Roadha Mihaaru
11 އަހަރުގެ ކުއްޖަކު "ދަންޖެހިގެން" މަރުވެއްޖެ

މާޅެންދޫގައި 11 އަހަރުގެ ކުއްޖަކު "ދަންޖެހިގެން" މަރުވެއްޖެ

08 އޯގަސްޓް 2017

ނ. މާޅެންދޫގައި 11 އަހަރުގެ ފިރިހެން ކުއްޖަކު "ދަން ޖެހިގެން" މިއަދު މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނ. މާޅެންދޫގައި 11 އަހަރުގެ ފިރިހެން ކުއްޖަކު "ދަން ޖެހިގެން" މިއަދު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ރަށު ސްކޫލުގެ ގްރޭޑް ހައެއްގައި ކިޔަވަމުން އަންނަ އެ ފިރިހެން ކުއްޖާ "ދަންޖެހިފައި" ހުރީ އޭނާގެ ގޭތެރޭގަ އެވެ.

އެ ގޭގެ އަވައްޓެރިއަކު ބުނިގޮތުގައި "ދަން ޖެހިފައި" ހުއްޓާ ހަމައެކަނި ފެނުނީ އޭނާގެ މަންމައަށެވެ. އަދި މަރުވެފައި ހުރީ ކަރުގައި އެއްޗެއް އައްސައިގެން ކަމާއި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ވެސް ނުއެއް ދެކެން ދަންޖެހިފައި ހުއްޓައެއް. އެކަމަކު ކަރުގައި އެއްޗެއް އައްސާފައި ހުރުމުން، އެނގޭ އެގޮތަށް ކަރަށް ވާންވެގެން ކަން މަރުވެފައި ހުރީ،" އަވަށްޓެރިޔާ ކިޔައިދިނެވެ.

އޭނާ ބުނީ އާއިލާ ތެރޭގައި ވެސް އަދި ބޭރުގައި ވެސް އެ ކުއްޖާގެ އެއްވެސް މައްސަލައެއް އުޅޭކަން އެނގިފައި ނުވާ ކަމަށާއި އެހެންވެ، އޭނާ މަރުވި ސަބަބު ލަފާކޮށްލަން ވެސް ނޭނގޭ ކަމަށެވެ.

މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އަމިއްލައަށް ކުއްޖަކު މަރުވި ކަމުގެ ރިޕޯޓެއް އެ މިނިސްޓްރީ އަށް ވަނީ ލިބިފަ އެވެ. އެކަމަކު އެ ކުއްޖާއާ ބެހޭ އެއްވެސް މައްސަލައެއް އެ މިނިސްޓްރީ އަށް ވެސް އަދި މިނިސްޓްރީން ނ. އަތޮޅުގައި ހިންގާ އާއިލާ އާއި ކުޑަކުދިންނާ ބެހޭ މަރުކަޒަށް ވެސް މީގެ ކުރިން ހުށަހަޅާފައިނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އެ ކުއްޖާ މަރުވީ ދަންޖެހިގެން ނަމަ އޭނާ ވާނީ އަމިއްލަ އަށް އެގޮތަށް މަރުވި އެންމެ ހަގު ދިވެއްސަށެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ކުއްޖާގެ މަރު މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

މާޅެންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ތަހުގީގުކުރާ މައްސަލައަކަށް ވާތީ ކައުންސިލަށް އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.