Roadha Mihaaru
މާޅެންދޫ ކުޑަކުއްޖާގެ މަރުގައި ޝައްކުތަކެއް އުފެދިއްޖެ

މާޅެންދޫ ކުޑަކުއްޖާގެ މަރުގައި ޝައްކުތަކެއް އުފެދިއްޖެ

09 އޯގަސްޓް 2017

ނ. މާޅެންދޫގައި އިއްޔެ ދަންޖެހިގެން މަރުވި ކަމަށް ބުނާ 11 އަހަރުގެ ކުޑަކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް ބެލެވޭތީ، އިތުރަށް ތަހުގީގު ކުރުމަށް އެ ކުއްޖާގެ ހަށިގަނޑު ދެންމެ މާލެ ގެނެސްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނ. މާޅެންދޫގައި އިއްޔެ ދަންޖެހިގެން މަރުވި ކަމަށް ބުނާ 11 އަހަރުގެ ކުޑަކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް ބެލެވޭތީ، އިތުރަށް ތަހުގީގު ކުރުމަށް އެ ކުއްޖާގެ ހަށިގަނޑު ދެންމެ މާލެ ގެނެސްފި އެވެ.

އެ ރަށު ސްކޫލުގެ ގްރޭޑް ހައެއްގައި ކިޔަވަމުން އައި އެ ފިރިހެން ކުއްޖާ އިއްޔެ މަރުވެފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގަ އެވެ. އަދި "ދަންޖެހިފައި" ހުރި މަންޒަރު ފެނުނު ކަމަށް ވަނީ އޭނާގެ މަންމަ އަށް އެކަންޏެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން އެ ކުޑަކުއްޖާ މާލެ ގެނައީ، އޭނާ މަރުވީ އަމިއްލައަށްތޯ ނުވަތަ ނޫންތޯ ޝައްކުތަކެއް އުފެދޭތީ އިތުރަށް ޓެސްޓުތަކެއް ހެދުމަށެވެ. އަދި އައިޖީއެމްއެޗަށް ގެންގޮސް މިއަދު ޓެސްޓުތައް ހެދުމަށް ހަމަޖެހިފައިވާކަން ވެސް އެނގިފައި ވެ އެވެ.އެ ގޭގެ އަވައްޓެރިއަކު އިއްޔެ ބުނިގޮތުގައި އެ ކުއްޖާ މަރުވެފައި އޮތްއިރު، އޭނާގެ ކަރުގައި އެއްޗެއް އައްސާފައި ހުރި ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އެކަމަކު ދަން ޖެހިފައި ހުރި މަންޒަރު ސީދާ އޭނާ އަށް ފެނިފައި ނުވާތީ، އެއީ ދަންޖެހިގެން ލިބިފައިވާ ޒަހަމްތަކެއް ކަމަކަށް އޭނާ ނުބުނެ އެވެ.

މާޅެންދޫގައި އިއްޔެ މަރުވި ކުއްޖާގެ ހަށިގަނޑު މިއަދު މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެމްބިއުލާންސަށް އަރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާޅެންދޫގައި އިއްޔެ މަރުވި ކުއްޖާގެ ހަށިގަނޑު މިއަދު މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެމްބިއުލާންސަށް އަރުވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އަވައްޓެރިއާ ބުނިގޮތުގައި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ ކުއްޖާ އޮތީ މަރުވެފަ އެވެ.

އޭނާ ބުނީ އާއިލާގެ ތެރޭގައި ވެސް އަދި ބޭރުގައި ވެސް އެ ކުއްޖާގެ އެއްވެސް މައްސަލައެއް އުޅޭކަން އެނގިފައި ނުވާ ކަމަށާއި އެހެންވެ، އޭނާ މަރުވި ސަބަބު ލަފާކޮށްލަން ވެސް ނޭނގޭ ކަމަށެވެ.

މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަމިއްލަ އަށް ކުއްޖަކު މަރުވި ކަމުގެ ރިޕޯޓެއް އެ މިނިސްޓްރީ އަށް ވަނީ ލިބިފަ އެވެ. އެކަމަކު އެ ކުއްޖާއާ ބެހޭ އެއްވެސް މައްސަލައެއް އެ މިނިސްޓްރީ އަށް ވެސް އަދި މިނިސްޓްރީން ނ. އަތޮޅުގައި ހިންގާ އާއިލާ އާއި ކުޑަކުދިންނާ ބެހޭ މަރުކަޒަށް ވެސް މީގެ ކުރިން ހުށަހަޅާފައިނުވާ ކަމަށް ބަޔާނުގައިވެ އެވެ.