Roadha Mihaaru
ކޮރަޕްޝަން ހިމެނޭ ބިންތައް ނަގާނެ: އޮޕޮޒިޝަން

ކޮރަޕްޝަން ހިމެނޭ ބިންތައް އަނބުރާ ނަގާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި

17 އޯގަސްޓް 2017

ކޮރަޕްޝަން ހިމެނޭ ގޮތަށް ސަރުކާރުން ވިއްކާފައިވާ ބިންތައް ގުޅިފައިވާ ޕާޓީގެ ސަރުކާރެއްގައި އަނބުރާ ދައުލަތަށް ނަގާނެ ކަމަށް އެ ފަރާތްތަކުން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކޮރަޕްޝަން ހިމެނޭ ގޮތަށް ސަރުކާރުން ވިއްކާފައިވާ ބިންތައް ގުޅިފައިވާ ޕާޓީގެ ސަރުކާރެއްގައި އަނބުރާ ދައުލަތަށް ނަގާނެ ކަމަށް އެ ފަރާތްތަކުން ބުނެފި އެވެ.

ގުޅިފައިވާ ޕާޓީތަކުން އިއްޔެ މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މާލޭގެ ބިންތައް ވިއްކުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރު ނިމެމުންދާތީ، އިސް ބޭފުޅުންނަށް މާލީ މަންފާއެއް ހޯދުމަށް ކަމަށެވެ.

"މި ދަންނަވާ ބިންތައް ބައްލަވައިގަތުމަށް ތައްޔާރުވާ ފަރާތްތަކަށް ދަންނަވާލަން އޮތީ އެއްގޮތަކަށް ވެސް ހެޔޮވާވަރުގެ ކަމެއް ނޫނޭ މިއިން ކަމަކާ ކައިރިވުމަކީ،" މިހާރު ވިއްކަން އިއުލާންކޮށްފައިވާ އަގުބޮޑު 19 ބިމާ ބެހޭ ގޮތުން ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ވިއްކާ ބިންތައް ގަންނަ ފަރާތްތަކުން ވަރަށް ރަނގަޅަށް އެކަންކަމަށް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން ކިރިޔާ ވެސް ނުރަނގަޅުކޮށް އެކަން ކޮށްފައި އޮތިއްޔާ އެ ތަންތަން ދައުލަތަށް ނެގޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ކޮރަޕްޝަން ހިމެނޭ ގޮތަށް ނުވަތަ ގާނޫނީ ގޮތުން ނުރަނގަޅު ގޮތްގޮތް ހިމެނިގެން މިކަހަލަ މުއާމަލާތް ހިމެނޭ މުދާ ދައުލަތަށް ނަގާއިރު އެ ފަރާތަކަށް ބަދަލު ދޭކަށް ނުޖެހޭ. އެއީ ގާނޫނީ ހަމައަކީ،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ސަރުކާރުން ބައެއް ބިންތަކާއި ފަޅު ރަށްތަކާއި ފަޅުތައް ވިއްކާފައި ވަނީ ކޮރަޕްޝަން އެކުލެވޭ ގޮތަށް ކަމަށް ދައުލަތުގެ އެކި މުއައްސަސާތަކުން ވެސް ބުނަމުން އަންނަ ކަމަށެވެ. އަދި މާލޭގެ ބިންތައް ފޮތިފޮތިކޮށްގެން ވިއްކުމަކީ ގުޅިފައިވާ ޕާޓީތަކުން އެއްގޮތަކަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ވަނީ މާލޭގެ އެންމެ އަގު ބޮޑު ތިން ސަރަހައްދަކުން 19 ގޯތި އަކަފޫޓެއް 15،000ރ.ގެ ރޭޓުން ވިއްކަން އިއްޔެ އިއުލާންކޮށްފަ އެވެ.

މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ބިމާ ބެހޭ ގާނޫނަށް އިސްލާހު ނުގެނެސް މާލޭގެ ބަންޑާރަ ބިން ވިއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ބިން ވިއްކުމާ ގުޅޭ ގޮތުން ހައި ކޯޓުން ވާނީ މާލޭގެ ބަންޑާރަ ބިން ނުވިއްކޭނެކަން ކަށަވަރުކޮށްދީފައި ކަމަށެވެ.