Roadha Mihaaru
މަގާމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމާނަން: ސުޒޭން

މަގާމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމާނަން: ސުޒޭން

19 ޖުލައި 2017

ވިކްޓަރީ ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުވަންޏާ އެ ޓީމުގައި ހުރެގެން މާބޮޑު ކަންތައްތަކެއް ކުރެވިދާނެ ކަމަށް ވިސްނުމުގެ ބޭނުމެއް ނެތް ކަމަށައި މަގާމުގައި ހުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވިކްޓަރީ ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުވަންޏާ އެ ޓީމުގައި ހުރެގެން މާބޮޑު ކަންތައްތަކެއް ކުރެވިދާނެ ކަމަށް ވިސްނުމުގެ ބޭނުމެއް ނެތް ކަމަށައި މަގާމުގައި ހުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ވިކްޓަރީ ވަނީ ރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ބަލިވެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކަޓައި ޕްރިމިއާ ލީގުން ފުރުސަތު ގެއްލިފަ އެވެ. ރޭ މޮޅުވެގެން އެ ޓީމަށް ފުރުސަތު ލިބެން އޮތް ނަމަވެސް ކުޅުންތެރިންގެ ފަރާތުން މާބޮޑު ހިތްވަރެއް ކުރި މަންޒަރެއް ނުފެނެ އެވެ.

ބޮޑު ހަރަދެއްކޮށް މަޝްހޫރު ކުޅުންތެރިން ގެނެސް އާ ސީޒަނަށް ވިކްޓަރީ ތައްޔާރުވި ނަމަވެސް ވަކި ހިސާބަކުން މާލީ މައްސަލަތަކެއް ދިމާވި އެވެ. އެގޮތުން ކުޅުންތެރިންނަށް ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަނުވެ ހުރި ކަމަށް ކޯޗު ސުޒޭނާއި ބައެއް ކުޅުންތެރިން ވެސް ވަނީ ބުނެފަ އެވެ.

"މިހާރު ދެން މި ހާލަތުގައި އޮތްއިރު ދެމިހުރުމާ ނުހުރުން ދެން އަޅުގަނޑު ހަމަ ޑިސައިޑްކުރާނަން. މިހުރި ކަންކަން ހަމަ ނުޖެހެންޏާ މިތާގައި ކޮންމެހެން އެހާބޮޑަކަށް ވިސްނާނެ ކަމެއް ނެތް ކަންތައްތައް ކުރެވޭނެ ކަމަކަށް. އެއީ މިހާ އުނދަގޫ ސިޓުއޭޝާނެއް އޮތްއިރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް މޯރަލީ ޑައުންވެފައި އޮތް ދަނޑިވަޅެއްގައި ދެން މިހާރު ވިސްނަން ޖެހޭނީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީ އަށް ގަދަ ހަތަރަކުން ފުރުސަތު ނުލިބުނު އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ބުރުގައި ޕޮއިންޓްތަކެއް ގެއްލުން ކަމަށެވެ.

"ފުރަތަމަ ބުރުގައި ފުރަތަމަ ކޮޅުގައި ގެއްލުނު ޕޮއިންޓްތަކުން ކަންނޭގެ ބޮޑަށް ވިކްޓަރީ ކަޓައިގެން މިދިޔައީ. އެއީ ފުރަތަމަ ފަސް ވަރަކަށް މެޗު ކުޅުނު އިރު ފަސް ވަރަކަށް ނުވަތަ ހަތަރު ވަރަކަށް ޕޮއިންޓް ލިބިފައި އޮތީ. އޭރު ޓީމުގެ ފިޓްނަސް އެ ހުރިހާ އެއްޗެއް ވަރަށް ދަށް. އެ މެޗުތައް ގެއްލުމުގެ ސަބަބުން ގެއްލިގެން މިދިޔައީ ބޮޑު ބައި. އެއީ މި ބުރުގައި ވިކްޓަރީ އަށް 14 ޕޮއިންޓް ހޯދިއްޖެ،" ސުޒޭން ބުންޏެވެ.