09 މާޗް 2017
ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހި ދެ ލަނޑާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އަތުން 3-0 އިން މޮޅުވެ މާޒިޔާ އިން އޭއެފްސީ ކަޕުގެ ކުރިން ހިތްވަރު ހޯދައިފި އެވެ.
ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހި ދެ ލަނޑާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އަތުން 3-0 އިން މޮޅުވެ މާޒިޔާ އިން އޭއެފްސީ ކަޕުގެ ކުރިން ހިތްވަރު ހޯދައިފި އެވެ.
މި މޮޅާ އެކު މާޒިޔާ ވަނީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ އެއްވަރަށް ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ނިއު އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ފުރަތަމަ ޑިވިޝަންގައި މި ފަހަރު އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މާޒިޔާ އަށް ދެން އޮތީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި އަންނަ ހަފުތާގައި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗެވެ.
މިރޭގެ މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ސަސްޕެންޝަންގެ ސަބަބުން އެ ޓީމުގެ ޔޫކްރޭން މިޑްފީލްޑަރު ސުބޮލް އިލިއާ ނުލައި ކުޅެން ޖެހުމެވެ. އަދި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު ޝައްފާޒް (ސައްޕޭ) ވެސް ނުކުޅެ އެވެ. މި މެޗުގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ވެސް ކުޅެފައިވަނީ ދާދި އެއްގޮތް ޖާޒީއެއްގަ އެވެ. އޭގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް އުނދަގޫތަކެއް ދިމާވި އެވެ.
މި މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާ އިންނެވެ. މެޗުގެ އަށް ވަނަ މިނިޓްގައި އޭރިއާ ތެރެއިން މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗުގެ 10 ވަނަ މިނިޓްގައި މާޒިޔާގެ ގާސިމް ސައްމާމް އެ ޓީމުގެ އެހެން ކުޅުންތެރިޔަކަށް ދޭން ޖައްސާލި ބޯޅަ ލިބުނީ އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އަށެވެ. އައްމަޑޭ މާޒިޔާ ކުޅުންތެރިއަކު ކައިިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ މާޒިޔާ ކީޕަރު ޕަވެލް މަޓިއަޝް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފްގެ ފުރަތަމަ 20 މިނިޓަށް ފަހު މާޒިޔާ އިން އެޓޭކް ގިނަކުރި އެވެ. މުޅި މެޗުގައި ވެސް އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔަކީ މާޒިޔާގެ ސާބިއާ ފޯވާޑް އަލެކްސަންޑަ ރަކިޗް އެވެ. އޭނާ އަށް ލިބުނު ބޯޅަތަކުގައި ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކޮށްދިނެވެ.
އެގޮތުން ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ރަކިޗް ފޮނުވާލި ޝޮޓް ގްރީން ސްޓްރީޓްސް ކީޕަރު ޖުން ކޮޗީ ވަނީ މަތަކޮށްފަ އެެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނިޓްގައި ކައުންޓަ އެޓޭކެއްގައި އޭރިއާ ތެރެެއިން މާޒިޔާގެ ކެޕްޓަން އަސަދުﷲ ފޮނުވާލި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މި ހާފްގެ ފަހު ވަގުތު މާޒިޔާގެ މުހައްމަދު އުމެއިރު ވަނީ ރަނގަޅު ދެ ހަމަލާއެއް އުފައްދައިފަ އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ރަކިޗް ހުސްކޮށްލާފައި އުމެއިރަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ ކީޕަރު ކޮޗީ އަތަށެވެ.
ގްރީން ސްޓްރީޓްސް ދެ ކުޅުންތެރިން ކައިރިން މާޒިޔާގެ އުމެއިރު (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އޭރިއާ ބޭރުން އުމެއިރު ފޮނުވާލި ޝޮޓް ދިޔައީ ގޯލުގެ އިންޗިއެއްހާ ބޭރުންނެވެ.
މާޒިޔާ އިން ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. ސައްމާމްގެ ބަދަލުގައި އޭނާގެ ކޮއްކޮ ސަމޫހު އަލީ (ސަމުއްޓޭ) ޓީމުގައި ހިމަނައިގެންނެވެ.
ދެ ވަަނަ ހާފް ފެށިގެން ތިން ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން މާޒިޔާ އަށް ލީޑު ނަގައިދިނީ އަަސަދުﷲ އެވެ. މި ޕެނަލްޓީ އަކީ ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް އޭރިއާގެ ތެރެއިން މާޒިޔާގެ އުމެއިރަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މާޒިޔާ އިން ކުޅުން ރަނގަޅުކޮށް އިތުރަށް ހަމަލާތައް ވަރުގަދަ ކުރި އެވެ. އެ ޓީމުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. މި ލަނޑަކީ ހާފްގެ މެދުތެރެއިން ލިބުނު ހިލޭ ޖެހުމަކުން ރަކިޗް ކާމިޔާބުކުރި ލަނޑެކެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.
މެޗުގެ 74 ވަނަ މިނިޓްގައި ރަކިޗަށް އިތުރު ލަނޑެއް ޖެހުމަށް ހުސް ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އޭރިއާ ތެރެެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މާޒިޔާގެ ތިން ވަނަ ލަނޑު މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަސަދުﷲ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ކީޕަރު ކޮޗީ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިރޭގެ ދެ ލަނޑާ އެކު އަސަދުﷲ ވަނީ ސީޒަނުގެ މިހާތަނަށް ހަތަރު ލަނޑު ޖަހައިފަ އެވެ.
އިތުރު ލަނޑެއް ޖަހަން މާޒިޔާގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އަމާޒުވީ ކީޕަރު ކޮޗީ އަތަށެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ މިއީ ފުރިހަމަ މޮޅެއް ކަމަށެވެ.
"މިއީ އަހަރެމެންނަށް ލިބުނު ފުރިހަމަ މޮޅެއް. ތިން ގޯލު ފެނިއްޖެ. ފުރަތަމަ ހާފްގައި ދަށްކޮށްދިޔަ ނަމަވެސް ދެ ވަނަ ހާފްގައި އެކަން ރަނގަޅުކޮށް ހުރިހާ ކުޅުންތެރިން އެކުވެގެން ރަނގަޅު ނަތީޖާ ނެރެދީފި. މިއީ ކުރިއަށްދާން ބަލާއިރު ލިބިގެންދިޔަ ހިތްވަރެއް،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ ތިން މެޗު ކުޅުނުއިރު ކޮޅަށް ލަނޑެއް ނުވަދެ އޮތުމަކީ ދެން އޮތް މެޗުތަކަށްދާއިރު ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި އެ ޓީމުން ކުރި ހިތްވަރު ފެނިފައި ކުރިއަށް ހުރި މެޗުތަކާ މެދު ކުރެވޭ އުއްމީދު ބޮޑުވެއްޖެ ކަމަށެވެ.
"އެންމެ ރަނގަޅަށް ތައްޔާރުވި ޓީމާ މި ކުޅުނީ ގައުމީ ޓީމުގެ އަށެއްކަ ކުޅުންތެރިންނާއި ރަނގަޅު ބިދޭސީ ކުޅުންތެރިންނާ އެކު އޮތް ޓީމެއް ކައިރީގައި ވަރަށް ރަނގަޅަށް އަޅުގަނޑުމެން ކުޅެފިން. މުހިއްމު ދެ ކުޅުންތެރިން ނުލައި ކުރި ހިތްވަރު ފެނިއްޖެ. މާޒިޔާ އިން ޕެނަލްޓީ އަކާއި ފްރީކިކަކުން ދެ ލަނޑު ޖެހުމުން މެޗު އަހަރެމެން އަތުން ގޮސްފި،" ސޮބާ ބުންޏެވެ.
ލީގުގައި ފުރަތަމަ ފަހަރަށް ބަލިވި ނަމަވެސް މިއީ ބޮޑު މާޔޫސްކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
"މިއީ ލިބުނު މާޔޫސްކަމެއް ނޫން. އަޅުގަނޑުމެން ވެސް ވަކި ކަންތައްތަކެއް ޓާގެޓްކުރާ މެޗުތަކެއް އަންނާނެ. ގްރީން ސްޓްރީޓްސް ވެސް މިއަށްވުރެން ރަނގަޅަށް ކުޅެގެން މޮޅުވެގެން ފައިބާނެ މެޗުތައް އަދި އަންނާނެ. އެ ޔަގީންކަން މި މެޗުން ވެސް އަޅުގަނޑަށް ފެނުނު،" ސޮބާ ބުންޏެވެ.
މާޒިޔާ ބަލިކޮށް ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގާ ގާތަށް
ގްރީން އިން ކުޅޭ ގޭމް މާޒިޔާ އަށް އެނގޭ: ސެކުލޮސްކީ
މާޒިޔާ މެޗު، ގްރީން ސްޓްރީޓްސް އަށް ބޮޑު ޓެސްޓެއް!
ގްރީން އިން ފަހު ވަގުތު މާޒިޔާއާ އެއްވަރުކޮށްފި
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް
ފޯމަށް އެޅެން އަސަދުﷲ އަށް ބޭނުންވަނީ އެންމެ ލަނޑެއް
މާޒިޔާއަކީ އަދިވެސް އެންމެ ވަރުގަދަ ޓީމު: ސޮބާ