Roadha Mihaaru
މާޒިޔާ ވަރުގަދަ، އެކަމަކު ބަލިކުރެވޭނެ: ނަޒީހު

މާޒިޔާ ވަރުގަދަ، އެކަމަކު ބަލިކުރެވޭނެ: ނަޒީހު

29 އެޕްރީލް 2017

މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު މާޒިޔާ އަކީ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެހެން ނަމަވެސް އެ ޓީމު ވެސް ބަލިކުރެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށް މިއަދު އެ ޓީމާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު މާޒިޔާ އަކީ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެހެން ނަމަވެސް އެ ޓީމު ވެސް ބަލިކުރެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށް މިއަދު އެ ޓީމާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

ލީގުގެ ދެ ވަނައިގައި މާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާ އެކު އެވެ. އެއް ވަަނައިގައި އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން ހަމަކުރަން މާޒިޔާ އަށް މިއަދުގެ މެޗުގެ ތިން ޕޮއިންޓް މުހިއްމެވެ. ޔުނައިޓެޑް ވިކްޓަރީ ލީގުގެ ފުރަތަމަ ހަތަރު މެޗުން ބަލިވި ނަމަވެސް ނަޒީހު އެ ޓީމާ ހަވާލުވެ އެންމެ ފަހުން ކުޅުނު މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.

މިއަދުގެ މެޗުގެ ކުރިން ނަޒީހު ބުނީ މިއީ ޔުނައިޓެޑް ވިކްޓަރީ އަށް ކުރިމަތިވާނެ އެންމެ އުނދަގޫ އެއް މެޗު ކަމަށެވެ.

"ނަތީޖާތަަކަށް ބަލާއިރު މާޒިޔާ އަކީ މި ވަގުތު ލީގުގައި ކުޅޭ އެންމެ ވަރުގަދަ ޓީމު. އެ ހުރިހާ ގޮތަކަށް ބަލާއިރު މެޗު ފަސޭހައެއް ނުވާނެ. އެކަމު ގަބޫލުކުރަން އެބަޖެހޭ ކޮންމެ ބައެއް ވެސް ބަލިކުރެވޭނެ. މި ލީގުގައި ހަމަ ބޮޑެތި ޓީމުތަށް ބަލިވެފައިހުރީ މާޒީގައި ވެސް. މާޒިޔާ އަށް މިއަދު ގޯސްގޮތެއް ހެދޭތޯ މި ބަލަނީ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ އެއްވެސް ކްލަބަކަށް ހުރިހާ މެޗެއް އެއް ފެންވަރެއްގައި ނުކުޅެވޭނެ ކަމަށާއި ފުޓްބޯޅައިގައި ގޯސް ދުވަހާއި ރަނގަޅު ދުވަސް ވެސް އަންނަކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ނަތީޖާތަކަށް ބަލާއިރު މާޒިޔާ ކޮޅަށް މި މެޗު ވަރަށް ބޮޑަށް ބުރަވޭ. ހަނދުކޭތަ އަކީ ވެސް ހިފާ އެއްޗެއް ކޮންމެ ދުވަހަކު ނުހިފިޔަސް. އަޅުގަނޑު މި ބަލަނީ އެ ދުވަހު ކޭތަ ހިފާނެ ކަމަށް. އަޅުގަނޑުމެންގެ ރަނގަޅު ދުވަހަކާ މާޒިޔާގެ އެވްރެޖް ދުވަހެއް ދިމާވިޔަސް ރަނގަޅުވާނެ. މާޒިޔާގެ ރަނގަޅު ދުވަސްތައް ކުރިން ދިޔައީ އުއްމީދުކުރަނީ މިއީ މާޒިޔާގެ ދަށް ދުވަހަކަށް ވާނެ ކަމަށް،" ނަޒީހު ބުންޏެވެ.

ލީގުގައި އެންމެ ފަހުން ވެލެންސިއާ އަތުން މޮޅުވި މެޗަކީ ޔުނައިޓެޑް ވިކްޓަރީން މި ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗެވެ. ނަޒީހު ބުނީ އަމާޒަކީ އެ މެޗުގައި ދެއްކި ކުޅުން ތަކުރާރު ކުރުން ކަމަށެވެ.

"ފުޓްބޯޅައިގެ ހުރިހާ ގޮތަކުން ބަލާއިރު ވެސް ވެލެންސިއާ އަށް ވުރެން މޮޅަށް ކުޅެގެން މޮޅުވީ. އޭތި ރިޕީޓް ކުރެވިއްޖިއްޔާ ހަމަ ޔަގީން މާޒިޔާ އަތުން ވެސް މޮޅުވެވޭނެ،" އޭނާ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީއާ ހަވާލުވިއިރު އެ ޓީމުގެ ހާލަތު އެނގޭ ކަމަށާއި ކަންތައްތައް ދަނީ ޕްލޭނާ އެއްގޮތަށް ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ.

ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑަކީ އެއްގޮތަކަށް ވެސް ޝަކުވާކުރާ މީހެއް ނޫން. ބަލިވީމަ ބަލި ގަބޫލުކުރާ މީހެއް. ކުށް ގަބޫލުކޮށްގެންތާ އެކަން ރަނގަޅުކުރެވޭނީ. އަޅުގަނޑު މިއަށް (ޔުނައިޓެޑް ވިކްޓަރީ) އަށް އައިސް ބުނިން ވަގުތުކޮޅެއް ދެއްޗޭ. އަޅުގަނޑު ހަވާލުވެގެން ހަތަރު ހަފްތާއެއް ދިޔައިރު އެބަފެނޭ އެ ތަފާތު،" މީގެ ކުރިން ވީބީ އައްޑޫ އެފްސީ އަދި ވިކްޓަރީ އަށް ވެސް ކޯޗުކޮށްދިން ނަޒީހު ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީ އަކީ މި ސީޒަނަށް އެންމެ ލަހުން ޕްރެކްޓިސް ފެށި ޓީމެވެ. ރަނގަޅު ޓީމެއް އެކުލަވާނުލެވުމާއި އެހެނިހެން މައްސަލަތައް ޓީމުގައި ހުުރުމުން ޓާގެޓެއް ކަނޑައަޅަން ދަތިތަކެއް ހުރި ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އަހުމަދު އާތިފް (އާތީ) ވަނީ ފާހަގަކޮށްފަ އެވެ. އެކަމު ނަޒީހުގެ ވިސްނުން ތަފާތެވެ. އޭނާ ބުނީ ކުޅުންތެރިންގެ ވިސްނުމަށް ބަދަލު ގެނެސްގެން ރަނގަޅު ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ކުޅުންތެރިންނަށް ވިސްނަދޭންވީ އަހަރެމެން މިއުޅެނީ ދެ ވަނަ ޑިވިޝަނަށް ނުދާވަރު ކޮށްލާށޭ. އެހެނެއް ނޫން. އެގޮތަށް ވިސްނައިދީފިއްޔާ އެ ކުޅުންތެރިންގެ ވިސްނުން ވެސް ހުންނާނީ އެ ހިސާބުގައި. އެކަމު އަޅުގަނޑު ވިސްނުން ބަހައްޓާނީ މޮޅުވެވޭނެކަމަށް ކޮންމެ ޓީމެއް އަތުން ވެސް. އެގޮތަށް ވިސްނައިގެން އެކަމަކަށް މަސައްކަތް ކުރެވޭނީ. މާކުރިން ބަލި ގަބޫލުކުރުމަކީ އަޅުގަނޑުގެ ގޮތެއް ނޫން،" ނަޒީހު ބުންޏެވެ.

"އަޅުގަނޑު އަތުގައި އޮތް ޓީމާ ކުޅެން ޖެހޭ މެޗުތަކަށް ބަލާއިރު ހަތަރެއް ފަހެއް އެ ހިސާބުގައި ނިންމާލެވޭނެ ކަމަށް މި ބަލަނީ. ހަތަރަކަށް ވިސްނައިފިއްޔާ ފަހަކަށް އެރޭނެ. ހަނދަށް ދާން މަސައްކަތް ކޮށްފިއްޔާ ހަމަ ގައިމު ވެސް އެއާ ކައިރިއަށް ދެވޭނެތާ."

އޭއެފްސީ ކަޕުގައި ބުދަ ދުވަހު މޯހަން ބަގާންއާ ދެކޮޅަށް ކުޅެން ޖެހޭތީ އެ މެޗަށް ތައްޔާރުވުމަށް ވަގުތު ހޯދުމުގެ ގޮތުން މާޒިޔާ އިން ވަނީ މިއަދުގެ މެޗު ލަސްކޮށްދިނުމަށް އެފްއޭއެމުގައި އެދިފަ އެވެ. އެހެން ނަމަވެސް އެފްއޭއެމުން މެޗު ލަސްކޮށްނުދިނެވެ.

މާޒިޔާ ކޯޗު މަރްޔާން ސެކުލޮސްކީ ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް ކޮންމެ ހާލަތެއްގައި އޮތަސް ޓާގެޓަކީ މޮޅެއް ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ. މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗު ފަށާނީ މިއަދު ހަތަރެއް ޖަހާއިރު އެވެ.