Roadha Mihaaru
19 ބިން ވިއްކަނީ އަކަފޫޓެއް 15،000ރގެ ރޭޓުން

19 ބިން ވިއްކަނީ އަކަފޫޓެއް 15،000ރ.ގެ ރޭޓުން

16 އޯގަސްޓް 2017

މާލެއިން ވިއްކަން ސަރުކާރުން ނިންމާފައިވާ 19 ބިން ވިއްކަނީ އަކަފޫޓެއް 15،000ރ.ގެ ރޭޓުން ކަމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެއިން ވިއްކަން ސަރުކާރުން ނިންމާފައިވާ 19 ބިން ވިއްކަނީ އަކަފޫޓެއް 15،000ރ.ގެ ރޭޓުން ކަމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެ ގޯތިތައް އަކަފޫޓެއް 15،000ރ.ގެ ރޭޓުން ވިއްކައިފި ނަމަ ދައުލަތަށް މަދުވެގެން ގާތްގަނޑަކަށް 792 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، އޯކިޑްމަގު މާފަންނުއާގެއިން ދައުލަތަށް ނެގި ބައި، މ. ދަންޑެހެލުގެ ކިޔާ ބިމުން ތިން ގޯއްޗާއި ބޮޑުތަކުރުފާނު މަގުގައި ކުރީގެ ކުނިކޮށިން ހަ ގޯތި އަދި އެ މަގުގައި ވިލާ ކޮލެޖާ ޖެހިގެން ހުޅަނގަށް ހުންނަ އެސްޓީއޯއިން ރެޑީ މިކްސް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން 10 ގޯތި ވިއްކަން ވަނީ ނިންމައިފަ އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މ. ދަންޑެހެލުގެ އިން ވިއްކަން ހަމަޖައްސާފައި ވަނީ 5559.4 އަކަފޫޓުގެ ގޯއްޗަކާއި 5812.40 އަކަފޫޓުގެ ދެ ގޯއްޗެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ކުރީގެ ކުނިކޮށިން ވިއްކާ ހަ ގޯތީގެ ގޮތުގައި ހިމެނެނީ 5219.85 އަކަފޫޓުގެ އެއް ގޯއްޗާއި 4985.08 އަކަފޫޓުގެ ދެ ގޯއްޗާއި 5233.19 ތިން ގޯތި އަދި 4377.03 އަކަފޫޓުގެ ހަތަރު ގޯއްޗެވެ. އަދި އެ މަގުގައި ވިލާ ކޮލެޖާ ޖެހިގެން ހުޅަނގަށް ހުންނަ އެސްޓީއޯއިން ރެޑީ މިކްސް ކޮންކްރީޓް ތައްޔާރުކުރާ 378 ނަންބަރު ކޮށިން ވިއްކާ 10 ގޯތީގެ ގޮތުގައި ހިމެނެނީ 7682.41 އަކަފޫޓުގެ އެއް ގޯއްޗާއި 7201.27 އަކަފޫޓުގެ ދެ ގޯއްޗާއި 6551.88 އަކަފޫޓުގެ ތިން ގޯތި ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން އެންމެ ބޮޑު އަގެއް ދައުލަތަށް ލިބޭނީ ކުނި ކޮށިން ވިއްކާ 7682.41 އަކަފޫޓުގެ ގޯތިންނެވެ. އެ ގޯތީގެ އަކަފޫޓެއް 15،000ރ. އަށް ވިކިއްޖެ ނަމަ ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެ ބިންތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ލިބޭނީ ރެޑީ މިކްސް ކޮންކްރީޓް ތައްޔާރުކުރާ ކޮށިން ވިއްކާ 4377.03 އަކަފޫޓުގެ ގޯތިންނެވެ. އެ ގޯތީގެ އަކަފޫޓެއް 15،000ރ. އަށް ވިކިއްޖެ ނަމަ 65 މިލިއަން ރުފިޔާ ލިބޭނެ އެވެ.

އެ ގޯތިތައް ގަންނަން އަގު ހުށަހަޅަން ދިން މުއްދަތު ބަދަލުކޮށް ގޯތިތަކުގެ ސައިޒު ހިމެނުމަށްފަހު ހައުސިން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މިހާރު އަގު ހުށަހަޅަން ޖެހެނީ މި މަހުގެ 27 އިން ފެށިގެން ސެޕްޓެމްބަރު 14އާ ދެމެދުގަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މީގެ އިތުރުން ބިން އަމިއްލަ ކުރުމަށް ގޯތި ގަންނަން ހުށަހެޅި އަގު ދައްކަން ޖެހޭނެ ކަމަށެވެ. އަދި ބިން ގަތުމަށް އެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން، އެ މިނިސްޓްރީގެ ނޯޓިސް ބޯޑްގައާއި ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރު އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތަކަށް ބީލަން ކާމިޔާބުވީ ކަމަށް ނިންމޭނެ ކަމަށެވެ.