Roadha Mihaaru
ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ

ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ

15 ޖުލައި 2017

އެސްޓީއޯ މާލޭ ލީގުގައި މިރޭ 2-0 އިން ވެލެންސިއާ އަތުން ވިކްޓަރީ މޮޅުވުމާ އެކު ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިރޭ 2-0 އިން ވެލެންސިއާ އަތުން ވިކްޓަރީ މޮޅުވުމާ އެކު ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ވިކްޓަރީ މި މެޗުން މޮޅުވެ ވަނީ ލީގުގެ ފަސް ވަނަ އަށް އަލުން ޖެހިލައިފަ އެވެ. ވިކްޓަރީ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް އީގަލްސްއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ފައިދާ ލަނޑު މަދުވުމުންނެވެ. ދެ ޓީމަށް ވެސް 13 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން ބޮޑު ތަފާތަކުން މޮޅުވި ޓީސީ ލީގުގެ ހަ ވަނައިގައި އޮތީ 13 މެޗުން 19 ޕޮއިންޓާ އެކު އެވެ.

އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވެފައިވާއިރު، އަނެއް ދެ ޖާގައަށް ވާދަކުރަނީ ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި އީގަލްސް އާއު ވިކްޓަރީ އަދި ޓީސީ އެވެ.

ފަހު ދެ ޖާގަ ޔަގީންވާނީ ފަހު މެޗުތަކަށް ފަހު އެވެ. އެއީ އަންނަ އަންގާރަ ދުވަހުގެރޭ ޓީސީ އާއި ވިކްޓަރީ ކުޅޭ މެޗާއި ބުދަ ދުވަހު ހަވީރު ގްރީން ސްޓްރީޓްސް އާއި އީގަލްސް ކުޅޭ މެޗަށް ފަހު އެވެ. މި ހަތަރު ޓީމުގެ ތެރެއިން އެންމެ ފުރުސަތު ބޮޑީ ގްރީން ސްޓްރީޓްސް އަށެވެ. އަދި އެންމެ ހަނި ފުރުސަތެއް އޮތީ ޓީސީ އަށެވެ. އީގަލްސް އާއި ވިކްޓަރީ އަށް އޮތީ މޮޅުވުމެވެ.

މިރޭގެ މެޗަށް ނުކުތްއިރު ކާޑު ހަމަވުމުގެ ސަބަބުން ވިކްޓަރީގެ ރިލްވާން ވަހީދު (ރިލޭ) އާއި ވެލެންސިއާގެ އޮމޮދޫ ގޮޑްފްރޭ ވެސްޓް ވެސް ހުރީ ސަސްޕެންޝަންގަ އެވެ.

ވެސްޓްގެ ނެތުމުން ވެލެންސިއާގެ ކުރި ބެލެހެއްޓީ ޒުވާން ތިން ކުޅުންތެރިން ކަމަށްވާ އަލީ ހަމްދާން، އައްޒާމް އަބްދުﷲ އަދި މުހައްމަދު ފަރުހާން އެވެ. މި ތިން ކުޅުންތެރިންގެ ތަޖުރިބާ މަދު ނަމަވެސް އުއްމީދީ ކުޅުމެއް ވަނީ ދައްކައިފަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ވިކްޓަރީން ވަނީ ލީޑު ނަަގައިފަ އެވެ. މި ލަނޑު ހަސަން އަދުހަމް (ސަޑޭ) ތިން ބޯޅައަކުން ކާމިޔާބުކުރީ މުސްތަފާ ސެޑިކް އެވެ.

އޭގެ ފަހުން ވެސް ލީޑުފުޅާކުރަން ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ވަނީ ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އެއް ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރިއިރު، އަނެއް ބޯޅަ ގޯލާ ސީދާ ވާގޮތެއްނުވި އެވެ.

މެޗުގެ 17 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރަން ވެލެންސިއާގެ އައްޒާމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ އައްޒާމް ފޮނުވާލި ބޯޅަ ވިކްޓަރީގެ ސީރިއާ ކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

ވިކްޓަރީ އަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކޮށްދިނީ ކެރިޗް އަންދްރޭ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި ސެޑިކް ކުޅުންތެރިއަކު ކައިރިން ނައްޓާލާފައި އޭރިއާ ތެރެއިން ކެރިޗަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން ވަަނަ މިނިޓްގައި ތިން ވަނަ ލަނޑެއް ޖަހަން ވިކްޓަރީގެ ސަޑޭ އަށް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ކެރިޗް މުޅިން ހުސްކޮށްލާފައި ސަޑޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ފަހުން އޭރިއާ ތެރެއިން ކެރިޗާއި ސަޑޭ ފޮނުވާލި ނުރައްކާތެރި ދެ ޝޮޓް ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗަށް ނުކުތްއިރު ވެސް ހުރިހާ ކަމަކަށް ވުރެ ބޮޑަށް ވިސްނީ ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

"މެޗަށް ނުކުތްއިރު ވެސް އެންމެ ބޮޑަށް ވިސްނީ މި ތިން ޕޮއިންޓަށް. އެއީ އަމިއްލަ ބާރުގައި ގަދަ ހަތަރެއްގައި ހިމެނުމަށް ތިން ޕޮއިންޓް ބޭނުންވަނީ، ގިނަ ގޯލުތަކެއް ނޫން. ހަގީގަތުގައި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމު ކޮންމެ ހާލަތެއްގައި އޮތަސް ކުޅުންތެރިން މޮޅުވާން ބޭނުންވާތީ. މިކަން ކުރަން އެ ކުޅުންތެރިންގެ އެ ރޫހު ހުރުން،" ސުޒޭން ބުންޏެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީގެން މި މެޗުގައި ވެސް ކޮންމެވެސް ވަރެއްގެ ރަނގަޅު ކަންތައްތަކެއް ފެނުނު ކަމަށެވެ.

"ރިޒަލްޓްގެ ވާހަކަ ދެއްކޭކަށް ނެތް. ދެން ކުޅުމަށް ބަލާއިރު އަޅުގަނޑުމެން ކުުޅުނީ ފޯވާޑް ލައިން އެއްކޮށް ބަދަލުކޮށްލައިގެން. އެތަނަށް ޒުވާން ކުޅުންތެރިންތަކެއް ލައިގެން ރަނގަޅު ކުޅުމެއް ފެނުނު. މެޗުން ބަލިވުމުގައި ކުރީކޮޅުގައި އެ ހެދުނު ގޯސްތަކުގެ ހިއްސާ ބޮޑު،" ފެސްކޯ ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ވެލެންސިއާ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.