Roadha Mihaaru
ހައްޖަށް ފުރުމުގެ އަސަރު ގަދަ ވަގުތުކޮޅު

ހައްޖަށް ފުރުމުގެ އަސަރު ގަދަ ވަގުތުކޮޅު

11 އޯގަސްޓް 2017

ކޮންމެ އަހަރެއްގެ މި ދުވަސްވަރު ދިވެހިންނަށް ވަރަށް ހާއްސަ އެވެ. ހައްޖުގެ މާތް އަޅުކަމަށް ގިނަ ދިވެހިންތަކެއް އާއިލާ އާއި ރައްޓެހިން ދޫކޮށް އެތައް ހާސް މޭލެއް ދުރަށް، ސައުދީ އަރަބިއްޔާ އަށް ދަތުރު ފަށާ ވަގުތުކޮޅު ހަނދާނުން ފޮހެލަން ދަތިވެ އެވެ. ކުރާ އަސަރެއްގެ ބޮޑުކަމުން ބައެއް މީހުންގެ ލޮލުން ކަރުނަ އޮހޮރިގެން ދެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކޮންމެ އަހަރެއްގެ މި ދުވަސްވަރު ދިވެހިންނަށް ވަރަށް ހާއްސަ އެވެ. ހައްޖުގެ މާތް އަޅުކަމަށް ގިނަ ދިވެހިންތަކެއް އާއިލާ އާއި ރައްޓެހިން ދޫކޮށް އެތައް ހާސް މޭލެއް ދުރަށް، ސައުދީ އަރަބިއްޔާ އަށް ދަތުރު ފަށާ ވަގުތުކޮޅު ހަނދާނުން ފޮހެލަން ދަތިވެ އެވެ. ކުރާ އަސަރެއްގެ ބޮޑުކަމުން ބައެއް މީހުންގެ ލޮލުން ކަރުނަ އޮހޮރިގެން ދެ އެވެ.

މަހެއްހާ ދުވަސް ވަންދެން އާއިލާއާ ވަކިވެ، އެހެން ބިމެއްގައި ހުރުމަކީ، ގިނަ ބަޔަކަށް އުނދަގޫ ކަމެކެވެ. އެކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އަށް ފުރަން ދިޔަ ކޮންމެ ހައްޖުވެރިއެއް އަދި އެމީހުން ފުރުވަން އެއާޕޯޓަށް ދިޔަ މީހުންގެ މޫނު މަތިން ފެނުނެވެ.

ހައްޖަށް ފުރުމުގެ ކުރިން މީހަކު އާއިލާގެ މެމްބަރުންނާ ސަލާމް ކުރަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު

ހައްޖަށް ފުރުމުގެ ކުރިން މީހަކު އާއިލާގެ މެމްބަރުންނާ ސަލާމް ކުރަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު

ފުރަން ދިޔަ ކޮންމެ ހައްޖުވެރިއެއްގެ ކިބައިން ވެސް އެންމެން އެދުނީ އެންމެ ކަމަކަށެވެ؛ ހެޔޮ ދުއާކޮށް ދިނުމަށެވެ. ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު، ހެޔޮ ހާލުގައި ހައްޖުވެރިން އެނބުރި އައުމަކީ އުއްމީދެވެ.

"އަޅުކަން ފުރިހަމަކޮށްފައި ސަލާމަތުން ހެޔޮ ހާލުގައި ހުރެ ބައްދަލު ކުރާނަން. މާޔޫސްވެ، ކަންބޮޑުނުވޭ، ހެޔޮ ރަހްމަތް ލެއްވުމަށް އެދި ދުއާ ކޮށްދޭނަން،" ޒައީ ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ މީހަކު އާއިލާގެ މެމްބަރުންނާ ވަކިވުމުގެ ކުރިން ވަރަށް އަސަރާ އެކު ބުންޏެވެ.

ހައްޖަށް ފުރާ ދެ މީހެއްގެ ގައިގައި އަންހެނަކު ބައްދާލަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު

ހައްޖަށް ފުރާ ދެ މީހެއްގެ ގައިގައި އަންހެނަކު ބައްދާލަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި އަހަރު ރާއްޖޭން 1،000 މީހުން ހައްޖަށް ދާއިރު، ޒައީ ގްރޫޕްގެ އިތުރުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އަދި ސިސިލްފަރު ހައްޖު ގުރޫޕަށެވެ. އޭގެތެރެއިން ގިނަ ބަޔަކު މިހާރު ތިބީ މައްކާގަ އެވެ. ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ހައްޖަށް ފުރުމުގެ ކުރިން "މިހާރު" އާ ވާހަކަ ދެއްކި ގިނަ މީހުން ބުނި ގޮތުގައި ހައްޖަށް ދިއުމުގެ ނަސީބު ލިބުނީ ކެތްތެރިކަމާއި މިންނަތާއި ހިތްވަރުން ކުރި މަސައްކަތުންނެވެ. އެއްވެސް ކަމެއް ކުރަން ހިތު ނިޔަތް ގަނެފި ނަމަ، އެކަން ހާސިލްވާން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް އެމީހުން ބުންޏެވެ.

ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މީހުންގެ ތެރޭގައި ދެތިން އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާން "ކިއުގައި" ތިބި މީހުންނާއި ގަދައަޅައި މަސައްކަތްކޮށްގެން މަދު އަހަރުތަކެއްގެ ތެރޭގައި ފައިސާ އެއްކުރި މީހުންނާއި އާއިލާ މެމްބަރުންގެ އެހީތެރިކަމާ އެކު ހައްޖަށް ދިޔަ މީހުންނާއި ބައެއް މީހުންގެ ދީލަތި އެހީތެރިކަމާ އެކު އެ ނަސީބު ލިބުނު މީހުން ހިމެނެ އެވެ.

މިފަހަރު ހައްޖަށް ދާ މީހެއްގެ ގައިގައި އާއިލާގެ މެމްބަރަކު ބައްދާލަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިފަހަރު ހައްޖަށް ދާ މީހެއްގެ ގައިގައި އާއިލާގެ މެމްބަރަކު ބައްދާލަނީ --މިހާރު ފޮޓޯ: ހުސެއިން ވަހީދު

އައިޝަތު އިބްރާހިމް 49، ބުނި ގޮތުގައި އޭނާ އަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ އާއިލާގެ މެމްބަރުން ދިން ދީލަތި އެހީތެރިކަމާ އެކުގަ އެވެ. އެގޮތުން އޭނާގެ ހަތަރު ކުދިންގެ ހިއްސާ ބޮޑުކަން އައިޝަތު ފާހަގަކުރި އެވެ.

"ދަރިން ބުނީ، މަންމާއޭ ތިއޮށް އުމުރުން ދުވަސްވަނީ ނޫންހޭ، އެހެންވީމަ ހައްޖުގެ އަޅުކަން އަދާކުރަން ދާންވީނޫންހޭ، ތިމަންނަމެން ފައިސާ އެއްކޮށްދޭނަމޭ. އެ ކުދިން ފައިސާ އެއްކުރަން ފެށިތާ ދޮޅު އަހަރު ވެސް ނުވާނެ ހައްޖަށް ދެވޭނެ މަގު ތަނަވަސްކޮށްދީފި،" އައިޝަތު ބުންޏެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ޒުވާނެއް ކަމަށް ވާ އަހުމަދު ޝަރީފް 33، ބުނީ އެކަމަށް ފައިސާ ދެއްކީ 2015 ގައި ކަމަށެވެ.

"އަޅުގަނޑަށް ގާތްގަނޑަކަށް މުސާރައިގެ ގޮތުގައި 14،000ރ. ލިބުނު. ކޮންމެ މަހަކު ހެން 5000ރ. އެއްކުރަމުން ގޮސް، ހައްޖަށް ދާން ފައިސާ އެއްވީ،" އަހުމަދު ބުންޏެވެ.

"އެކަމަކު މި ނަސީބު ލިބުނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން."

އައްޑޫ އަށް ނިސްބަތްވާ ދެމަފިރިން ކަމުގައިވާ ފާތުމަތު އަލީ 45، އާއި އިބްރާހިމް އަހުމަދު 55، އަކީ އެހެން މީހުންނާ ތަފާތުކޮށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ބައެކެވެ. މިދިޔަ ރޯދަ މަހު މާލޭގައި ބޭއްވި ޕްރޮމޯޝަނެއްގައި ގުރުއަތުން ހޮވުނު އިބްރާހިމަށް ލިބުނީ އެއް ލައްކަ ރުފިޔާގެ ނަގުދު ފައިސާ އެވެ.

"އެ ފައިސާ ލިބުމުން އަޅުގަނޑުމެން ނިންމީ ހައްޖަށް ދާން. އަނެއްކާ ހައްޖަށް ދިއުމަށް ނިޔަތް ގަނެގެން ފައިސާ ހުރި އެއްކޮށްފައި ވެސް. އެ ހުރިހާ ފައިސާއާ އެކީގައި މި ނަސީބު ލައްވާލީ،" އާއިލާގެ މެމްބަރުންނާ އެކު ސަލާން ކުރަމުން ހުރެ ވާހަކަ ދައްކަމުން އިބްރާހިމް ކިޔައިދިނެވެ.

ހައްޖުގެ އަޅުކަމަށް ދެ މީހަކު ފުރުމުގެ ކުރިން އާއިލާގެ މެމްބަރުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން. - މިހާރު ފޮޓޯ: ހުސެއިން ވަހީދު

ހައްޖުގެ އަޅުކަމަށް ދެ މީހަކު ފުރުމުގެ ކުރިން އާއިލާގެ މެމްބަރުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން. - މިހާރު ފޮޓޯ: ހުސެއިން ވަހީދު

މުސާރަ އިން ކޮންމެ މަހަކު ވެސް ވަކި ވަރެއް، ޖަމާކޮށްގެން ހައްޖަށް ދިޔުމަށް ހައްޖު ކޯޕަރޭޝަނުން ހުޅުވާލާފައިވާ ސްކީމްގައި ބައިވެރިވެގެން މިފަހަރު ހައްޖަށް ދިޔަ މީހުން ވެސް މަދެއް ނޫނެވެ. މި ސްކީމުގައި މުވައްޒަފަކު ބައިވެރިވުމުން، ލިބޭ މުސާރަ އިން، އެ މީހަކު ކަނޑައަޅާފައިވާ ވަކި މިންވަރެއް ކޮންމެ މަހަކު ވެސް ކޯޕަރޭޝަންގެ ވަކި އެކައުންޓަކަށް ދާނީ ޖަމާވަމުންނެވެ.

"ސްކީމްގައި ބައިވެރިވެގެން ގާތްގަނޑަކަށް މަހަކު ހަތް ހާހެއްހާ ރުފިޔާ އެކައުންޓަށް ޖަމާ ކުރިން. މިކަހަލަ ސްކީމެއް އޮތުމަކީ ހައްޖަށް ދިއުމަށް ވަރަށް ބޮޑަށް ފަސޭހަ މަގެއް،" އަމިއްލަ ކުންފުންޏެއްގައި އުޅޭތާ 18 އަހަރުވެފައިވާ މުސްތަފާ ސައީދު 43، ބުންޏެވެ.

"މިކަން ވާނެ ކަމަކަށް ދުވަހަކު ވެސް އުންމީދެއް ނުކުރަން. ވަރަށް އުފާވެއްޖެ."

މިފަހަރު، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 693 މީހުން، ޒައީ ގުރޫޕުގެ ހަވާލުގައި 96 މީހުން، ސިސިލްފަރު ގުރޫޕުން 96، އަލްހަރަމައިން އިން 98 މީހަކު ހައްޖަށް ގެންދެ އެވެ. ހައްޖަށް ދާ އެންމެ ފަހު ގުރޫޕު ސައުދީ އަށް ފުރާނީ މި މަހު 23 ގަ އެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގިނަ މީހުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ފައިސާ ޖަމާކުރެ އެވެ. އަދި ހައްޖަށް ފުރާ ދުވަހަކީ މުޅި އާއިލާ އަށް ހަނދާނުން ފޮހެލަން ދަތި ވަގުތުކޮޅެކެވެ.