Roadha Mihaaru
ސައީދުގެ ބަހުގެ ހޫނު ހަމަލާތަކެއް މައުމޫނާއި ނަޝީދަށް

މިނިސްޓަރު ސައީދުގެ ބަހުގެ ހޫނު ހަމަލާތަކެއް މައުމޫނާއި ނަޝީދަށް

07 ޖުލައި 2017

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބަހުގެ ހޫނު ހަމަލާތަކެއް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދަށް ދެއްވައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބަހުގެ ހޫނު ހަމަލާތަކެއް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދަށް ދެއްވައިފި އެވެ.

ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާ މަދު މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައީދު ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، މައުމޫނަކީ ޖަލުގައި ލާއިންސާނީ އަނިޔާ އެތައް ބަޔަކަށް ދިން ވެރިއެއްކަން ބުނެދިނީ ނަޝީދު ކަމަށެވެ. އަދި "ނަޝީދަކީ ލާދީނީ މީހެއްކަން" ވެސް ބުނެދިނީ މައުމޫން ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމާއި ދީނަށް ޚިޔާނާތްތެރިވުމުގެ ތުހުމަތު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވުމަށް ފަހު، މައުމޫނާއި ނަޝީދު އެކުގައި މަސައްކަތް ކުރައްވަން ފައްޓަވައި މާފު ކުރެއްވީ ކަމަށް ވިދާޅުވާ ކަމަށެވެ.

"ގައުމާއި ދީނަށް ވީ ޚިޔާނާތަށް މި ދެ މީހުން އެކަކު އަނެކަކަށް މާފު ކުރެއްވީމާ އެ ނިމުނީތޯ،" ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ވެސް އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ސައީދު ސުވާލު ކުރެއްވި އެވެ.

ކުރިން ސިޔާސީ ދެ ހަތުރުންގެ ގޮތުގައި ތިއްބެވި މައުމޫނާއި ނަޝީދުގެ ސިޔާސީ ގުޅުން ވަރުގަދަވާތީ ސައީދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، މިދިޔަ ހޯމަދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވެފައި ވަނީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ނަޝީދާ އެކު މިވަގުތު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުން ކަމަށެވެ.

"އަޅުގަނޑުގެ ފަރާތުން ވެސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން އެންމެ އެކަށީގެން ނުވާ ގޮތަށް ކަންތައްތައް ކުރެވިފައި އޮވެދާނެ. އެމަނިކުފާނަށް ވެސް އަޅުގަނޑާ ބެހޭ ގޮތުން ކަންތައްތަކެއް ކުރެވިފައި އޮވެދާނެ. އެކަމަކު އެކަންތައްތައް މާޒީވެ ގޮސްފި،" ޖުމްހޫރީ ޕާޓީގެ ހަރުގެ ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ ފަރުދީ ފެންވަރެއްގައެއް ނޫނޭ. ޒާތީ ފެންވަރެއްގައެއް ނޫނޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އުސޫލީ ފެންވަރެއްގައޭ."

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މިދިޔަ ހޯމަދުވަހު މަޖިލީހަށް ވެއްދި މައްސަލާގައި ވެސް ސައީދު ކުރިން ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ މަސީހް މަގާމުން ވަކިކުރަން އުޅެނީ ވިޔަފާރިވެރިންތަކެއް ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކަންވެގެން ދައްކާ ބަހަނާއެއްގެ ގޮތުގައި ކަމަށެވެ.

ސައީދު އެގޮތަށް ވިދާޅުވި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދަން ދައުލަތުން ވަނީ އެ ކުންފުނިތަކާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

އެ ބޭފުޅުންގެ ނަންތައް ސައީދު ވިދާޅުނުވާއިރު، ސައީދަކީ ރައީސް ޔާމީންގެ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ގާސިމްގެ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. އަދި ސައީދު ވަނީ ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. މިނިސްޓަރުކަމަށް ސައީދު ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށް ވިޔަސް ފަހުން ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.