެވެ. އެހެންވެ މިއީ "ކޮންފްލިކްޓް އޮފް އިންޓަރެސްޓް" އުފެދޭ މައްސަލައެއް ކަމަށް ވިދާޅު ގާޒީ ބަދަލުކޮށްދެއްވަން ވެސް އަދީބު އެދިވަޑައިގަތެވެ.

"އަޅުގަނޑަށް މި ފެންނަނީ ދައުވާ ކުރާ ފަރާތާއި ޝަރީއަތް ކުރާ ފަރާތް އެއްވާތަން،" ވަރަށް ބޮޑަށް ހަމަޖެހިވަޑައިގެން ހުންނަވައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވި އެވެ.

ނަމަވެސް ފަނޑިޔާރު ވިދާޅުވީ އަދީބު ވިދާޅުވި ކަންކަން ވަކީލެއް މެދުވެރި ކުރައްވައި، ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ފާހަގަ ކުރެއްވުމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް ފަހު އަދީބު ދޫނިދޫ އަށް ގެންދަނީ.--- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމަށް ފަހު އަދީބު ދޫނިދޫ އަށް ގެންދަނީ.--- ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

އަދީބުގެ އެ ވާހަކަތަކަށް ދައުލަތުން ޖަވާބު ދެމުން ބުނީ އަދީބު ފާހަގަ ކުރެއްވި ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި މި މައްސަލަތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލަތަކެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ވަކީލުގެ ވާހަކަތަކާ އަދީބު ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅޭ ގޮތުން އޭސީސީ އިން ތަހުގީގު ކުރި ރިޕޯޓު މިހާތަނަށް ނެރެފައި ނުވާ ކަމަށެވެ. އެހެންވެ، މިއީ އޮޅިވަޑައިގެންފައި އޮތް މައްސަލަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އަދީބުގެ ޝަރީއަތް ފެށުމުގެ ކުރިންނާއި ފަހުން ވެސް އޭނާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. އެއްވެސް ވަރަކަށް އެމަނިކުފާނުގެ މޫނުމަތިން ހާސްކަމެއް ނުފެނެ އެވެ. އަދި ޝަރީއަތުގެ ކުރިން އަދީބު ވަނީ އަނބިކަނބަލުން މަރިޔަމް ނަޝްވާ އަށް އަތުގެ އިޝާރާތުން "އޯކޭ"ތޯއޭ ވިދާޅުވެފަ އެވެ. އަދި ނަޝްވާއާ އެކިއެކި ވާހަކަތައް ދެއްކެވި މަންޒަރު ފެނުނުއިރު ވެސް ހުންނެވީ ހީސަމާސާ ކުރައްވާ މޫޑެއްގަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެތައް ތުހުމަތުތަކެއް ކުރެވޭ އަދީބާ ދެކޮޅަށް ހުށަހެޅި އާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަން ކުރަން އޭނާ އަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ދީފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި އާއި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތަކުގައި އަދީބު މިހާރު ވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އާ ދައުވާތައް ސާބިތުވެއްޖެ ނަމަ، އަދީބަށް ގިނަވެގެން 27 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.