Roadha Mihaaru
އިތުބާރު ހޯދަން ވެލެންސިއާ ބަލިކުރަން ޖެހޭ: ނަޒީހު

އިތުބާރު ހޯދަން ވެލެންސިއާ ބަލިކުރަން ޖެހޭ: ނަޒީހު

18 ޖުލައި 2017

މާލޭ ލީގުގެ ކޮލިފައިން ބުރަށް ދާއިރު އިތުބާރު ބޮޑު ކުރުމަށް އެސްޓީއޯ މާލޭ ލީގުގައި ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު ވެލެންސިއާ އަތުން މޮޅެއް މުހިއްމު ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާލޭ ލީގުގެ ކޮލިފައިން ބުރަށް ދާއިރު އިތުބާރު ބޮޑު ކުރުމަށް އެސްޓީއޯ މާލޭ ލީގުގައި ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު ވެލެންސިއާ އަތުން މޮޅެއް މުހިއްމު ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ލީގުގެ ހަތް ވަނައިގައި އޮތް ވެލެންސިއާ އާއި އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަށް 13 މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ވެލެންސިއާ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ދެ ޓީމަށް ވެސް ޕްރިމިއާ ލީގުން ފުރުސަތެއް ނެތެވެ.

ޔުނައިޓެޑް ވިކްޓަރީ މި ފަހަރު މާލޭ ލީގުގައި ހޯދި ހަމައެކަނި ޕޮއިންޓް ހޯދީ ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ އަތުންނެވެ. އެ މެޗުން ޔުނައިޓެޑް ވިކްޓަރީ މޮޅުވީ 1-0 އިންނެވެ. ނަޒީހު ބުނީ ވެލެންސިއާ އޮތީ ޔުނައިޓެޑް ވިކްޓަރީ އެކޭ އެއް ހާލަތުގައި ކަމަށެވެ.

"ވެލެންސިއާ ވެސް އޮތީ އަޅުގަނޑުމެންނެކޭ އެއް ހާލުގައި އެންމެ ފަހުން ވިކްޓަރީއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގެ އެންމެ މިނިޓެއް ވެސް ގެއްލުވާނުލާ އަޅުގަނޑު ބެލިން. ގާތްގަނޑަކަށް ވިކްޓަރީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިނަމަ އަޅުގަނޑުމެން ކޮޅަށް ވަން (ޓީސީން ޖެހި ލަނޑުތައް) ވަނުމުގެ ފުރުސަތު އޮތް. އެކަމު ފުޓްބޯޅައިގައި ހުންނާނީ ޖެހޭ ދުވަހާއި ނުޖެހޭ ދުވަސް،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާ އަކީ ރަނގަޅު ފުޓްބޯޅައެއް ކުޅެން އުޅޭ ޓީމެއް ކަމަށާއި އެހެން ވުމުން އެ ޓީމާ އެކު ކުޅޭއިރު ފަސޭހަތަކެއް އެބަހުރި ކަމަށެވެ.

"ވެލެންސިއާ އަކީ އަޅުގަނޑުމެންނެކޭ ދާދި އެއްގޮތަށް ކުޅޭ ޓީމެއް. އެކަމު އަޅުގަނޑުމެން އެބަޖެހޭ މަތިން ކުޅެލަން ދިގު ފޯވާޑެއް ހުރީމަ. ދެން ވާގޮތަކީ ވެލެންސިއާ އަކީ ޕްރައިޑަށް ވިސްނައިގެން ހުރިހާ މޮޅެއް ހޯދަން ކުޅޭ ޓީމެއް. މެޗު ލަސްކޮށް އެ ކަހަލަ ކަމެއް ނޯވޭ. އެ ހުރިހާ ކަމަކަށް ވިސްނައިގެން ޕޮއިންޓެއް ނޫނީ ތިން ޕޮއިންޓަށް ނުކުންނާނީ. އެއީ ޓީމުގެ އިތުބާރު ބޮޑު ކުރަން މުހިއްމު ކަމެއް،" ނަޒީހު ބުންޏެވެ.

ޓްރާންސްފާ މާކެޓްގައި ރަނގަޅު ލޯކަލް ކުޅުންތެރިންތަކެއްގެ އިތުރުން ބިދޭސީ ކުޅުންތެރިއަކު ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ.

"ޖަޕާނު ލީގުގައި ކުޅެފައިވާ ބްރެޒިލް އަގުބޮޑު ފޯވާޑެއް. ދެން ރަނގަޅު ލޯކަލް ކުޅުންތެރިންތަކެއް ވެސް ޓީމާ ގުޅިއްޖެ. ކޮންމެ ގޮތެއްވިޔަސް ރެލިގޭޝަނުގައި ދުރަކަށް ނުދެވޭނެ. ސަލާމަތްވާން ޖެހޭނީ. ދެން ވިސްނުން ހުރީ އެފްއޭ ކަޕް ކަހަލަ އެއްޗަކަށް ރަނގަޅު ނަތީޖާ ނެރެން،" އޭނާ ބުންޏެވެ.

ދެ ވަނަ ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ބަލިވެފައިވުމުން ނަޒީހު ބުނީ އަބަދު ބަލިވުމުގެ މާޔޫސްކަމުން އަރައިގަންނަން ވެލެންސިއާ މެޗުގެ ބޭނުން ހިފުން އެއީ މުހިއްމު ކަމެއް ކަމަށެވެ.

"ނަތީޖާތަކުން ކޮންފިޑެންސް ރަނގަޅުވާނެ. މީގެ ވާގޮތަކީ ހިތްވަރު ލިބޭނެ. އެއީ މޮޅުވަންޏާ ވިސްނުން ހުންނާނީ މިކަން ވާނެޔޭ. އެކަމަކު އަބަދު ބަލި ބަލި ބަލިވަންޏާ ކުޅުންތެރިން މާޔޫސްވާނެ. އެއީ ކިހިނެއްހޭ ދެން މޮޅެއް ހޯދާނީ ހިތައް އަރާފައި. އަޅުގަނޑުމެންނަށް ހިތްވަރަކީ މޮޅެއް ހޯދޭނެ ގޮތަކަށް މިހާރު ކްލަބްގެ ހާލަތު ރަނގަޅުވަމުން އަންނަނީ. ޕްރެކްޓިސްތައް ރަނގަޅުވެ ކުޅުންތެރިންގެ މުސާރަ ކަންތައް ވެސް ހަމަޖެހިފައި އޮތީ،" އޭނާ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓަރީން މިހާރު އަމާޒު ހިފާފައިވަނީ ރަނގަޅު ޓީމެއް އެކުލަވާލައި ނަތީޖާ ނެރެވޭ ވަރުގެ ޓީމެއް ހަދައިގެން ކޮލިފައިންއާ ކުރިމަތިލުމެވެ.

މި ފަހަރު ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީ ވެލެންސިއާ އެވެ. ލީގުގެ ފަހު މެޗަށް ނުކުތުމުގެ ކުރިން ފެސްކޯ ބުނީ މިހާރު އެ ޓީމު އެ އޮތް ހާލަތަށް ދިއުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ކުޅުންތެރިން ޒިންމާ ނުނެގުން ވެސް ހިމެނޭ ކަމަށެވެ.

"ވެލެންސިއާ އަކީ ވަރަށް ބޮޑު ނަމެއް. ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައި އޮތް ޓީމެއް. އެކަމަކު ނަމަކުން ކުރާ ކަމެއް ނޫން މިކީ. އަރާތިބޭ ކުޅުންތެރިން ޕާފޯމެންސް މީގެ އެންމެ މުހިއްމީ. ދެން އެ ކުޅުންތެރިންގެ ޒިންމާދާރުކަން އެއް މުހިއްމު އެއް ކަމަކީ. އެ ރަނގަޅު ނަމަ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން ޓީމު މިހާރު މިއޮތް ހާލަތަށް ދާނެ ކަމަކަށް،" އޭނާ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މިއަދު ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް މީގެން މާލެ ލީގު ކޮލިފައިން އަށް ކުރާނެ އަސަރެއް އޮތް ކަމަށް ނުދެކޭ ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.

"މިހާރު މި ތިބި ވިސްނުމުގައެއް ނޫން ދެން އޮތް މުބާރާތަށް (މާލެ ލީގު ކޮލިފިކޭޝަނަށް) ނުކުންނާނީ. އެއީ ވަކި މުބާރާތެއް. މި މުބާރާތުގައި މި ކުޅޭ މެޗުތަކުން ނޫނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް މި ކުޅޭ މެޗުން ނުކުންނަ ނަތީޖާ އަކުން ކުރިއަށް އޮތްތަނުގައި ކުރާނެ މާ ބޮޑު އަސަރެއް ނެތް. އަޅުގަނޑު ގަބޫލުކުރާ ގޮތް މިއީ،" ފެސްކޯ ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާ އިން ވެސް ޓީމު ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މި ވަގުތު ޓީމުގެ ކޮންޓްރެކްޓްގައި ތިބި އެއްވެސް ކުޅުންތެރިއަކު ވިއްކާލުމުގެ ވިސްނުމެއް ކޯޗިން ޓީމުން ނުގެންގުޅޭ ކަމަށާއި ދެން ގޮތެއް ނިންމާނީ މެނޭޖްމަންޓުން ކަމަށެވެ.

ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.