05 މާޗް 2017
އެސްޓީއޯ މާލޭ ލީގުގައި ކްލަބް ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން މިއަދު، އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ކްލަބް ގްރީންސްޓްރީޓްސްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
އެސްޓީއޯ މާލޭ ލީގުގައި ކްލަބް ވެލެންސިއާ ކުޅުނު ފުރަތަމަ މެޗުން މިއަދު، އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ކްލަބް ގްރީންސްޓްރީޓްސްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ހަތަރު ޕޮއިންޓް ހަމަކޮށް މި ވަގުތު މާލޭ ލީގުގެ އެއް ވަނައިގައި އޮތީ ގްރީންސްޓްރީޓްސް އެވެ. އެއް މެޗު ކުޅެފައިވާ ނިއު ރޭޑިއަންޓާއި މާޒިޔާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ދެ މެޗު ކުޅެފައިވާ އީގަލްސް ވެސް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ވެލެންސިއާ އެއް ޕޮއިންޓް ހޯދާފައިވާއިރު ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.
އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭއޮފުގައި ޖުމްލަ ހަތަރު މެޗު ކުޅެފައިވާ ވެލެންސިއާ އިން ވަނީ މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލައެއް ފޮނުވާލައިފަ އެވެ. ޗިންޑާ ޕްރިންސް ނެގި ހުރަސް އޮމަޑޫ ގޮޑްފްރޭ ވެސްޓް ބޮލުން ފޮނުވާލުމުން ގްރީންސްޓްރީޓްސްގެ ޖަޕާން ގޯލްކީޕަރު ޖުން ކޮޗީ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ވެލެންސިއާގެ އަތުގައި މެޗުގެ ކޮންޓްރޯލް އޮތް ނަމަވެސް، 2000 ވަނަ އަހަރު އެ ޓީމުގެ ފަހަތް ބެލެހެއްޓި ސޮބާހު މުހައްމަދު އިބްރާހިމްގެ ކޯޗުކަމުގެ ދަށުން ކުޅެމުން ދިޔަ ގްރީންސްޓްރީޓްސް އިން ވަނީ ކައުންޓާ އެޓޭކުގައި ވެލެންސިއާ އަށް ނުރައްކާކޮށްފަ އެވެ. އެ ޓީމުގެ ޔޫކްރޭން ދެ ކުޅުންތެރިން ކަމަށްވާ ސޮބޮލް އިލިއާ އާއި ޒެޑްނޯފް ޑީމްޓްރޯ ފޮނުވާލި ބާރު ދެ ބޯޅަ ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ. މެޗުގެ 29 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައެއް ގްރީންސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް ބޮލުން ޖެހުމުން ވެސް ފައިސަލް ދިފާއުކުރި އެވެ.
ގްރީންސްޓްރީޓްސް އިން މެޗުގެ ލީޑު ނެގީ 29 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިލިއާ ޖެހި ގޯލުންނެވެ. މިއީ އެ ޓީމުގެ އަހުމަދު ނިޒާމް ވެލެންސިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ބޯޅަ ޖަހަޖަހާ އޮއްވާ ކީޕަރު ފައިސަލް އޭނާ އަށް ހުރަސް އެޅުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ފައިސަލްގެ ހުރަސް އެޅުމާ އެކު ވެސް ނިޒާމް އެ ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ވެލެންސިއާ ޑިފެންޑަރުން ގޯލް ރޮނގުމަތިން ބޯޅަ ސަލާމަތްކުރި އެވެ. އޭރު ރެފްރީ ވަނީ ޕެނަލްޓީއަކަށް ކަށިގަނޑު ފުމެފަ އެވެ.
ގްރީންސްޓްރީޓްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މާގިނަ އިރުތަކެއް ނުވަނީސް ވެލެންސިއާގެ ޕްރިންސް ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަރިމަތިން ނެގި ހުރަހެއް، އޭނާ އޭރިއާ ތެރެއިން ޖެހުމުން ގޯލަށް ވަނީ ގްރީންސްޓްރީޓްސްގެ ގޯލްކީޕަރު ބޯމަތިން ގޮހެވެ.
ދެ ވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސްގެ ޑީމްޓްރޯ ނަގައިދިން ހުރަހެއް ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ޖެހުމުން އަމާޒުވީ ހުރަސް ދަނޑި އަށެވެ. އޭގެ އިރުކޮޅެއް ފަހުން ވެލެންސިއާގެ ވެސްޓަށް އޭރިއާ ތެރެއިން މުޅިން ހުހަށް ލިބުނު ބޯޅަ، ޖެހުމުން ވެސް އަމާޒުވީ ދަނޑިއަށެވެ.
މެޗުގެ ފަހުކޮޅު ގްރީންސްޓްރީޓްސް އިން ނުރައްކާތެރި އިތުރު ދެ ހަމަލަ ފޮނުވާލި އެވެ. އެގޮތުން 79 ވަނަ މިނެޓުގައި އިލިއާ އޭރިއާ ތެރެއިން ކީޕަރު ފައިސަލް ބޯމަތިން ފޮނުވާލަން އުޅުނު ބޯޅަ ފައިސަލް ވަނީ ސަލާމަތްކޮށްފަ އެވެ. އަދި 86 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އައްމަޑޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ދުރުން ބޭރަށެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އެ ޓީމުގެ ހުރިހާ ޑިޕާޓްމަންޓެއް ފެނުނީ ދަށްކޮށް ކަމަށާއި ބަލިނުވެ ސަލާމަތްވުމަކީ މިއަދަށް ބަލާއިރު ރަނގަޅު ނަތީޖާއެއް ކަމަށެވެ.
"ލީގުގެ ފުރަތަމަ މެޗާ ބަލާއިރު ކުޅުން ދިޔަ ގޮތުން ޕޮއިންޓަކުން ވެސް ހިތްހަމަޖެހޭ،" ފެސްކޯ ބުންޏެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާ ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓަށް ޓާގެޓްކޮށްގެން ކަމަށާއި އެކަަމަކު މެޗު ދިޔަ ގޮތުން ޕޮއިންޓެއް ލިބުން ގޯސް ނޫން ކަމަށެވެ.
"ކުޅުންތެރިން ކުރި މަސައްކަތް ފެނިއްޖެ. ވަރަށް ހިތްވަރާ އެކު ކުޅުނު ވަރަށް ޗާންސްތައް ވެސް ހޯދި. ފައިސަލް (ވެލެންސިއާ ކީޕަރު) ވަރަށް ތަފާތު ދުވަހަކާ ދިމާވީ ވެސް. އެގޮތަށް ވިސްނާއިރު ޖުމްލަކޮށް މެޗު ރަނގަޅޭ ދެންނެވޭނީ،" ސޮބާ ބުންޏެވެ.
ވެލެންސިއާ އަތުން ގްރީން ސްޓްރީޓްސް އަށް ޕޮއިންޓެއް
ވެލެންސިއާ އަކީ ފަސޭހަ ޓީމެއް ނޫން: ސޮބާ
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު
ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ
ނެގި ވިލާގަނޑުން ފެންފޮދެއް ނުލިބުނު: ސުޒޭން
މާޒިޔާ ބަލިކޮށް ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގާ ގާތަށް
ގްރީން އިން ކުޅޭ ގޭމް މާޒިޔާ އަށް އެނގޭ: ސެކުލޮސްކީ
މާޒިޔާއަކީ އަދިވެސް އެންމެ ވަރުގަދަ ޓީމު: ސޮބާ
ފުލުގައި އޮތް ވެލެންސިއާ އިން މާޒިޔާ ހިފަހައްޓައިފި