24 ޖޫން 2017
އެސްޓީއޯ މާލޭ ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ އިދިކޮޅަށް ކުޅެން ފަސޭހަ ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނައިރު އެ ޓީމަކީ އިދިކޮޅަށް ކުޅެން ފަސޭހަ ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
ގްރީން ސްޓްރީޓްސް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 17 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ ލީގުގެ އެންމެ ފުލުގައި އޮތީ ނުވަ މެޗުން އެއް ޕޮއިންޓާ އެކު އެވެ. މިރޭ ވެލެންސިއާ އަތުން މޮޅުވެގެން ލީގުގެ ތިން ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ގްރީން ސްޓްރީޓްސް އަށް އެބައޮތެވެ.
ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސޮބާ ބުނީ މިރޭގެ މެޗަށް ނުކުންނައިރު އަމާޒަކީ ބަލިނުވެ ފަރުޖައްސާލުން ކަމަށެވެ.
"ވެލެންސިއާ އެއް ޕޮއިންޓާ އެކު އޮތް ނަަމަވެސް އެ ޓީމުގައި ގްރީން ސްޓްރީޓްސް އަށް ވުރެ ތަރިން ގިނަ. އަޅުގަނޑު އެއްވެސް މެޗަކަށް ނުކުންނައިރު މެޗު ފަސޭހައެއް ނުކޮށްލާނަން. ކޮންމެ ގޮތެއް ވިޔަސް ވެލެންސިއާ ވެސް ނުކުންނާނީ ބަލިވާކަށް ނޫން. މެޗަކީ ފިފްޓީ ފިފްޓީ މެޗެއް،" ސޮބާ ބުންޏެވެ.
"މިހާ ހިސާބަށް ވެސް ވަރަށް ގިނަ ކާމިިޔާބީތަކެއް ހާސިލްވެފައި ހުރީ. މި މެޗުން ވެސް ޓާގެޓަކީ މަދުވެގެން ޕޮއިންޓެއް. ބަލިނުވެ ފަރުޖައްސާލުން. މޮޅެއް ލިބިއްޖެނަމަ އެއީ ވަރަށް ރަނގަޅު ކުރިއެރުމަކަށްވާނެ،"
އޭނާ ބުނީ ކުރިއެކޭ އެއްގޮތަށް ލީގުގައި އޭނާ ގެންގުޅެމުން އައި ވިސްނުމަށް އަދި ބަދަލެއް ނުގެންނަ ކަމަށެވެ.
"އަބަދުވެސް ބުނާގޮތަށް އަހަރެންގެ ވިސްނުމަކީ މެޗަކަށް ފަހު މެޗެއް. އެއީ ކުރިއަށް ވާނެ ގޮތެއް ބަލައިގެން އެހެން ޓީމުތަކުގެ ނަތީޖާ އަށް ބަލައިގެން މިކަމެއް ނުވާނެ. ގްރީން ސްޓްރީޓްސް އިން އަބަދުވެސް ކުރާނީ މެޗުގެ ފުރަތަމަ ސިކުންތުން ފެށިގެން ފަހު ސިކުންތާ ހަމައަށް މަސައްކަތް،" ސޮބާ ބުންޏެވެ.
އެންމެ ފަހުން ގައުމީ ޓީމު ނެގި ސްކޮޑުން ގިނަ އަހަރުތަކަކަށް ފަހު ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) އަށް ވަނީ ފުރުސަތު ދީފަ އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި އައްމަޑޭ ވަނީ ކުޅެން ނިކުމެފަ އެވެ.
ވެލެންސިއާގެ ނިހާން (ވ) ކައިރިން ގްރީންގެ އިލިއާ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އައްމަޑޭ އަކީ ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުންތެރިއެއް.މި އަހަރު ފުރަތަމަ ގައުމީ ޓީމު އެކުލަވާލިއިރު ވެސް އަޅުގަނޑު ދެކޭގޮތުގައި އައްމަޑޭ އަށް ޖާގައެއް ހައްގުވޭ ދެއްކި ކުޅުމަށް ބަލާއިރު. އައްމަޑޭ އަށް ޓީމުގައި ކުޅުމުގެ ފުރުސަތު ވެސް ދީފި. އެއީ ވެސް އޭނާ އަށް ލިބޭ ކުރިއެރުމެއް،" ސޮބާ ބުންޏެވެ.
ލީގުގައި ބާކީ ފަސް މެޗު އޮއްވައި ވެލެންސިއާ ވަނީ އަށް ގަދަ ހަތަރެއްގެ ފުރުސަތު ގެއްލި މާލެ ލީގުގެ ކޮލިފިކޭޝަންގައި ކުޅެން ޖެހިފަ އެވެ. އެ ޓީމަށް ލީގުގައި މިހާތަނަށް ލިބުނު ހަމައެކަނި ޕޮއިންޓު ލިބުނީ ގްރީން ސްޓްރީޓްސް އަތުންނެވެ.
"ވެލެންސިއާގެ އަބަދުވެސް ޓާގެޓަކީ ރީތި ފުޓްބޯޅައެއް ކުޅެގެން ނަތީޖާ ނެރުން. ފުރަތަމަ ބުރު ދިޔައީ މާ ރަނގަޅަކަށް ނޫން ވެލެންސިއާ އަށް. ރަނގަޅަށް ކުޅެވުނު ފަހަރު ގިނަ އެކަމަކު މައްސަލަ އަކީ ނަތީޖާ ނުނެރެވުން،" މިރޭގެ މެޗުގެ ކުރިން ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގެ ގިނަ މެޗުތަކުގައި ވެލެންސިއާގެ ކޯޗުގެ ޒިންމާ އެއްކޮށް ނެގީ ފެސްކޯ އެވެ. ދިމާވި ކަންތައްތަކެއްގެ ސަބަބުން ޓީމުގެ ޓްރެއިނަރު އިސްމާއިލް އާސިފް (ކުޑަހީނާ) އާއި އެސިސްޓަންޓް ކޯޗު އަދި ގޯލްކީޕަރު ޓްރެއިނަރު މުހައްމަދު އިގުބާލް ތިބީ ޓީމާ ދުރުގަ އެވެ.
ފެސްކޯ ބުނީ ލީގުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ވެލެންސިއާގެ ކޯޗިން ޓީމު ވެސް މިހާރު ހަމަވެފައިވާ ކަމަށާއި އޭގެ ތަފާތު ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"އަޅުގަނޑު މެން ކޯޗިން ޓީމު އެއްކޮށް ހަމަވެގެން ނުކުތުމަކީ ވެސް މުޅި ޓީމާއި ޓީމުގެ ސަޕޯޓަރުންނަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް. ހަގީގަތުގައި ކުޅުންތެރިންގެ ރޫހު ވެސް ރަނގަޅުވެގެންދާނެ ކަމަށް މި ބަލަނީ،" ފެސްކޯ ބުންޏެވެ.
ވެލެންސިއާ މިހާރު އޮތް ހާލަތުން އަރައިގަންނަން ގިނަ ފަރާތްތަކެއްގެ އެކި ކަހަލަ އެހީތަކެއް ލިބިފައިވާކަން ވެސް ފެސްކޯ ވަނީ ފާހަގަކޮށްފަ އެވެ.
"މެނޭޖްމަންޓްގެ ފަރާތުން ކޮށްދޭން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެސް ފުރިހަމަ ވެއްޖެ. ދީލަތި ފަރާތްތަކުގެ އެކި ކަހަލަ އެހީތަކާ އެކު ޓީމުގެ ހާލަތު ވެސް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ. ޕްރެކްޓިސްތަކުގައި ވެސް ތަފާތު މިހާރު އެބަފެނޭ،" ފެސްކޯ ބުންޏެވެ.
ވެލެންސިއާ އަށް މިހާރު ދިމާވެފައިވާ ކަންތައްތައް ހައްލުކޮށް ޓީމު އެހެން ހިސާބަކަށް ގެންދަން ޓީމު އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިއީ ވަކި ބަޔަކަށް އޮތް ޒިންމާއެއްގެ ގޮތުގައި ނުދެކޭ ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.
"ޓީމު މިހާރު އޮތް ހާލަތުން އެހެން ހިސާބަކަށް ގެންދަން ޓީމުގެ ހުރިހާ ޑިޕާޓްމަންޓަކުން މަސައްކަތް ކުރަން ޖެހޭ. ޓީމުގެ މެނޭޖްމަންޓާއި ކޯޗިން ޓީމާއި ޓީމުގައި ހުރި ކުޅުންތެރިން އެކުވެގެން މަސައްކަތްކޮށްފިނަމަ އެހެން ލެވެލަކަށް ދެވޭނީ އޭގެ ބަދަލުގައި ވަކި ދަނޑިވަޅުތަކުގައި ވަކި ބަޔަކު އެކްޓިވްވެގެން މިކަމެއް ނުވާނެ،" ސޮބާ ބުންޏެވެ.
ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.
މާޒިޔާއަކީ އަދިވެސް އެންމެ ވަރުގަދަ ޓީމު: ސޮބާ
ވެލެންސިއާ އަތުން ގްރީން ސްޓްރީޓްސް އަށް ޕޮއިންޓެއް
ނިއު އަތުން ލިބޭ ޕޮއިންޓަކީ ބޯނަހެއް: ސޮބާ
ގްރީން ސްޓްރީޓްސްއާ މެދު ދެކޭގޮތް ބަދަލުކުރެވޭނެ: ސޮބާ
މާޒިޔާ މެޗު، ގްރީން ސްޓްރީޓްސް އަށް ބޮޑު ޓެސްޓެއް!
ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އެއްވަރު
"މާޒިޔާ އާއި ނިއުއާ ވާދަކުރެވޭނީ ރަނގަޅުކޮށްގެން"
ސޮބާ: ކޯޗިންގެ ޅަފަތުގައި ތަފާތު ތިން ޗެޕްޓަރެއް!
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު