Roadha Mihaaru
ސްޓެލްކޯ ޝުކޫރަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވައިފި

ސްޓެލްކޯ ޝުކޫރަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވައިފި

31 ޖުލައި 2017

ބޭރުގެ ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތް އަމިއްލަ ކުންފުންޏަކުން ޑޮލަރު ގަތުމަށްޓަކައި އެޑްވާންސަށް ސްޓެލްކޯ އިން ފައިސާ ޚަރަދު ކުރި ކަމަށް ބުނާ މައްސަލާގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު (ސްޓެލްކޯ ޝުކޫރު) އާއި އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓްގެ ހެޑުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ބޭރުގެ ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތް އަމިއްލަ ކުންފުންޏަކުން ޑޮލަރު ގަތުމަށްޓަކައި އެޑްވާންސަށް ސްޓެލްކޯ އިން ފައިސާ ޚަރަދު ކުރި ކަމަށް ބުނާ މައްސަލާގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު (ސްޓެލްކޯ ޝުކޫރު) އާއި އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓްގެ ހެޑުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތް އަމިއްލަ ކުންފުންޏަކުން ދެ ލައްކަ ޑޮލަރު ގަތުމަށް އެޑްވާންސްކޮށް 3،084،000ރ. ސްޓެލްކޯ އިން ހަރަދުކުރި އެވެ.

ފައިސާއާ ބެހޭ އެންމެހާ މަސައްކަތްތައް ސަރުކާރުގެ ގަވާއިދުތަކާއި ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުމަކީ އެމްޑީގެ މަސްއޫލިއްޔަތެއް ކަމަށް، މިހާރު އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޝުކޫރުގެ ނަން ފާހަގަނުކޮށް އޭސީސީން ނެރުނު ބަޔާނުގައިވެ އެވެ.

އެމްއެމްއޭއިން ދޫކުރާ ލައިސަންސް ނެތި ބޭރު ފައިސާ ގަނެ ވިއްކުމަކީ މަނާކަމެއް ކަމަށް އެމްއެމްއޭގެ ގަވާއިދުގައި އޮންނައިރު، ސްޓެލްކޯއިން އެ ހުއްދަ އަމިއްލަ ކުންފުންޏަކަށް ދިނީ ގަވާއިދާ ހިލާފަށް ކަމަށް ވެސް އޭސީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭސީސީން ފާހަގަކުރާ އަމިއްލަ ކުންފުންޏަކީ ޝަރޫ ލޯންޗެވެ. އެ ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ފެނަކައިން 17 މިލިއަން ރުފިޔާ ހޯދި ކުންފުންޏެވެ.

އޭސީސީން ބުނީ ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ހުށަހަޅާފައިވާ ކުންފުންޏަކީ އެފަދަ މުއާމަލާތެއް ކުރުމުގެ ގާބިލްކަން ހުރި ކުންފުންޏެއްކަން ބަލާފައި ނުވަނީ ޑޮލަރު ވިއްކުމަށް އެ ކުންފުނިން ހުށަހެޅި ޑޭޓެޑް ޗެކްގައި ޖަހާފައިވާ މޮރިޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑަށް ބަރޯސާވެގެން ކަމަށް ސްޓެލްކޯ އިން ބުނި ނަމަވެސް، އެ ބޭންކް ގެރެންޓީ ތައްގަނޑުގެ ސައްހަކަން ބެލުމަށް ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތްކޮށްފައި ނުވާކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

މީގެއިތުރުން ޑޮލަރު ވިއްކި ކުންފުނިން ސްޓެލްކޯ އަށް ހުށަހަޅާފައި ވަނީ ޑޭޓެޑް ޗެކެއްކަން ޑޮލަރު ވިއްކުމަށް ޗެކްތައް ބަދަލުކުރުމުގެ ކުރިން އެމްޑީ އަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި ބޭންކް ގެރެންޓީގެ ތައްގަނޑުގެ ސައްހަކަން ނުބަލައި، އެ އަދަދަށް އެޑްވާންސްކޮށް ހަރަދު ކުރުމަށް އެމްޑީ ހުއްދަ ދެއްވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

"ފައިސާ ހަރަދު ކުރުމަށް ނިންމާފައި ވަނީ ސްޓެލްކޯ އަށް ޑޮލަރު ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށް ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވީ ނަމަވެސް ސްޓެލްކޯ އަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެ ކުންފުނިން ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅި ކޮންމެ ފަހަރަކު ރައީސް އޮފީހުގެ ހާއްސަ ހުއްދައެއްގެ ދަށުން އެމްއެމްއޭއިން ސްޓެލްކޯ އަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީފައިވާކަން ލިޔެކިޔުންތަކުން އެނގޭ،" ބަޔާނުގައިވެ އެވެ.

އޭސީސީން ބުނި ގޮތުގައި ސްޓެލްކޯ އަށް ޑޮލަރު ގަތުމަށް އަމިއްލަ ކުންފުނިން އެޑްވާންސްކޮށް ހަރަދު ކުރުމުގެ ސަބަބުން އަމިއްލަ ކުންފުންޏަށް މާލީ މަންފާއެއް ލިބިފައިވެ އެވެ. މިއީ ސްޓެލްކޯގެ އެމްޑީ އާއި ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް، މުހަންމަދު ސަލީމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ކުންފުންޏަށް ނާޖައިޒު ފައިދާއެއް ހޯދައިދޭން ކުރި ކަމެއްކަން ސާބިތުވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

އެހެންވެ، އޭސީސީން ޕީޖީގައި އެދުނީ ޝުކޫރާއި ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑްގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި ދައުވާކޮށް ދިނުމަށެވެ.

މީގެ އިތުރުން ބޭންކް ގެރެންޓީގެ ތައްގަނޑުގެ ސައްހަކަން ބެލުމަށް ސްޓެލްކޯއިން މަސައްކަތް ކުރުމެއް ނެތި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާތީ އެ ފައިސާގެ ޑޮލަރު ލިބިފައިނުވާ ކަމަށާއި ފައިސާއަކީ ސްޓެލްކޯ އަށް ލިބެން ޖެހޭ ފައިސާއެއް ކަމުން ޝުކޫރާއި ފައިނޭންސް ޑިޕާޓްމަންޓް ހެޑްގެ އަތުން ފައިސާ ހޯދުމަށް ޕީޖީ އަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

ސްޓެލްކޯ އަށް ޑޮލަރު ހޯދުމަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޝަރޫ ލޯންޗް ކުންފުންޏަށް ދީފައި ވަނިކޮށް ޑޮލަރު ނުލިބުނު މައްސަލާގައި، ސްޓެލްކޯ އިން ދެއްކި ތިން މިލިއަން ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.