Roadha Mihaaru
މާޒިޔާ މެޗު، ގްރީން ސްޓްރީޓްސް އަށް ބޮޑު ޓެސްޓެއް!

ގްރީން ސްޓްރީޓްސް ބޮޑު މެޗަކަށް، މާޒިޔާ ސަމާލުވެެގެން

08 މާޗް 2017

މާލޭ ލީގުގައި މާދަމާ ރޭގެ މެޗަށް ނުކުންނައިރު ގްރީން ސްޓްރީޓްސްއާ މެދު ސަމާލުވާނެ ކަމަށް އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާލޭ ލީގުގައި މާދަމާ ރޭގެ މެޗަށް ނުކުންނައިރު ގްރީން ސްޓްރީޓްސްއާ މެދު ސަމާލުވާނެ ކަމަށް އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވަނީ އީގަލްސް އަތުން 1-0 އިން މޮޅުވެފަ އެވެ. މާޒިޔާ އިން ޗެރިޓީ ޝީލްޑް މެޗުން ވެލެންސިއާ ބަލިކުރީ ވެސް އެ ނަތީޖާއިންނެވެ. ސެކުލޮސްކީ ބުނީ ދެ މެޗުގައި ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ އަށް ނުހިފޭ ކަމަށެވެ.

"އަހަރެމެން ކުޅުނު ރަސްމީ ދެ މެޗުގައި ވެސް ލަނޑު ޖަހަން ފަހެއް ނޫނީ ހަތް ވަރަކަށް ޗާންސް ލިބުނު. މިއީ 100 ޕަސެންޓް ލަނޑަކަށް ހަދާލެވޭނެ ޗާންސްތަކެއް. އަހަރެމެންގެ ލަނޑު ޖެހުމުގެ ބައި އެންމެ ރަނގަޅެއް ނޫން. އެކަން ރަނގަޅު ކުރަން މިދަނީ މަސައްކަތް ކުރަމުން،" ސެކުލޮސްކީ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި މި ފަހަރު މުޅިން އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސް މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 1-0 އިން ވިކްޓަރީ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން ވެލެންސިއާއާ ވާދަކޮށް ގްރީން ސްޓްރީޓްސް ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

ސެކުލޮސްކީ ބުނީ ގްރީން ސްޓްރީޓްސް އަކީ ފަސޭހަ ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"ފުރަތަމަ ޑިވިޝަންގައި އަލަށް ކުޅޭ ޓީމެއް ނަމަވެސް ފެންނަނީ ވަރަށް ތަޖުރިބާހުރި ޓީމެއްގެ ކުޅުން. ވަރަށް ރަނގަޅު ކޯޗެއް އެ ޓީމުގައި ހުރީ. ގްރީން ސްޓްރީޓްގައި ތިބި ގިނަ ކުޅުންތެރިންނަކީ ކުރިން ފުރަތަމަ ޑިވިޝަންގެ ނަން މަޝްހޫރު ޓީމުތަކުގައި ކުރިން ކުޅެފައިވާ ކުޅުންތެރިން. އެ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން އެ ޓީމުން އަންނަނީ ހިފަމުން،" ސެކުލޮސްކީ ބުންޏެވެ.

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ އަސަދުﷲ (މ) އެ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ އަސަދުﷲ (މ) އެ ޓީމުގެ އެހެން ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ގްރީން ސްޓްރީޓްސް އަކީ މޮޅުވުމަށް ވަރަށް ބުރަކޮށް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ ޓީމެއް ކަމަށެވެ.

"ގްރީން ސްޓްރީޓްސް އަކީ ކޯޗު ބުނާގޮތަށް ވަރަށް ޑިސިޕްލިންއާ އެކު ކުޅޭ ޓީމެއް. ވަރަށް ވާދަވެރި ފުޓްބޯޅައެއް ކުޅެގެން ހުރިހާ ގޮތަކުން މޮޅުވާން ކުޅޭ ޓީމެއް. މިއީ މާޒިޔާ އަށް އުނދަގޫ މެޗަކަށް ވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނީ،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ މި ވަގުތު މާޒިޔާގެ ހުރިހާ ސަމާލުކަމެއް ހުރީ ގްރީން ސްޓްރީޓްސް މެޗަަށް ކަމަށާއި އޭއެފްސީ ކަޕާއި މެދު ވިސްނާނީ މި މެޗަށް ފަހު ކަމަށެވެ.

މާޒިޔާ އަކީ އެންމެ ވަރުގަދަ ޓީމު، ގްރީން ސްޓްރީޓްސް އިން ދުލެއް ނުދޭނެ"

ގްރީން ސްޓްރީޓްސް އަށް މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައިދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދިނުމަށް ފަހު ކޯޗު ސޮބާހު މުހައްމަދު ބުނީ އޭނާ މަސައްކަތް ކުރާނީ އެ ޓީމަކީ ވާދަވެރި ވަރުގަދަ ފުޓްބޯޅަ ކްލަަބަކަށް ހެދުމަށް ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ އަލަތު މެޗުން ވިކްޓަރީ ބަލިކޮށް ޖެހިގެން އައި މެޗުގައި ވެލެންސިއާ އެއްވަރު ކުރުމަށް ފަހު ސޮބާ މާދަމާރޭ ނުކުންނާނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ.

"އަޅުގަނޑުމެން މި ފަހަރު މި ނުކުންނަަނީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް. ކުޅުންތެރިންނަށް ބެލިޔަސް ކޯޗަށް ބެލިޔަސް އެންމެ ރަނގަޅު ޓީމު މިއީ އަޅުގަނޑަށް. އަދި މި ޓީމުގައި މިހުރީ އަޅުގަނޑަށް މި ސީޒަނުގައި ފެނުނު އެންމެ މޮޅު ކޯޗު. އެއީ މި ޓީމު ތައްޔާރުވެފައި އޮތީ ހަމައެކަނި ލީގަކަށް ނޫން. އޭއެފްސީ ކަޕަށް ވެސް ވަރަށް ރަނގަޅަށް ތައްޔާރުވެފައި،" މެޗުގެ ކުރިން ސޮބާ ބުންޏެވެ.

ސޮބާ ބުނީ މިއީ ގްރީން ސްޓްރީޓްސް އަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު މެޗު ކަމަށެވެ.

"މިއީ މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު މެޗު. އެކަމަކު އެއްވެސް މެޗަކަށް އަޅުގަނޑު ނުދާނަން ހުސްއަތާ ގެއަށް ދާކަށެއް. އެއީ އަޅުގަނޑު ވިސްނުމުގައި ވެސް ހުންނަ ކަމެއް ނޫން. ލޭގައި ވެސް ހުރި ކަމެއް ނޫން. ވަކި ގޮތަކަށް ފަރުޖައްސާލަން މެޗަކަށް ނުދާނަން. ދާނީ ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެން ރަނގަޅު ނަތީޖާއެއް ނެރެން،" އޭނާ ބުންޏެވެ. "އެއްވެސް ވަރަކަށް އެއްވެސް ޓީމަކަށް ދުލެއް ނުދޭނަން. ކުރީ ދެ މެޗުހެން ފުރަތަމަ މިނިޓުން ފެށިގެން ފަހު މިނިޓާ ހަމައަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން."

ގްރީން ސްޓްރީޓްސްގެ ޑިމިޓްރޯ (ވ) ވެލެންސިއާގެ ވިސާމް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ޑިމިޓްރޯ (ވ) ވެލެންސިއާގެ ވިސާމް ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސޮބާ ބުނީ ކުރިން ކުޅުނު ދެ މެޗާ މާދަމާރޭގެ މެޗު މުޅިން ތަފާތު ކަމަށެވެ.

"ވެލެންސިއާ އާއި ވިކްޓަރީ މި ވަގުތު އޮތް ހާލަތަށް ބަލާއިރު މާޒިޔާއާ އަޅައެއް ނުކިޔޭނެ. އެކަމު އެ ދެ ޓީމަށް ވެސް އަޅުގަނޑު އިހުތިރާމްކުރަން. މާޒިޔާ މެޗު އެ ދެ މެޗަށް ވުރެން މާ އުނދަގޫވާނެ އަޅުގަނޑުމެންނަށް،" ސޮބާ ބުންޏެވެ.

ލީގުގެ ކޮންމެ މެޗެއްގައި ވެސް ކުޅެން ޖެހޭނީ ވަރަށް ވިސްނައިގެން ކަަމަށާއި މޮޅުވާނީ އެ ދުވަހަކު ހުރިހާ ގޮތަކުން އެންމެ ރަނގަޅަށް ހިތްވަރު ކުރާ ޓީމުކަމަށް ސޮބާ ވަނީ ބުނެފަ އެވެ.

"ރާއްޖޭގެ މި ވަގުތު އަލީ އަޝްފާގެއް ނެތް. މާ ތަފާތު މީހެއް ވެސް ނުފެނޭ. ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް. އެ ދުވަހެއްގައި ވޯކް ރޭޓާއި ކޮމިޓްމަންޓް ހުރި ވަރަކުން މޮޅުވާ ޓީމެއް ކަނޑައެޅޭނީ. އެއީ ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އެކަން ހިނގާގޮތް،" ސޮބާ ބުންޏެވެ.

ސޮބާ އާއި ސެކުލޮސްކީ ވެސް ވަނީ ހަވީރު ގަޑީގައި ކުޅެން ޖެހޭ މެޗުތަކުގައި ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވާ ކަމަށް ބުނެފަ އެވެ. އަދި މި މެޗު ރޭގަނޑު ކުޅުމަކީ ދެ ޓީމަށް ވެސް ފައިދާ ބޮޑު ކަމެއް ކަމަށް ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.