Roadha Mihaaru
މާލެއިން ގޯތި ގަންނަން ބަޔަކު އަގެއް ހުށަނާޅާ

މާލެއިން ވިއްކަން ހުޅުވާލި ގޯތިތަކަށް އެއްވެސް ބަޔަކު އަދި އަގު ހުށައެއްނާޅާ: ހައުސިން

28 އޯގަސްޓް 2017

މާލެއިން ވިއްކަން ހުޅުވާލި ގޯތިތަކަށް އެއްވެސް ބަޔަކު މިހާތަނަށް އަގު ހުށަހަޅާފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެއިން ވިއްކަން ހުޅުވާލި ގޯތިތަކަށް އެއްވެސް ބަޔަކު މިހާތަނަށް އަގު ހުށަހަޅާފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ސުޕްރީމް ކޯޓު ކުރިމަތީގައި އޮތް މާފަންނުއާގެއިން ދައުލަތަށް ނެގި ބިން ހިމެނޭ ގޮތަށް މާލޭގެ އެންމެ އަގު ބޮޑު ތިން ހިސާބަކުން 19 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން ވަނީ މި މަހުގެ 16 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން އެ ތަންތަނުން ގޯތި ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަގު ހުށަހަޅަން ޖެހެނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން ވާހަކަދެއްކެވި ބޭފުޅަކު މިއަދު ވިދާޅުވީ މާލެއިން ގޯތި ގަންނަން އިއްޔެ އާއި މިއަދު އެއްވެސް ބަޔަކު އަދި އަގު ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެއްވެސް ބަޔަކު އަގު ހުށަހަޅައިފި ނަމަ އެ އަގުތައް އެ މިނިސްޓްރީގެ ނޯޓިސް ބޯޑުގަ އާއި ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދުގެ މިހާތަނަށް އެއްވެސް ބަޔަކު ނެތް އަގު ހުށަހަޅާފައެއް. އެހެންވީމަ އަގުތައް ފެންނަން ނެތީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ވިއްކަނީ އޯކިޑްމަގު މާފަންނުއާގެއިން ދައުލަތަށް ނެގި ބައި، މ. ދަންޑެހެލުގެ ކިޔާ ބިމުން ތިން ގޯއްޗާއި ބޮޑުތަކުރުފާނު މަގުގައި ކުރީގެ ކުނިކޮށިން ހަ ގޯތި އަދި އެ މަގުގައި ވިލާ ކޮލެޖާ ޖެހިގެން ހުޅަނގަށް ހުންނަ އެސްޓީއޯއިން ރެޑީ މިކްސް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން 10 ގޯއްޗެވެ.

އެ އިއުލާނުގައިވާ ގޮތުން ޖުމްލަ 19 ގޯތި ވިއްކުމަށް ހަމަޖެހިފައި ވަނީ އަކަފޫޓެއް 15،000ރ.ގެ ރޭޓުންނެވެ. އެ ގޯތިތައް އަކަފޫޓެއް 15،000ރ.ގެ ރޭޓުން ވިއްކައިފި ނަމަ ދައުލަތަށް މަދުވެގެން ގާތްގަނޑަކަށް 792 މިލިއަން ރުފިޔާ ލިބޭނެ އެވެ.